މިފަހަރުގެ ޓްރާސްފާ މާކެޓްގެ އެންމެ ގިނަ ބަޔަކަށް ސިހުން ގެނުވައި، އެތައް ކަމެއް ބަދަލުކޮށްލި ޓްރާސްފާތަކަށް ވެފައިވަނީ، ބާސެލޯނާގައި މުޅި ކެރިއަރު ހޭދަކުރަމުންދިޔަ ލިއޮނަލް މެސީއާއި، ޖުވެންޓަސް އަށް ކުޅެމުންދާ ކްރިސްޓިއާނޯ ރޮނާލްޑޯގެ ޓްރާސްފާއެވެ.
ދުނިޔޭގައި އުފެދުނު އެންމެ މޮޅުކުޅުންތެރިޔާކަމަށް ގިނަ ބަޔަކު ގަބޫލްކުރާ އެއް ކުޅުންތެރިޔާ ކަމަށްވާ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ފަރަންސޭސި ލީގް އާންގެ އެންމެ ފާހަގަ ކޮށްލެވޭ ކްލަބްކަމަށްވާ ޕެރިސް ސެއިންޓް ޖަރމެއިންއަށް ސޮއިކޮށްފައިވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ.
މެސީ ވަނީ ބާރސާއަށް 778 މެޗް ކުޅޭދީ 672 ލަނޑު ޖަހާދީފައެވެ. އުމުރުން 13 އަހަރުގައި ބާރސާއާއި ގުޅުނު މެސީ އަކީ އެކްލަބަށް މިހާތަނަށް އެންމެ ގިނަ ލަނޑު ޖަހާދީފައިވާ ކުޅުންތެރިޔާއެވެ. އަދި އެމުއްދަތުގެ ތެރޭގައި އޭނާވަނީ ބެލޮން ޑިއޯ ހަފަރު ކާމިޔާބުކޮށްފައެވެ. އަދި 35 ތަސި ބާރސާއާއެކު ހޯދާފައިވެއެވެ. މިހާރު މެސިގެ އުންމީދަކީ ޕީއެސްޖީއާއެކުވެސް ގިނަ މުބާރާތްތަކެއް ކާމިޔާބު ކުރުމެވެ.
މެސީއާއިއެކު 22 މިލިއަން ސަޕޯޓަރުން ޕީއެސްޖީއަށް:
ޕީއެސްޖީއަށް މެސީ ބަދަލުވި އިރު ގިނަ އަދަދެއްގެ ސަޕޯޓަރުން ތަކެއްވެސް ވަނީ ޕީއެސްޖީއަށް ބަދަލުވެފަ އެވެ. މެސީ ޕީއެސްޖީއަށް ބަދަލުވުމުގެ ކުރިން އިންސްޓަގްރާމުގައި ޕީއެސްޖީ ފޮލޯ ކުރަނީ 19.8 މިލިއަން މީހުންނެވެ. ނަމަވެސް މިހާރު އެ އަދަދު ވަނީ 42.4 މިލިއަނަށް އަރާފަ އެވެ. މިއީ 22.6 މިލިއަނުގެ ތަފާތެކެވެ. މެސީ ޕީއެސްޖީއަށް ސޮއި ކުރިކަން އެކްލަބުން އަންގާފައިވަނީ ޑްރޯން ވީޑިއޯ އަކުންނެވެ. އެ ވީޑިއޯގައި މެސީ ހުންނަނީ ދަނޑުގެ މެދުރޮނގު މަތީގައި ބޯޅައެއް ހިފައިގެންނެވެ. އަދި މެސީ ލާފައި ވަނި 30 ނަންބަރު ޖާޒީ އެކެވެ.
މެސީގެ މެޗްތައް ބަލަން ޕީކޭ ލީގު 1ގެ ބްރޮޑްކާސްޓިން ރައިޓްސް ގަނެފި:
ލައިނަލް މެސީ ޕީއެސްޖީގައި ކުޅޭ ފުރަތަމަ މެޗު ބަލަން ބާސެލޯނާގެ ކެޕްޓަން ޖެރާޑް ޕީކޭ ލީގު 1 ގެ ބްރޯޑްކާސްޓިން ރައިޓްސް ވަނީ ގަނެފައެވެ. މީގެ ކުރިން ލީގު 1 ގެ މެޗުތައް ސްޕެއިންގައި ދައްކަމުން އައީ ސްޕެއިންގެ މޫވީސްޓާ ޓީވީ ޗެނަލްއިންނެވެ. ރިޕޯޓުތައް ބުނާ ގޮތުން ޕީކޭގެ ކުންފުނިން މަސައްކަތް ކުރަމުން އަންނަނީ ސަބް ލައިސަންސް ކޮށްގެން މި ޓީވީ ޗެނަލްއިން ނުވަތަ ސްޕެއިންގެ އެންމެ ޓޮޕް މީޑިއާ ތަކުން ލީގު 1 ގެ މެޗުތައް ދެއްކުމަށެވެ.
ޕީއެސްޖީގައި މެސީގެ ފުރަތަމަ ފެނިލާނެ ކަމަށް ބެލެވެނީ މިރޭ ރެއިމްސްގެ ދަނޑުގައި ޕީއެސްޖީ އާއި ރެއިމްސް ބައްދަލުކުރާ މެޗުގަ އެވެ. ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނީ މި މެޗު ބެލުމަށް އިންތިޒާރު ކުރަމުންނެވެ. އެގޮތުން ރެއިމްސްގެ ޓިކެޓް އޮފީސް މެނޭޖަރު އަލެކްސާންޑްރާ ޖީނިން ބުނީ މި މެޗު ބެލުމަށްޓަކައި ދުނިޔޭގެ އެކި ކަންކޮޅުތަކުން މީހުން ޓިކެޓު ގަންނަމުން އަންނަ ކަމަށެވެ.
ސިޓީއާއި އެތައް މަޝަވަރާތަކެއް ކުރުމަށްފަހު ފަހު ވަގުތު ރޮނާލްޑޯ ކުރީގެ ކްލަބް މެޗެސްޓަރ ޔުނައިޓެޑަށް:
އިޓަލިއަން ސެރީއާގެ ޔުވެންޓަސްއަށް ކުޅެމުންދާ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ މެންޗެސްޓަރ ޔުނައިޓެޑަށް ގެންދިއުމަށް އެއްބަސްވުމަކަށް އާދެވިފައިވާކަމަށް ޔުނައިޓެޑުން ހާމަކޮށްފިއެވެ. އެކްލަބުން ހާމަކުރިގޮތުގައި ރޮނާލްޑޯ ގެންދިއުމަށް މިހާރު 12.8 މިލިއަން ޕައުންޑްގެ އަގަކަށް އެއްބަސްވެވިފައިކަމަށެވެ.
ޔުނައިޓެޑުން ބުނީ މިހާރު ދެން އޮތީ ރޮނާލްޑޯގެ އަމިއްލަ ކަންތައްތަކަށް އެއްބަސްވުމަކަށް އައުމާއި ވިސާ ހަމަޖެއްސުމާއި މެޑިކަލް ހެދުން ކަމަށެވެ. ރޮނާލްޑޯ ވަނީ އޭނާ ޔުނައިޓެޑަށް ކުރިން ކުޅުނު އިރު 292 މެޗްގައި 118 ލަނޑު ޖަހައިދީފައެވެ. ރޮނާލްޑޯ ޔުނައިޓެޑަށް ގެންދިއުމުގެ ކަންތައްތައް ހަމަޖެހިގެން މިދިޔައީ ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ހިނގާދިޔަ ކަންތައްތަކާއެކުއެވެ.
އަގުބޮޑު ރޮނާލްޑޯ މިފަހަރު ބަދަލުވީ ކުޑައަކަށް:
105 މިލިއަން ޑޮލަރު ދިނުމަށް ފަހު ޔުވެންޓަސް އިން ގަތް ކްރިސްޓިއާނޯ ރޮނާލްޑޯ މެންޗެސްޓާ ޔުނައިޓެޑަށް ވިއްކާލީ 23.5 މިލިއަން ޑޮލަރަށެވެ. ޔުވެންޓަސް އިން އެންމެ ފުރަތަމަ ކީ އަގަކީ 14 މިލިއަން ޑޮލަރެވެ. އޭގެ ފަހުން 17 މިލިއަން ޑޮލަރަށް މުއާމަލާތް ބަދަލުވެ އަސްލު އަގަކީ އެއީ ކަމަށް ނިންމި އެވެ. އަދި ބޯނަސްގެ ގޮތުގައި އިތުރު ހަ މިލިއަން ޑޮލަރު ހިމެނުމުން ޖުމުލަ އަގަކީ 23 މިލިއަނެވެ.
ސްޕޯޓިން ލިޒްބަން އިން 2003 ގައި ޔުނައިޓެޑަށް ބަދަލުވެ ރޮނާލްޑޯ އޭރު އެދުނީ 28 ނަންބަރު ޖޯޒީ ދިނުމަށެވެ. ނަމަވެސް އޭނާ އަށް ހަތް ނަންބަރު ޖޯޒީ ދޭން ނިންމީ ޔުނައިޓެޑްގެ އޭރުގެ ކޯޗު އެލްކްސް ފާގަސަން އެވެ. މިފަހަރު ހަތް ނަންބަރު ލިބެން ނެތުމުން ރޮނާލްޑޯ ބޭނުން ކުރާނެ ކަމަށް ބެލެވެނީ 28 ނަންބަރެވެ. އެ ނަންބަރު ޔުނައިޓެޑްގައި އެންމެ ފަހުން ބޭނުން ކުރީ ޒުވާން ފޯވަޑް ފެކްންޑޯ ޕެލިސްޓްރީ އެވެ.