އިޓާލިއަން ލީގުގައި ހުކުރު ދުވަހުގެރޭ ހެލަސް ވެރޯނާ އަތުން ފަހަތުން އަރައި އެންމެ ފަހުގެ ޗެމްޕިއަން އިންޓަ މިލާން މޮޅުވެއްޖެއެވެ.
މެޗު ފެށިތާ 15 މިނިޓް ތެރޭގައި ވެރޯނާ އިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މިގޯލް އެޓީމަށް ކާމިޔާބް ކޮށްދިނީ އިވާން އިލިޗް އެވެ.
މި މެޗުގެ ފުރަތަމަ ހާފު ވެރޯނާ ލީޑުގައި އޮވެ ނިންމާލި ނަމަވެސް، ދެވަނަ ހާފު ފަށައިގެން ދެވަނަ މިނެޓުގައި އިންޓައިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ލަޓާރޯ މާޓީނޭޒެވެ. އަދި މެޗުގެ 83 ވަނަ މިނެޓުގައި މަޓެއޯ ޑާމިއަން ނަގައިދިން ހުރަހަކުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޔަކީން ކޮރެއާ ވަނީ އިންޓައަށް ލީޑު ނަގައިދީފައެވެ.
މި މެޗުގައި އިންޓައިން ލީޑު ފުޅާކޮށްފައިވަނީ މެޗުގެ އިތުރު ވަގުތުގައެވެ. އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ، ދެވަނަ ލަނޑުވެސް ޖަހައިދިން ކޮރެއާއެވެ. މި މެޗުގައި ކޮރެއާ ދެ ލަނޑު ޖެހިއިރު، މި މެޗަކީ ލާޒިއޯގެ ލޯނު އެއްބަސްވުމެއްގެ ދަށުން އިންޓައަށް ބަދަލުވުމަށްފަހު އޭނާ ކުޅެދިން ފުރަތަމަ މެޗެވެ.
ކޮރޭއާ އަކީ މިދިޔަ 10 އަހަރު ތެރޭ އިންޓައާ އަލަށް ގުޅުމަށް ފަހު ފުރަތަމަ މެޗުގައި ދެ ގޯލު ޖެހި ފުރަތަމަ ކުޅުންތެރިޔާއެވެ.
ކޮމެންޓު ފޮނުވާ