މިސަރުކާރުން ވެރިކަމަށް އައުމަށް ރައްޔިތުންނަށް ވެފައިވާ ހުރިހާ ވަޢުދެއް، ފަސް އަހަރުގެ ދައުރުގެ ތެރޭގައި ފުއްދުމަކީ ކުރެވޭނެ ކަމެއްނޫންކަމަށް ގަބޫލު ކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ކުރައްވަމުން މަސައްކަތްތަކާއި ގުޅޭގޮތުން ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ ސަރުކަރުން ވެރިކަމާއި ހަވާލުވުމުގެ ކުރިން ރައްޔިތުންނަށް ވެފައިވާ ގިނަ ވައުދުތައް ފުއްދުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. ނަމަވެސް އެކަންކަމަށް ކުރިމަތިވި އެންމެ ބޮޑު ހުރަހަކީ ކޯވިޑް-19 ކަމަށެވެ. ކޯވިޑްގެ ތެރޭގައިވެސް ސަރުކާރުން އުންމީދުވެސް ނުކުރާހާ ރަނގަޅަށް ކަންކަން ކޮށްދެއްވާފައިވާކަމަށް އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ ސަރުކާރުން ވެފައިވާ ވައުދުތައް 5 އަހަރުގެ ދައުރުގެ ތެރޭގައި ފުއްދުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށް ގަބޫލު ކުރައްވާކަމަށެވެ. ނަމަވެސް ވެފައިވާ ގިނަ ވައުދުތައް ދައުރުގެ ބާކީ އޮތް ދުވަސްތަކުގައި ފުއްދުމަށް ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދާ ސްޕީޑަށް ބަލާއިރު ކުރެވޭނެ ކަމުގެ ވަރަށް ބޮޑު އުންމީދު އެބައޮތްކަމަށް އާޒިމް ވިދާޅުވިއެވެ.
އަޅުގަނޑު ދެކޭ ގޮތުގައި ކުރިއަށް އޮތް ދެއަހަރު ރައްޔިތުން ބޭނުންވާ ސްޕީޑުގައި ކަންކަން ނުވިޔަސް، ވަރަށް ގިނަ ކަންތައް ކުރާނެކަމުގެ އުންމީދު އެބައޮތް މިސަރުކާރާއި ދޭތެރޭގައި. އެހެންވީމަ ރައްޔިތުންނަށް ވީ ވަޢުދު އަޅުގަނޑުމެން ބޮލާލާ ނުޖަހާނަން. އެކަންކަން ފުއްދޭތޯ ހަމަ ޔަގީނުންވެސް މަސައްކަތް ކުރާނެ. ފަހަރުގައި ހުރިހާ ވައުދަކީ ފަސްއަހަރުގެ ތެރޭގައި ފުއްދޭނެ ކަންކަމެއްނޫން. އެހެން ނަމަވެސް އޭގެ ބޮޑުބައެއް ކުރާނެކަމަށް އަޅުގަނޑުމެން އުންމީދު މިކުރަނީ. އެޔަގީންކަން އަޅުގަނޑު އަރުވަން.
– އާޒިމް ވިދާޅުވިއެވެ
އާޒިމް ވިދާޅުވީ ކޯވިޑްގައި ސަރުކާރުން ކަންކަން މެނޭޖް ކުރުމުގައި އަމަލުކޮށްފައިވަނީ ތައުރީފް ހައްގު ގޮތަކަށް ކަމަށެވެ. އެއްވެސް މުވައްޒިފަކު ވަޒީފާއިން ވަކިނުކޮށް، މުސާރަ ކުޑަނުކޮށް، ތަރައްޤީގެ ބައެއް މަޝްރޫޢުތައްވެސް ކުރިއަށް ގެންދެވިކަމީ އުފާ ކުރަންޖެހޭ ކަމެއްކަމަށެވެ. ކޯވިޑާއި ގުޅިގެން 2 އަހަރު ސަރުކާރަށް ގެއްލިގެން ދިޔައިރުވެސް ހިތްވަރާއިއެކު ރައްޔިތުންގެ ކަންކަން ކޮށްދެއްވުމަށް ސަރުކާރުން ކުރެއްވި މަސައްކަތަށް އާޒިމް ވަނީ ތަޢުރީފް ކުރައްވާފައެވެ.
މިހާލަތުގައިވެސް ސަރުކާރުން މިކަންކަން މިނޭޖް ކުރި ކުރުން މިއީ އަޅުގަނޑުމެން ބަލައި ގަންނަންޖެހޭ ކަމެއް. ވަރަށް ރަނގަޅަށް މެނޭޖްކޮށްފި މިދަނޑިވަޅުގައި، ސަރުކާރުން ބައެއް ޕްރޮޖެކްޓްތައް ނުހުއްޓައި، ސިވިލްސާވިސް މުވައްޒިފުން ވަކިނުކޮށް، ކުންފުނިތަކުގެ މުވައްޒިފުން ވަކިނުކޮށް، މުސާރަވެސް ކުޑަނުކޮށް، ނިމިގެން މިދިޔައީ. އެހެންވީމާ މިއީ ސަރުކާރުން ވަރަށް ރަނގަޅަށް ކުރި މަސައްކަތްތަކެއް ގޮތުގައި މި ޕެންޑަމިކް އަޅުގަނޑު ސިފަކުރާނީ.
– އާޒިމް ވިދާޅުވިއެވެ.
ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް ރައްޔިތުން ވެރިޔަކު އިންތިޚާބު ކުރާއިރު އެންމެ ބޮޑު އިސްކަމެއް ދޭންވީ، ހުރި މީހާ ބަދަލުކުރުމަށް ނޫނީ، ހިތް ރުހޭ މީހަކު ގެނައުމަށް ނޫންކަމަށް އާޒިމް ވިދާޅުވިއެވެ. ރައްޔިތުން އެންމެ ބޮޑަށް ވިސްނަން ޖެހޭނީ ވެރިކަމަށް މީހަކު ކަނޑައަޅާއިރު، އެމީހަކީ ވެރިކަން ކުރެވޭނެ ޤާބިލްކަންހުރި މީހަކަށް ބެލުންކަމަށް އާޒިމް ވިދާޅުވިއެވެ. ހަމައެކަނި ވެރިމީހާ ބަދަލު ކޮށްލުމުގެ ވިސްނުމުގައި ދެވޭ ވޯޓަކީ ހައްލެއް ނޫންކަމަށް އާޒިމް ވިދާޅުވިއެވެ.
ވަރަށް ބޮޑެތިއުންމީދު ތަކެއް ދީގެން މިސަރުކާރު ވެރިކަމަށް އައީ. 2008 އިން ފެށިގެން މިހާތަނަށް ދިވެހި ރައްޔިތުން ނިކުވެ ވޯޓު ދީފައިހުރީ އޭރުގައި ހުރި މީހަކު ކަމު ނުގޮސްގެން އަބަދުވެސް ބަދަލު ކުރުމުގެ ވިސްނުމުގައި. އަޅުގަނޑު އުންމީދު ކުރަނީ ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެން ވެރިޔަކު ހޮވާއިރު، ވިސްނަން ވީކީ ހުރި މީހާ ބަދަލު ކުރުމއްވެސް ނޫން. ކޮބައިތޯ ރަނގަޅު މީހަކީ. ވަރަށް ކަންކަން ފަސޭހަވާނެ، ހުރި މީހާ ބޭރު ކުރުމުގެ ބަދަލުގައި ކަމަށް އެންމެ ރަނގަޅު މީހަކަށްވޯޓު ދިނުން އެންމެ ރަނގަޅު ވާނީ.
– އާޒިމް ވިދާޅުވިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަމުގެ ފަސް އަހަރުގެ ދައުރުގެ ތިން އަހަރު ވުމާއި ކައިރިވެފައިވާއިރު، ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ގެންދަވަނީ ފުއްދުމަށް މަަސއްކަތް ކުރަމުންނެވެ. ނަމަވެސް ކޯވިޑާއި ގުޅިގެން ބައެއް މަަސައްކަތްތައް ވަނީ މަޑު ޖެހިފައެވެ. އަދި މިހާރު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދައުރުގެ ބާކީ އޮތް ދުވަސްތަކުގައި ވެފައިވާ ވައުދުތައް ފުއްދުމަށް އޮތް ގޮންޖެހުމެވެ. ބޯހޮޔާ ވަހިކަމާއި، އަސާސީ އެނޫން ޚިދުމަތްތަކާއި، ބްރިޖް މަޝްރޫޢަކީ ސަރުކާރަށް އޮތް އެންމެ ބޮޑު ގޮންޖެހުމެވެ.
ކޮމެންޓު ފޮނުވާ