ބްރެޒިލް އިން ރާއްޖެއައި ރައްޔިތެއްގެ އަތުން 16 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު މީހާގެ ބަންދަށް 15 ދުވަސް ދީފިއެވެ.
ކަސްޓަމްސްއިން ހާމަކުރި ގޮތުގައި މިމަހުގެ 18ވަނަ ދުވަހު ވައިގެ މަގުން ބްރެޒިލްއިން ރާއްޖެ އައި އެޤައުމުގެ އުމުރުން 29 އަހަރުގެ ބްރެޒިލް އަންހެނެއްގެ ޢަމަލުތައް ހުރިގޮތުން އެމީހާއާއި މެދު ޝައްކުކުރެވިގެން، އޭނާގެ ލަގެޖް ކަސްޓަމްސް އިން ބަލައި ފާސްކުރިއިރު، ލަގެޖުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ވަނީ ފެނިފައެވެ.
އޭނާގެ ބަންދު ޖެހުމަށް އިއްޔަ ކޯޓަށް ގެންދިއުމުން ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހައިފައެވެ.
ފުރަތަމަ މަރުޙަލާގައި ކަސްޓަމްސް އިން މިތަކެތި ޓެސްޓްކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކޮކެއިންއަށް ވަނީ ޕޮޒިޓިވް ވެފައެވެ. މިމީހާގެ އަތުން އަތުލައިގަނެވުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 16.723 ކިލޯގްރާމް ހުރި ކަމަށް ކަސްޓަމްސްއިން މަޢުލޫމާތު ދެއެވެ. އަދި އަތުލައިގަނެވުނު މަސްތުވާތަކެތީގެ މަގުމަތީ އަގު 83,000,000.000 (އަށްޑިހަ ތިން މިލިއަން) ރުފިޔާއަށް އަރާ ކަމަށްވެސް ކަސްޓަމްސްއިން މައުލޫމާތުދެއެވެ.