ޗެމްޕިއަންސް ލީގުގައި ޖަރުމަނުގެ ބޮރޫޝިއާ މޮންޗެންގްލަޑްބަކާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު ވަގުތު ކާމިޔާބުކުރި ލަނޑުތަކުން ސްޕެއިންގެ ރެއާލް މެޑްރިޑް ބަލިނުވެ ސަލާމަތްވެއްޖެއެވެ. ބޮރޫޝިއާ މޮންޗެންގްލަޑްބަކުގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.
މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ މޮންޗެންގްލަޑްބަކެވެ. މި ލަނޑު މެޗުގެ 33 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މާކަސް ތުރަމްއެވެ. މެޗުގައި މޮންޗެންގްލަޑްބަކުން ޖެހި ދެ ވަނަ ލަނޑު އެޓީމަށް މާކަސް ތުރަމް ކާމިޔާބުކޮށްދިނީ 58 ވަނަ މިނުޓުގައެވެ. މޮންޗެންގްލަޑްބަކްގެ ދެލަނޑު ކާމިޔާބުކޮއްދިން މާކަސް ތުރާމް އަކީ ރެއާލްގެ ކޯޗު ޒިދާން އެކު 98 ގެ ވޯލްޑްކަޕް ފްރާންސް އިން ކާމިޔާބު ކުރި އިރު އެޓީމުގައި ހިމެނުނު ލިލިއަން ތުރާމްގެ ދަރިފުޅެވެ.
ރެއާލަށް ފުރަތަމަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނެޓަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ ކަރީމް ބެންޒީމާއެވެ. އަދި ރެއާލުން މެޗުގެ ނަތީޖާ ހަމަހަމަކުރި ލަނޑު ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރުވަގުތުގެ ތިންވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކަސެމީރޯއެވެ. މިއީ 2006 ވަނައަހަރުފަހުން ދެލަނޑު ލީޑެއް އިދިކޮޅު ޓީމުން ނަގާފަވަނިކޮށް ރެއާލުން ބަލިނުވެ ސަލާމަތްވި ފުރަތަމަ ފަހަރެވެ.
މި ގްރޫޕުގައި ރޭ ކުޅުނު ދެވަނަ މެޗުގައި ޔޫކްރެއިންގެ ޝަކްތަރު ޑޮނެޓްސްކް އާއި އިޓަލީގެ އިންޓަ މިލާން ބައްދަލުކުރި މެޗު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.
މި ނަތީޖާތަކާއެކު ގްރޫޕް ބީގެ އެއްވަނަ ލިބެނީ ޝަހްތަރު ޑޮނެސްކް އަށެވެ. ދެވަނައިގައި މޮންޗެންގްލަޑްބަކް ދެ ޕޮއިންޓާއެކު އޮތްއިރު ތިންވަނައިގައި އިންޓަ މިލާންވެސް އޮތީ ދެ ޕޮއިންޓާއެކުގައެވެ. މޮންޗެންގްލަޑްބަކް އަށް ކުރިލިބެނީ ގޯލްގެ ތަފާތުންނެވެ. ފުލުގައި ރެއާލް އޮތީ އެންމެ ޕޮއިންޓަކާއެކު އެވެ.