ކުރިއަށް މިއޮތް ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރާ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ ފަރިތަކުރުންތައް ފަށައިފިއެވެ.
ސަސްގެ ފަރިތިކުރުން ފެށިއިރު އެޓީމުގެ ސްކޮޑުގައި ފުރަތަމަ ޑިވިޝަނުގައި ކުޅެމުންއަންނަ ތަޖުރިބާކާރު ކުޅުންތެރިންނާއި ޒުވާން ހުނަރުވެރި ކުޅުންތެރިން އެކުލެވެއެވެ. މިއީ ސަސް ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ފުރަތަމަ އަހަރެއެވެ. އެހެންކަމުން އަމާޒަކީ ރަނގަޅު ހިސާބެއްގައި ކުލަބު އޮތުންކަމަށް ސަސް އިން ބުނެއެވެ.
ސަސްގައި ހިމެނޭ ފާހަގަކޮށްލެވޭ ކުޅުންތެރިންގެ ތެރޭގައި ޓީސީގެ ކުރީގެ ކެޕްޓަން ފައްރާހް އަހުމަދު (ފައްރަ) އާއި ތަޖުރިބާކާރު ޑިފެންޑަރ ޝާފިއު އަހުމަދު (ޝާފީ) އާއި އަބްދުﷲ ހަނީފް (ބެންޖޯ) އާއި އަހުމަދު ފަރުހާން (ގައްބެ) ހިމެނެއެވެ. އަދި ޒުވާން ކުޅުންތެރިޔާ މުހަންމަދު އަރަޝް އައްސަދުގެ އިތުރުން ދެވަނަ ޑިވިޝަނުގެ ކުލަބެއް ކަމަށްވާ ކުލަބު ޕީކޭގެ ތަޖުރިބާކާރު މިޑްފީލްޑަރު އަހުމަދު ހަމީދު (ހެލްމެޓް) އާއި އަހުމަދު އައިހަމްގެ ސޮއިވެސް ވަނީ ހޯދާފައެވެ.
ސަސްގެ ކޯޗަކަށް ހަމަޖައްސާފައިވަނީ ތަޖުރިބާކާރު ކޯޗު އަހުމަދު ނާޝިދު (ނާދު) އެވެ. އަދި އެސިސްޓަންޓް ކޯޗުގެ ގޮތުގައި ހަރަކާތްތެރިވާނީ ކޯޗު ފަރީދު މުހައްމަދު (ފަރިއްޓެ)އެވެ. ގޯލްކީޕަރު ޓްރެއިނަރ އެއްގެ ގޮތުގައި މަސައްކަތްކުރާނީ ހަސަން ހަމީދު (ޑަކޭ) އެވެ.
ސުޕަ ޔުނައިޓެޑް ސްޕޯޓްސް މިއީ އާ ސީޒަނަށް ފަރިތަކުރަން ފެށި ހަތަރުވަނަ ޓީމެވެ. މިހާތަނަށް ފަރިތަކުރުންތައް ފަށާފައިވަނީ މާޒިޔާއާއި ކުލަބް ވެލެންސިއާ އާއި ކުލަބް ގްރީންސްޓްރީޓްސްއެވެ. ސީޒަންގަ ސަސްއިން ކުޅޭ ފުރަތަމަ މެޗުގައި ލީގުގައި އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހުގެރޭ ނުކުންނާނީ ކުލަބު އީގަލްސްއާ ދެކޮޅަށެވެ.