ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ޤައުމީ ޓީމު ޕްރެކްޓިސް ފަށައިފި

ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ޤައުމީ ޓީމު ޕްރެކްޓިސް ފަށައިފި

Author
ޔޫސުފް
26 އޮގަސްޓް 2021 07:57
0

ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތައް ތައްޔާރުވުމަށް ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމު ފަރިތަކުުރުންތައް ފަށައިފިއެވެ.

ރަސްމީ ފުޓްބޯޅަ ދަނޑުގައި މިރޭ ގައުމީ ޓީމުގެ ފަރިތަކުރުންތައް ފަށާފައިވަނީ ސާފް ޗެމްޕިއަންޝިޕަށް އެފްއޭއެމުން އެކުލަވާލި 34 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑާއެކުއެވެ.

ފަރިތަކުރުންތައް ފެށުމުގެ ކުރިން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އާއި ޖެެނެރަލް ސެކެޓްރީ ހުސައިން ޖަވާޒްގެ އިތުރުން އެ އިދާރާގެ އިސްވެރިން ވަނީ ޓީމުގެ ކުޅުންތެރިންނާއި ބައްދަލުކޮށް މުބާރާތުގެ ތަށި ދިފާއުކުރުމަށް މަސައްކަތްކޮށްދިނުމަށް އެދި ޓީމުގެ ކުޅުންތެރިންނަށް ހިތްވަރު ދެއްވާފައެވެ.

އަންނަ އޮކްޓޯބަރ މަހުގެ 1 އިން 16 އަށް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް މި އަހަރު އޮންނާނީ ދިވެހިރާއްޖޭގައެވެ. މިއީ ރާއްޖޭގައި ސާފް ބާއްވާ ދެވަނަ ފަހަރެވެ. މީގެ ކުރިން 2008 ވަނަ އަހަރު ރާއްޖޭގައި ސާފްގެ މެޗުތައް ކުޅެފައިވާ އިރު، އެފަހަރު ހޯސްޓް ކުރީ ސްރީ ލަންކާއާއެކު ގައެވެ.

ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ގައުމީ ޓީމުގެ ފަރިތަކުރުންތައް ފެށިއިރު، ޓީމުގެ ކޯޗިން ޓީމުގައި މިފަހަރު ހިމެނެނީ ދިވެހި ތަޖުރިބާކާރު ޓީމެކެވެ. ވަގުތީ ހެޑް ކޯޗަކަށް ހަމަޖައްސާފައިވަނީ އަލީ ސުޒެއިން އެވެ. އެސިސްޓަންޓް ކޯޗުންނަކީ އިސްމާއިލް މަހްފޫޒް (އިންމަ) ކީޕަރު އިމްރާން މުހައްމަދެވެ. ގޯލްކީޕަރު ޓްރޭނަރަކަށް އަސްލަމް އަބްދުއްރަހީމް އާއި އިމްރާން މުހައްމަދު ހަރަކާތްތެރިވާނެ އެވެ.

ސާފް ޗެމްޕިއަންޝިޕަށް ޕްރިލިމިނަރީ ސްކޮޑް އެކުލަވާލާފައި ވާއިރު، މުބާރާތުގެ ކުރިން ރާއްޖޭގެ ޓީމު ޔޫއޭއީގައި ކޭމްޕް ކުރުމަށް ވަނީ ނިންމާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.