ތިލަމާލެ ބްރިޖު އެޅުމަށް އިންޑިއާގެ ކުންފުންޏަކާއެކު ސަރުކާރުން އެކުލަވާލި އެއްބަސްވުމާމެދު ސުވާލު އުފައްދާ ޕީއެންސީގެ ނާއިބު ރައިސް މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ފާޑުވިދާޅުވެއްޖެއެވެ.
މާލެ، ވިލިމާލެ، ގުލިފަޅު އަދި ތިލަފުށި ގުލުވާލާ ތިލަމާލ؛ެ ބްރިޖު މަޝްރޫޢުގެ ޢަމަލީ މަސަައްކަތް ކުރުމަށް ޙަވާލުކޮށްފައިވަނީ އިންޑިއާގެ ކުންފުންޏެއްކަމަށްވާ އެފްކޮންސް އިންފްރާސްޓްރަކްޗަރާއެވެ. އެކަމުގެ އެއްބަސްވުމުގައި މިއަދު ސަރުކާރުން ވަނީ ސޮއިކޮށްފައެވެ. މިކަމާއި ގުޅިގެން ފާޑުވިދާޅުވަމުން ސަޢީދު ވިދާޅުވީ، އުތުރު ތިލަފަޅު އެއްބަސްވުން ރައްޔިތުންގެ މަޖިލީހަށްވެސް ސިއްރުކޮށްގެން ތިލަމާލެ ބްރިޖުގެ ނަމުގައި ސޮއިކުރުން ސައްޙައެއް ނުވާނެކަމަށެވެ. އުތުރު ތިލަފަޅާއި ތިލަމާލެ މަޝްރޫޢު ތަޅުލެވިފައިވަނީ އެއްތަޅަކުންކަމަށާއި، އުތުރު ތިލަތަފަޅުގެ އެއްބަސްވުން ސައްޙަކަމަށް ރައިސް ޞާލިޙް ވިދާޅެއް ނުވާނެ!
އުތުރު ތިލަފަޅު އެއްބަސްވުން ރައްޔިތުންގެ މަޖިލީހަށްވެސް ސިއްރުކޮށްގެން ތިލަމާލެ ބްރިޖުގެ ނަމުގައި ސޮއިކުރުން ސައްޙައެއް ނުވާނެ! އުތުރު ތިލަފަޅާއި ތިލަމާލެ މަޝްރޫޢު ތަޅުލެވިފައިވަނީ އެއްތަޅަކުން! އުތުރު ތިލަފަޅުގެ އެއްބަސްވުން ސައްޙަކަމަށް ރައިސް ޞާލިޙް ވިދާޅެއް ނުވާނެ!
– މުޙައްމަދު ސަޢީދު
ގްރޭޓަރ މާލޭ ސަރަޙައްދު އެއް ވިއުގާއަކުން ގުޅާލުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އެންމެ މުހިއްމު ރިޔާސީ ވަޢުދުފުޅެކެވެ. މި މަޝްރޫޢުގެ ދަށުން 6.7 ކިލޯ މީޓަރުގެ ދިގު ބްރިޖް އަދި ކޯސްވޭއިން މާލެއާއި ވިލިމާލެއާއި، ތިލަފުށި އަދި ގުޅީފަޅު ގުޅާނާލެއެވެ. މި މަޝްރޫޢަށް ބޭނުންވާ މާލީ އެހީ ހަމަޖައްސާފައިވަނީ އިންޑިއާ ހިލޭ އެހީއާއި ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. އެގޮތުން މި މަޝްރޫޢަށް 100 މިލިއަން ޑޮލަރުގެ ގްރާންޓް އަދި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް އިންޑިއާ ސަރުކާރުން ދެއްވާފައިވެއެވެ.
މި މަޝްރޫޢުގެ ދަށުން ގުޅީފަޅުގައި އަޅާ ބައިނަލްއަޤްވާމީ ބަނދަރު އަދި ތިލަފުށި އިންޑަސްޓްރިއަލް ޒޯން މާލެއާއި ގުޅާލުން ވެގެންދާނީ ރާއްޖޭގެ އިޤްތިޞާދީ މައި އިންޖީނަށްކަމަށް ސަރުކާރުން ދެކެއެވެ. އެފްކޮންސް އިންފްރަސްޓްރަކްޗަރާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢު ނިންމުމަށް އަމާޒު ހިފާފައިވަނީ ދެ އަހަރު ދުވަހުގެ ތެރޭގައެވެ. އެކުންފުންޏަކީ އައްޑޫ ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމާއި ބިން ހިއްކުމުގެ މަޝްރޫއުވެސް ކުރިއަށްގެންދާ ކުންފުންޏެވެ.
6.7 ކިލޯ މީޓަރު ދިގު މި ބްރިޖް/ކޯސްވޭ ލިންކްގެ ދެރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބްރިޖްތަކުގައި 140 ކިލޯ މީޓަރު ހުންނާނެއެވެ. އަދި ފުން ފަޅުތަކުގައި 1.45 ކިލޯ މީޓަރަށް މެރިން ވިއަރޑަކްޓް، އަދި މޫދު/ގޮނޑުދޮށުގައި 2.32 ކިލޯ މީޓަރަށް މެރިން ވިއަރޑަކްޓް އަދި ބިމާ އެއްހަމައެއްގައި 2.96 ކިލޯ މީޓަރުގެ މަގު ހިމެނެއެވެ.
ތިލަމާލެ ބްރިޖް މަޝްރޫޢުގެ އެއްބަސްވުމާއި އުތުރު ތިލަފަޅުގެ އެއްބަސްވުމަށް ސަޢީދު ފާޑުވިދާޅުވެފައިވާއިރު، ލީކުވެފައިވާ އުތުރު ތިލަފަޅު ތަރައްޤީކުރުމަށް އިންޑިއާއެކު ރާއްޖެއިން އެކުލަވާލާފައިވާ އެއްބަސްވުމުގެ ތަފްސީލަށް ބަލާއިރު، އެކަމުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށް ބުރޫއަރާނެކަމަށް ވަނީ ބެލެވިިފައެވެ. އެގޮތުން އެ އެއްބަސްވުމުގެ ދަށުން އިންޑިއާ ސިފައިންނަށް ހަތިޔާރާއިއެކު ރާއްޖޭގައި 60 އަހަރު ތިބެވޭނެ ކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވެއެވެ.
އެ އެއްބަސްވުމުގައި ބަޔާންކުރާގޮތުން އިންޑިއާ ސިފައިން 30 އަހަރު ވަންދެން ރާއްޖޭގައި ބޭތިއްބުމަށް ޝަރުތުކޮށްފައިވާއިރު، އެއްބަސްވުމުގައި ސޮއި ކުރާ ދުވަހުން ފެށިގެން 30 އަހަރު ވަންދެން އެއްބަސްވުން ދެމިއޮންނާނެކަމަށްވެސް ބުނެފައިވެއެވެ. އަދި އެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އަނެއްކާ އިތުރު 30 އަހަރު އިންޑިއާ ސިފައިންނަށް ރާއްޖޭގައި ތިބެވޭ ގޮތައް އެއްބަސްވުމުގައި ބަޔާންކުރެއެވެ. ނަމަވެސް 30 އަހަރު ފަހުން ދިވެހި ސަރުކާރުން ދެކޮޅު ހަދައިފިނަމަ ނުތިބެވޭނެއެވެ.
މީގެ އިތުރުން މި އެއްބަސްވުމުގެ ދަށުން އުތުރު ތިލަފަޅުގައި ތިބޭ އިންޑިއާ ސިފައިންނަށް ހަތިޔާރު ވެސް ގެންގުޅެވޭނެއެވެ. އަދި އެތަނުގައި ކުރާނެ ކަންކަން ނިންމާނީ އިންޑިއާ ސިފައިނާއި ދިވެހި ސިފައިން އެކުވެފައި އުފައްދާފައި އޮންނަ ޖޮއިންޓް ޕްރޮޖެކްޓް މޮނިޓަރިން ކޮމެޓީއަކުންކަމަށާއި، އެތަނުގައި މަސައްކަތެއްކުރުމަށް ކޮންޓެކްޓަރުން ހަމަޖައްސާނީވެސް އިންޑިއާ ސަރުކާރުން ކަމަށް އެއްބަސްވުމުގައި ބަޔާންކުރެއެވެ.
އެމްއެންޑީއެފްގެ ކޯސްޑްގާޑްގެ ބަނދަރަކާއި ސަރވިސް ޑޮކްޔާޑެއް އުތުރު ތިލަފަޅުގައި ތަރައްޤީކުރުމުގެ އެއްބަސްވުމުގައި އިންޑިއާއާއި އެކު މި ސަރުކާރުން ސޮއިކޮށްފައިވަނީ އިންޑިއާގެ އެކްސްޓަރނަލް އެފެއާރޒް މިނިސްޓަރ ޑރ. ޖައިސަންކަރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައެވެ. ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ.
މި އެއްބަސްވުމުގެ ނަމަކީ “ޑިވެލޮޕްމަންޓަ، ސަޕޯޓު، އެންޑް ދަ މައިންޓެނޭންސް އޮފް ދަ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ހާބާ ސިފަވަރު އެޓް އުތުރުތިލަފަޅު” އެވެ.
ލީކުވެފައިވާ މި އެއްބަސްވުމާއި ގުޅިގެން އެމްއެންޑީއެފްއިން ބުނެފައިވަނީ މިއީ އެއްވެސް ހަގީގަތެއްނެތް ލިޔުންތަކެއް ކަމަށެވެ. އަދި އެމްއެންޑީއެފްއިން ޤައުމީ ސަލާމަތަށް ނުރައްވާފަދަ އެއްވެސް އެއްބަސްވުމެއްގައި ސޮއިކޮށްފައި ނުވާނެކަމަށެވެ.