ވިލިމާލެ ބްރިޖް މަޝްރޫއުގައި ސޮއިކޮށްފި

ވިލިމާލެ ބްރިޖް މަޝްރޫއުގައި ސޮއިކޮށްފި

ޢުމްރާނީ ތަރައްޤީގެ ދާއިރާއިން ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ބިޔަ މަޝްރޫޢު "ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ޕްރޮޖެކްޓް"ގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ. އަދި އެފްކޮން އިންފްރާސްޓްރަކްޗާގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު އާރު އަންތަ ކުމާރެވެ.

މިރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު، އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް އަދި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ބައިވެރިވިއެވެ.

ގްރޭޓަރ މާލޭ ސަރަޙައްދު އެއް ވިއުގާއަކުން ގުޅާލުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އެންމެ މުހިއްމު ރިޔާސީ ވަޢުދުފުޅެކެވެ. މި މަޝްރޫޢުގެ ދަށުން 6.7 ކިލޯ މީޓަރުގެ ދިގު ބްރިޖް އަދި ކޯސްވޭއިން މާލެއާއި ވިލިމާލެއާއި، ތިލަފުށި އަދި ގުޅީފަޅު ގުޅާނާލެއެވެ. މި މަޝްރޫޢަށް ބޭނުންވާ މާލީ އެހީ ހަމަޖައްސާފައިވަނީ އިންޑިއާ ހިލޭ އެހީއާއި ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. އެގޮތުން މި މަޝްރޫޢަށް 100 މިލިއަން ޑޮލަރުގެ ގްރާންޓް އަދި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް އިންޑިއާ ސަރުކާރުން ދެއްވާފައިވެއެވެ.

މި މަޝްރޫޢުގެ ދަށުން ގުޅީފަޅުގައި އަޅާ ބައިނަލްއަޤްވާމީ ބަނދަރު އަދި ތިލަފުށި އިންޑަސްޓްރިއަލް ޒޯން މާލެއާއި ގުޅާލުން ވެގެންދާނީ ރާއްޖޭގެ އިޤްތިޞާދީ މައި އިންޖީނަށްކަމަށް ސަރުކާރުން ދެކެއެވެ. އެފްކޮންސް އިންފްރަސްޓްރަކްޗަރާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢު ނިންމުމަށް އަމާޒު ހިފާފައިވަނީ ދެ އަހަރު ދުވަހުގެ ތެރޭގައެވެ. އެކުންފުންޏަކީ އައްޑޫ ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމާއި ބިން ހިއްކުމުގެ މަޝްރޫއުވެސް ކުރިއަށްގެންދާ ކުންފުންޏެވެ.

6.7 ކިލޯ މީޓަރު ދިގު މި ބްރިޖް/ކޯސްވޭ ލިންކްގެ ދެރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބްރިޖްތަކުގައި 140 ކިލޯ މީޓަރު ހުންނާނެއެވެ. އަދި ފުން ފަޅުތަކުގައި 1.45 ކިލޯ މީޓަރަށް މެރިން ވިއަރޑަކްޓް، އަދި މޫދު/ގޮނޑުދޮށުގައި 2.32 ކިލޯ މީޓަރަށް މެރިން ވިއަރޑަކްޓް އަދި ބިމާ އެއްހަމައެއްގައި 2.96 ކިލޯ މީޓަރުގެ މަގު ހިމެނެއެވެ.

އެފްކޮން ކުންފުންޏަކީ ކޮންސްޓްރަކްޝަން ދާއިރާގައި 62 އަހަރުގެ ތަޖުރިބާ ލިބިފައިވާ، ދުނިޔޭގައި ވެސް ފާހަގަ ކޮށްލެވޭ ކުންފުންޏެކެވެ. އެގޮތުން، މެރިން އަދި ބަނދަރު ފެސިލިޓީތަކާ ގުޅޭ މަސައްކަތްތަކުގައި ދުނިޔެ އިން ހަތް ވަނަ އަދި ބްރިޖުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި 13 ވަނައިގަ އެ ކުންފުނި ހިމެނެ އެވެ. އައްޑޫގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމާއި ބިން ހިއްކުމުގެ މަޝްރޫއު ވެސް ހަވާލުކުރީ ވެސް އެ ކުންފުންޏާއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *