ކްރިމިނަލް ކޯޓުގައި މިއަދު އޮތް ކުރީގެ ޓުވަރިޒަމް މިނިސްޓަރ އަލީ ވަހީދުގެ ޝަރީއަތުގެ އަޑުއެހެން ސިއްރު ކޮށްފިއެވެ.
މީގެ ކުރިން ވެސް މި ޝަރީއަތުގެ އަޑުއެހުންތައް ދަށު ކޯޓުގައި ކުރިއަށް ގެންގޮސްފައި އޮތީ ސިއްރުކޮށްގެންނެވެ. އަލީ ވަހީދުގެ އަޑުއެހުންތައް ކޯޓުތަކުގައި ތާވަލް ކުރަމުން ދިޔަ ނަަވެސް އޭނާ ރާއްޖެ ވަޑައިގެންފައި ނުވެއެވެ.
އަލީ ވަހީދު ރާއްޖެ ވަޑަިއގެންފައި ނުވާއިރު، އޭނާ އިއްޔެ އިނގިރޭސި ވިލާތުގައި ހައްޔަރުކޮށްފައިވާކަމަށް ދަނީ ބުނަމުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ ވިސާގެ މުއްދަތު ހަމަވުމުންނެވެ. ނަމަވެސް އޭނާ ހައްޔަރުކުރިކަމެއް ނޭގޭކަމަށް ރާއްޖޭގެ ކަމައި ގުޅުންހުރި އިދާރާތަކުން ވަނީ ބުނެފައެވެ.
އަލީ ވަހީދު ރާއްޖޭން ބޭރަށް ވަޑައިގަންނަވަން ކްރިމިނަލް ކޯޓުން ހުއްދަ ދިނީ ބޭސްފަރުވާއަށަށެވެ. އަދި އެ ހުއްދަ އަލީއަށް ކޯޓުން ދިނީ އޭނާގެ ބަދަލުގައި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ) ޖާމިނުވާ ގޮތަށެވެ.
ކުރީގެ ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދުގެ މައްޗަށް ވަނީ ޖިންސީ ގޯނާގެ ދައުވާތަކެއް ކޯޓުގައި އުފުލާފައެވެ. އަދި އެމައްސަލަތައް އޮންލައިންކޮށް ކުރިއަށްގެންދިއުމާއި ގުޅޭގޮތުން ސުޕްރީމްކޯޓުގައި އޮތް ޝަރީޢަތަކަށް އޭނާ ހާޒިރުނުވި މައްސަލައިގައި، ކޯޓު ހުރުމަތް ކަނޑައިގެން ވަނީ 2 މަހާއި 12 ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފައެވެ. އަދި އެ ހުކުމް ތަންފީޒުކުރުމަށް ސުޕްރީމް ކޯޓުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މައްޗަށް އަމުރުކުރުމާއި ގުޅިގެން ކަރެކްޝަނަލް ސަރވިސްއިން ވަނީ ހުކުމް ތަންފީޒުކުރުމަށް އަލީ ވަހީދު ރާއްޖެ ގެނައުމަށް ފުލުހުންގެ ކިބައިން އެދިފައިވާކަމަށެވެ.
ފުލުހުން ވަނީ އަލީ ވަހީދު ރާއްޖެ ގެނައުމާއި ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރަމުންގެންދާކަމަށް ބުނެފައެވެ.
ކޮމެންޓު ފޮނުވާ