ޔާމީން ދައްކަންޖެހޭ 5 މިލިޔަން ޑޮލަރު އެއްފަހަރާ ދެއްކުުމަށްއެދި އޭޖީ ކޯޓަށް

ޔާމީން ދައްކަންޖެހޭ 5 މިލިޔަން ޑޮލަރު އެއްފަހަރާ ދެއްކުުމަށްއެދި އޭޖީ ކޯޓަށް

Author
މުޙައްމަދު ޝަޒައިމް
25 އޮގަސްޓް 2021 01:37
0

ރައީސް ޔާމީން ދައުލަތަށް ދައްކަންޖެހޭ 5،000،000 މިލިޔަން ޑޮލަރު އެއްފަރާ ދެއްކުމުގެ އަމުރަކަށް އެޓާނީ ޖެނެރަލްގެ އޮފީހުން ސިވިލް ކޯޓުގައި އެދިއްޖެއެވެ.

އެޓާނީ ޖެނެރަލް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދައުލަތަށް ދައްކަންޖެހޭ ޖޫރިމަނާއާ ގުޅޭ މަނީ ލޯންޑްރިންގގެ ޢަމަލެއް ހިންގުމުގެ ކުށް ސާބިތުވެ، އެ ކުށުގެ ޢުޤޫބާތެއްގެ ގޮތުން ކުރީގެ ރައީސް، ޔާމީން 5 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމާއެކު 5،000،000 ޔޫއެސް ޑޮލަރުން ޖޫރިމަނާކޮށް، އެ ފައިސާ މަދުވެގެން 6 މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ދެއްކުމަށް ކްރިމިނަލް ކޯޓުން 28 ނޮވެންބަރު 2019 ގައި ޙުކުމްކޮށްފައިވީނަމަވެސް، އެ މުއްދަތުގެތެރޭގައި ފައިސާ ދައްކާފައެއް ނުވާކަމަށެވެ.

ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން 30 ދުވަހުގެ ތެރޭގައި އެ ފައިސާ ދައުލަތަށް ދެއްކުމަށް އަންގައި 26 ޖޫން 2021 ގައި މީރާ އިން ރައީސް ޔާމީނަށް ފޮނުވި ނޯޓިސްއާ ޙަވާލުވެ، އެ ނޯޓިސްގައިވާ މުއްދަތުގައި ވެސް ފައިސާ ދައްކާފައެއް ނުވާކަމަށެވެ.

ދައުލަތަށް ލިބެންޖެހޭ މި ފައިސާ ހޯދުމަށް އިއްޔެ ސިވިލް ކޯޓަށް ވާނީ ޙުކުމް ތަންފީޒުކޮށްދިނުމުގެ މައްސަލައެއް ހުށަހަޅާފައިކަމަށް އޭޖީއޮފީހުން ބުނެފައިވެއެވެ. މި މައްސަލަ ހުށަހެޅީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 50 ވަނަ މާއްދާގެ (ބ)ގެ ދަށުންނެވެ.

އެ މާއްދާގައި ބުނެފައި ވަނީ އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީ ނަމަވެސް، އެ މާއްދާގައި ބަޔާންކުރާ ޓެކްސް ފިޔަވައި އެހެނިހެން ފައިސާގެ ތެރެއިން ދައުލަތަށް ލިބެންޖެހި ނުލިބިވާ ފައިސާއެއް، އެ ފައިސާއެއް ދައްކަންޖެހޭ މުއްދަތުގައި ދައްކާފައިނުވާނަމަ، އެ ފައިސާ ޝަރީއަތް މެދުވެރިކޮށް ހޯދުމުގެ އިޚްތިޔާރު ބަންޑާރަނައިބަށް ލިބިގެންވާ ކަމަށެވެ.

މި މައްސަލާގައި އެދިފައިވާނީ ކްރިމިނަލް ކޯޓުން ކުރައްވާފައިވާ ޙުކުމުގައި، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފަރާތުން ޖޫރިމަނާގެ ގޮތުގައި ދެއްކުމަށް އަމުރުކޮށްފައިވާ 5,000,000 މިލިއަން ޔޫއެސް ޑޮލަރު އެކީ އެއްފަހަރާ ދައުލަތަށް ދެއްކުމަށް އަމުރުކޮށްދެއްވުމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.