މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅުވާލައިދޭ ތިލަމާލެ ބްރިޖު މަޝްރޫއުގެ އެއްބަސްވުމުގައި އަންނަ ބުރާސްފަތި ދުވަހު ސޮއިކުރާނެކަމަށް މިނިސްޓްރީ އޮފް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން ބުނެފިއެވެ.
މި ބްރިޖްގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ އެފްކޮންސް ކުންފުނިންނެވެ. މިކުންފުންޏަކީ މިވަގުތު އައްޑޫ ސިޓީގެ މަގު ހެދުމުގެ މަޝްރޫއުވެސް ހިންގަމުންދާ ކުންފުންޏެވެ.
މި މަސް ނިމުމުގެ ކުރިން ބްރިޖު އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރެވޭނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ މީގެ ކުރިންވެސް ވިދާޅުވެފައެވެ.
ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވީ މި ހަފްތާގެ ބުރާސްފަތި ދުވަހު ތިލަމާލެ ބްރިޖު އެއްބަސްވުމުގައި ސޮއިކުރަން ނިންމާފައިވާ ކަމަށެވެ.
އެ މަސައްކަތް ނުފެށި ލަސްވެގެން ދިޔައީ ކޯވިޑުގެ ސަބަބުން ދިމާވި ދަތިތަކާހެދި ކަމަށް ހައުސިން މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފައެެވެ. އެހެންނަމަވެސް އެއްބަސްވުމުގައި ސޮއިކުރެވޭ ހިސާބުން އަމަލީ މަސައްކަތްވެސް އަވަސް މުއްދަތެއްގައި ފެށިގެންދާނެކަމަށް މިނިސްޓްރީން ބުނެއެވެ.
މާލެ-ވިލިމާލެ-ގުޅިފަޅު އަދި ތިލަފުށި ގުޅާލާ ބުރިޖު ޕްރޮޖެކްޓަކީ މިހާތަނަށް ދިވެހިރާއްޖޭގައި ހިންގޭ އެންމެ ބޮޑު އުމްރާނީ ތަރައްގީގެ މަޝްރޫޢެވެ. ތިލަމާލެ ބްރިޖު އެޅުމުގެ ގޮތުން ސާވޭގެ މަސައްކަތް ކޮށްފައި ވަނީ ނެދަލެންޑްސްގެ ކުންފުންޏަކުން 15 މިލިއަން ޑޮލަރަށެވެ. ނެދަލޭންޑުގެ ފުގްރޯ ކުންފުނިން މި މަސައްކަތުގެ ދަށުން ކަނޑުގައި 25 ބޯހޯލް އަދި އެއްގަމުގައި 25 ބޯހޯލް ތޮރުފުމުގެ މަސައްކަތް ކޮށް ދިރާސާތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މިމަޝްރޫޢަކީ 6695 ކިލޯ މީޓަރުގެ ބްރިޖްތަކާއި ކޯޒްވޭގެ މައްޗަށް އެކުލެވޭ ގޮތަށް މާލެ، ވިލިނގިލި، ތިލަފުށި އަދި ގުޅީފަޅު ގުޅާލުމަށް ޖުމްލަ 3 ބްރިޖަކާއެކު ހެދުމަށް ނިންމާފައިވާ މަޝްރޫޢެކެވެ. މިމަޝްރޫޢު ކުރިއަށްގެންދިޔުމަށް އިންޑިއާއިން 500 މިލިއަން ޑޮލަރު ދިނުމަށްވަނީ ހަމަޖެހިފައެވެ. އެއީ ލައިން އޮފް ކްރެޑިޓް އެއްބަސްވުމުގެ ދަށުން ލިބުނު 400 މިލިއަން ޑޮލަރުގެ ލޯނަކާއި 100 މިލިއަން ޑޮލަރުގެ ހިލޭ އެހީއެކެވެ.