މެއި މަހުގެ 6 ވަނަ ދުވަހު މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއަށްފަހު، އެމަނިކުފާނުގެ ސެކިއުރިޓީ ވަނީ ވަރަށް ވަރުގަދަ ކޮށްފައި ކަމަށާއި، ރާއްޖެ ވަޑައި ނުގެންނެވެންވީ ސަބަބެއް ނެތްކަމަށް ދިއްގަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިކްރާމް ހަސަން މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަހުސް ކުރައްވަމުން އިކްރާމް ވިދާޅުވީ، ޓެރަރިސްޓު ހަމަލާއަށް ފަހު ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާއެކު، ނަޝީދަށް ކުރިއަށް ވުރެ ބޮޑަށް މިހާރު ސެކިއުރިޓީ ލިބިވަޑައިގަންނަވާނެ ކަމަށާއި ސެކިއުރިޓީ ދޭ ވަރު އިތުރު ކުރުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށެވެ. އެހެންކަމުން އެ މަނިކުފާނު ރާއްޖެ ވަޑައިނުގަނެވިގެން މިއަދު ހުންނަވަން ޖެހޭ ސަބަބެއް ނެތް ކަމަށާއި ކަންކަން ރަނގަޅު ކުރަން ރާއްޖެ ވަޑައިގެން މަސައްކަތްޕުޅު ކުރައްވަން ޖެހޭ ކަމަށް އިކްރާމް ވިދާޅުވިއެވެ.
ރައީސް ނަޝީދަށްވެސް އަޅުގަނޑަށް ފެންނަ ގޮތުގައި، މިއަދު ސެކިއުރިޓީ ލިބިވަޑައިގަންނަވާނެ. ކުރިއަށްވުރެއް ބޮޑަށް ލިބިވަޑައިގަންނަވާނެ. މިއަދު މަޖިލީހުގެ ބޭރުގައިވެސް ސެކިއުރިޓީ އެބައޮތް. މިތަނަކާއި ގާތެއް ނުވެވޭނެ މީހުންނަކަށް. މަޖިލިސް ތެރޭގައިވެސް ސެކިއުރިޓީ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއަދު ނާދެވޭނެ މާހައުލެއްނެތް. ރައީސް ނަޝީދަށް ވަޑައިގެންނެވޭނެ. ވަޑައިނުގެންނެވޭ ސަބަބެއްނެތް.
– އިކްރާމް ވިދާޅުވިއެވެ.
ނަޝީދު އަވަހާރަކޮށްލަން މި އަހަރުގެ މޭ ހަ ވަނަ ދުވަހުގެ ރޭ ދިން ޓެރަރިސްޓް ހަމަލައިގައި ލިބުނު ޒަހަމްތަކަށް އޭޑީކޭ ހޮސްޕިޓަލުން ބޮޑެތި ސާޖަރީތަކެއް ހަދައި، އިތުރު ފަރުވާ ހޯއްދެމަށް މޭ 13 ގައި ޖަރުމަނަށް ވަޑައިގަތުމަށް ފަހު. ޖުލައި 1 އިން ފެށިގެން އެ މަނިކުފާނު އުޅުއްވަނީ އިނގިރޭސި ވިލާތުގަ އެވެ. އާއިލާގެ ބައެއް ބޭފުޅުން ވެސް ދިރިއުޅުއްވާ އިނގިރޭސި ވިލާތަށް ވެސް ނަޝީދު ވަޑައިގަތީ އިތުރު ފަރުވާއަށް ކަމަށް އާއިލާ އިން ބުނެފައި ވެއެވެ.
މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގެ ޖަލްސާތައް ފެށި ދުވަހު މަޖިލިސް މެމްބަރުންނަށް ރައީސް ނަޝީދު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ އެމަނިކުފާނަށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ފުލުހުންނާއި، ކަމާއި ގުޅުންހުރި އިދާރާތަކުން ކުރިއަށްގެންދާ ތަހުގީގު ނުނިމެނީސް ރާއްޖެއަށް ދިއުމަށް ޖެހިލުންވެ ވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.
ތަޙްޤީޤު ނިމި، އެކަން ރާވައި ހިންގި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެވި، ހައްޔަރުގައި ބޭތިއްބުމުގެ ކުރިން ރާއްޖެ ދިޔުމަކީ އެމަނިކުފާނުގެ އާއިލާއާއި، ހެޔޮއެދޭ އެތައް ބަޔަކާއި ޚުދު އެމަނިކުފާނުވެސް ޖެހިލުންވާ ކަމެއްކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.