ދިވެހިރާއްޖޭގެ ވެރިކަން ކުރުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށްޓަކާ، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަންގަވާ ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ދެންނެވުމަށް އިލްތިމާސްކޮށް، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުނ އިސްވެ ހުންނަވާ، އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ބައެއް އިސްބޭފުޅުންގެ ތާއީދާއެކީ، މިހާރު ތައްޔާރު ކުރައްވަމުން ގެންދަވާ ބަރުލަމާނީ ޕެޓިޝަނަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ފިނި ތަރުޙީބެއް އޮތްކަން ހާމަވެއްޖެއެވެ.
މިގޮތުން މިހަފްތާގެ އާދީއްތަ ދުވަހުންފެށިގެން، މަޖިލިިސް މެމްބަރުންނާއި، އަދި އާންމު ރައްޔިތުންވެސް ސޮއިކުރަން ފަށާފައިވާ މި ޕެޓިޝަންގައި، އެމްޑީޕީގެ 65 މެމްބަރުންގެ ސުޕަރ މެޖޯރިޓީ އޮންނަ ޕާލަމެންޓްރީ ގުރޫޕުން މިހާތަނަށް ސޮއިކޮށްފައިވާކަމަށް މީޑިއާތަކަށް ހާމަވެފައިވަނީ، 13 މެމްބަރުންނެވެ. މީގެތެރޭގައިވެސް ހިމެނޭ ގިނަ މެމްބަރުންނަކީ، ދެ ފެކްޝަނަކަށް ބެހިގެން ގޮސްފައިވާ، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ، ރައީސް ނަޝީދަށް ފާޅުގައި ތާއީދު ކުރައްވަމުން ގެންދަވާ މެމްބަރުންކަންވެސް ފާހަގަ ކޮށްލެވެއެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ބައެއް މެމްބަރުން މިހާތަނަށް ޕެޓިޝަންގައި ސޮއި ކުރައްވާފައިވާއިރު، އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ތެރޭގައި، ޕެޓިޝަނާ ގުޅޭގޮތުން ޚިޔާލުތަފާތުވުން ހުރިކަންވެސް ފާހަގަ ކޮށްލެވެއެވެ. މިގޮތުން މި ޕެޓިޝަންގައި މެމްބަރުން ސޮއި ކުރައްވަން ފެއްޓެވި ފަހުން، ރާއްޖެއަށް ހެޔޮ އެދޭ ބަޔަކު ދައުލަތުން 150 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ނިޒާމީ ވޯޓް ނަގަން އުޅެފާނެތޯއޭ ވިދާޅުވެ، އެމްޑީޕީގެ ޕާލަމްނެޓްރީ ގްރޫޕުގެ މެމްބަރުން އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވަނީ ސުވާލު އުފައްދަވާފައެވެ. އިބްރާހިމް ޝަރީފް ވިދާޅުވީ ނިޒާމީ ވޯޓުގެ ކެމްޕެއިނަށް 100 އެތަށް މިލިއަން ރުފިޔާ އެއް ޚަރަދުވާނެ ކަމަށެވެ.
Gaumu iguthisaadhee fun valhugadegge therey ovvaa adhi sihhee bodu kaarisaa akun arainuganevi hindhemi nulevi ovvaa, rayyithun athaa angayaa dhimaa nuve thihbaa, gaumah heyo edhey bayaku dhaulathun MVR 150 million kharadhu koggen nizaamee vote nagan ulhefaane baa?
— Ibrahim Shareef (@AdduShareef) August 23, 2021
އަދި، ދައުލަތުގެ ބަޖެޓުން އެފަދަ ވޯޓެއް ނެގުމަށް 150 މިލިއަން ރުފިޔާ މި ދަނޑިވަޅުގައި ޚަރަދުކުރުން އެއީ މިވަގުތަށް ކުރަން ހެޔޮވާވަރުވެ ކަމެއްތޯވެސް ޝަރީފް ވަނީ ސުވާލު ކުރައްވާފައެވެ. އަދި މިހާރު ވެސް ސަރުކާރުން 300 މިލިއަން ރުފިޔާގެ ސުކޫކެއް 10 ޕަސެންޓް އިންޓަރެސްޓް ރޭޓުގައި ވިއްކާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުންވެސް، ކޯލިޝަންގެ މެނިފެސްޓޯގައި، ބަރުލަމާނީ ނިޒާމެއްގެ ވާހަކަ ނެތްކަމަށް ވިދާޅުވެ، ސަރުކާރުގެ ތަރުޖަމާން މަބުރޫކު އަޒީޒު ދެއްކެވި ވާހަކަފުޅު، ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ޓުވީޓުތައް، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު، އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ރީޓުވީޓު ކުރައްވާފައިވާކަންވެސް ފާހަގަ ކޮށްލެވެއެވެ.
މީގެ އިތުރުންވެސް، 65 މެމްބަރުންގެ މައްޗަށް އެކުލެވޭ، އެޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ގިނަ މެމްބަރުން ޕެޓިޝަންގައި ސޮއި ކުރައްވާފައި ނުވާއިރު، ރައީސް ނަޝީދު އިސްވެ ހުންނަވާ، ތައްޔާރު ކުރައްވަމުން ގެންދަވާ ޕެޓިޝަނާ ގުޅޭގޮތުން، އަދިވެސް ގިނަ މެމްބަރުން ތިއްބެވީ ހަނުކަން ފާހަގަ ކޮށްލެވެއެވެ.
ރާއްޖޭގައި މިހާރު ވެރިކަން ކުރަމުންދާ ރިޔާސީ ނިޒާމް އުވާލާ، ދައުލަތުގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކޮށްލުމަށް ރައީސް ނަޝީދު ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ގުޅޭގޮތުން، ސަރުކާރުގެ ފަރާތުން، ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެފައިވަނީ، މިހާރު ވެރިކަން ކުރަމުންދާ ކޯލިޝަނުން އަމަލު ކުރަމުންދަނީ، ކޯލިޝަން މެނިފެސްޓޯއަށް ކަމަށާއި، އެކޯލިޝަންގައި އެއްވެސް ހިސާބެއްގައި ބަރުލަމާނީ ނިޒާމު ގެނައުމަށް ބުނެފައި ނެތްކަމަށެވެ.
ރައީސް އޮފީހުގައި އިއްޔެ ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވެފައިވަނީ، ބަރުލަމާނީ ނިޒާމުގެ ވާހައަކީ ކޯލިޝަން މެނިފެސްޓޯގައި އޮތް ވާހަކައަކަށް ނުވާއިރު ނިޒާމު ބަދަލުކުރާނަމަ އެކަން ކުރެވޭނީ ރައްޔިތުންގެ ރެފަރެންޑަމަކަށް ގޮސްގެންކަމަށް ރައީސް ޞާލިހު ތަކުރާރުކޮށް ވިދާޅުވެފައިވާކަމަށެވެ.
އޭނާ ވިދާޅުވީ މިހާރު ކުރިއަށްދާ ބަރުލަމާނީ ޕެޓިޝަނަކީ ވަކި ބަޔަކަށް ފެނިގެން ކުރިއަށްދާ ކަމެއްކަމަށެވެ. ނަމަވެސް ބަރުލަމާނީ ނިޒާމު ގެންނަ ނަމަ އެކަން ކުރެވޭނެ ގޮތަކީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގިގެންކަމަށްވެސް މަބްރޫކް ވިދާޅުވެފައި ވެއެވެ.
ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަކުރުމަށް ސިޔާސީ މަސްރަހުގައި އަދި ވަކާލާތު ކުރަމުންދާތަން ފެންނަނީ، ސިޔާސީ އިސްވެރިންގެ ތެރެއިން އެމްޑީޕީގެ ރައީސް ނަޝީދު ގިނިކަންޏާކަން ފާހަގަ ކުރެވެއެވެ. ޚުދު އެމްޑީޕީގެ އިސް ލީޑަރު ކަމުގައިވާ، ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހުވެސް، ބަރުލަމާނީ ޒިނާމަކަށް ދިއުމަށް ތާއީދު ނުކުރައްވާކަން ވަނީ ފާއިތުވެދިޔަ ތަނުގައި ދައްކަވާފައިވާ ވާހަކަފުޅުތަކުން ސާފުވެގެން ގޮސްފައެވެ.
ރައީސް ސޯލިހު ވިދާޅުވެފައިވަނީ، ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމުގެ ފުރުސަތު އޮންނާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން އެކަން ކުރުމަށް ނިންމައިފި ހާލަތެއްގައި ކަމުގައެވެ. އަދި އޭގެ ކުރިން ވިދާޅުވެފައިވަނީ، ވެރިމުގެ ނިޒާމު ބަދަލުކުރުމާ މެދު ވިސްނެވުމަށް ވުރެ، ވައުދުތައް ފުއްދެވޭތޯ މަސައްކަތް ކުރެއްވުން މިވަގުތަށް އެމަނިކްފާނަށް މާމުހިންމު ކަމުގައެވެ.
ބަރުލަމާނީ ނިޒާމެއް ގެނައުމަށް ގޮވާލާ، މިހާރު ކުރެވެމުންދާ މަސައްކަތްތާ ގުޅޭގޮތުން، އިދިކޮޅު އެންމެ ބޮޑު ޕާޓީން ބުނެފައިވަނީ، ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެނައުމަށް ރައިސް ޔާމިން ތާއީދު ނުކުރައްވާ ކަމަށާއި، އަދި އެޕާޓީގެ އެއްވެސް މެމްބަރަކު، މިހާރު ސޮއިކުރެވެމުންދާ ޕެޓިޝަންގައި ސޮއި ނުކުރައްވާނެ ކަމުގައެވެ.
މީގެ އިތުރުންވެސް، ސަރުާރުކޯލިޝަންގައި ހިމެނޭ، އެމްޑީޕީ ފިޔަވާ އެހެން ހުރިހާ ޕާޓީއަކުންވެސް، މިހާރު ވެރިކަން ކުރެވެމުންދާ ރިޔާސީ ނިޒާމު އުވާލާ، ބަރުލަމާނީ ނިޒާމެއް ގެނައުމަށް ފާޅުގައި ދަނީ ދެކޮޅު ހަދަމުންކަން ފާހަގަ ކޮށްލެވެއެވެ.
އާގާނޫނު އަސާސީން، ދިވެހިރާއްޖޭގައި ވެރިކަންކުރާނޭ ނިޒާމެއް ކަޑައެޅުމަށްޓަކާ 2007ވަނަ އަހަރު އާންމުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގިގެން ދިޔައެވެ. މި ވޯޓުގައި އޭރުގެ އެމްޑީޕީން ތާއީދުކޮށް ކެމްޕޭނު ކޮށްފައިވަނީ ބަރުނަމާނީ ނިޒާމަކަށް ތާއީދު ހޯދުމަށެވެ. އޭރު ރައީސްކަމުގައި ހުންނެވި، ރައީސް މައުމޫނުގެ ޑީއާރުޕީން ކެމްޕޭންކޮށްފައިވަނީ، ރިޔާސީ ނިޒާމަކަށް ރައްޔިތުންގެ ތާއީދު ހޯއްދެވުމަށެެވެ.
އާ ގާނޫނު އަސާސީ އެކުލަވާލުމަށް އެއްކުރެވުނު، ރައްޔިތުންގެ ޚާއްސަ މަޖިލިހުގައި އެތައް ބަހުސެއްކުރެވި، އަދި އާންމު ރައްޔިތުންނާ އޭރު އުފެދިފައި އޮތް ސިޔާސީ ޕާޓީތަކުގެ މެދުގައިވެސް އެތަކެއް ބަހުސްތަކަކާއި، ކުރިޔަށްދިޔަ އެތަކެއް ޚިޔާލު ފާޅުކުރުން ތަކަކަށްފަހުވެސް، އާންމު ރައްޔިތުންގެ ބޮޑު އަޢުލަބިއްޔަކުން، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުން ނިމިގެން ދިޔައީ ދިވެހި ރާއްޖޭގައި އޮންނަން ފެންނަނީ، ރިޔާސީ ނިޒާމެއް ކަމުގައެވެ.
މި އިންތިޚާބުގައި ޖުމްލަ 154،123 މީހުން ވޯޓު ލީއިރު، ބަރުލަމާނީ ނިޒާމަށް ތާއީދުކޮށް ވޯޓު ދީފައިވަނީ 58،504 މީހުންނެވެ. ރާއްޖޭގައި ރިޔާސީ ނިޒާމެއް އޮންނަން ފެންނަށް ކަމަށް 95،619 މީހުން ވޯޓު ދީފައި ވެއެވެ.
One Response
ރިއާސީނިޒާމު ރައްޔިތުންނައް އެއްމެރަގަޅީ