18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރެއްވި މިހާރުގެ އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރާއި، ކުރީގެ ނާިއބް ރައީސް އަހުމަދު އަދީބްއާއި ދެމެދު ވެފައިވާ ފައިސާގެ މުޢާމަލާތްތައް ވަނީ ލީކުވެފައެވެ.
ދިރޔަރެސް ނޫހުން ލީކް ކޮށްލާފައިވާ މިމެސްޖްތައް ލިބިފައިވަނީ ރައީސް ނަޝީދުގެ އަރިސް ބޭފުޅެއްގެ ފަރާޕްޕުޅުންކަމަށް ވަނީ ބުނެފައެވެ. ނިޒާރާއި އަދީބް އާއި ދެމެދު ހިނގާފައިވާ މުޢާމަލާތްތަކުގައި ބޮޑެތި އަދަދުތަކުން ފައިސާ ނަގައި، ފައިސާ ބޭނުންވާކަމަށް އެކިފަހަރު މަތީން ނިޒާރު އަދީބަށް މެސެޖްކޮށް އެދިފައިވެއެވެ. ނަމަވެސް މިހާތަނަށްވެސް މިކަމާއި ގުޅިގެން ނިޒާރު އެއްވެސް އެއްޗެއް ބުނެފައި ނުވެއެވެ. މިއީ ތެދެއްކަމެއްވެސް އަދި ދޮގެއް ކަމެއްވެސް އޭނާ ވިދާޅުވެފައި ނުވެއެވެ.
ލީކް ވެފައިވާ މެސެޖްތަކުގައި 2014 ވަނަ އަހަރުގެ ޖުލައި މަސް ތެރޭގައި، ނިޒާރު ވަނީ ދަރަންޏެއް އަދާކުރުމަށްޓަކައި ވަރަށް ބޮޑު ކަމެއް ކޮށްދެއްވަން ޖެހޭ ކަމަށް ބުނެ އަދީބަށް މެސެޖު ކުރައްވާފައެވެ. އެ މެސެޖުގެ ޖަވާބުގަައި ބޭނުން ވަނީ ކިހާވަރެއްތޯ އަދީބު އައްސަވައެވެ. އެ ވަގުތަށް ބޭނުންވަނީ 250،000 ރުފިޔާ ކަމަށް ވިދާޅުވެ ނިޒާރު އަދީބަށް ޖަވާބު ދެއްވައެވެ.
ނަމަވެސް ފަހުން އަތުން އިތުރު ފައިސާ ބޭނުންވެދާނެ ކަމަށް ނިޒާރުގެ މެސެޖްގައި ވިދާޅުވެފައި ވެއެވެ.
އިންތިހާބުގެ ސަބަބުން އަދިވެސް މިއުޅެނީ ވަރަށް ތާށިކޮށް. މިވަގުތަށް 250000 ރުފިޔަ އިން ފުދިދާނެ. ނަމަވެސް ކުރިއަށް އޮތްތަނުގައި އަދި އިތުރަށް ބޭނުންވެދާނެ. 450،000 ރުފިޔާގެ ދަރަންޏެއް އެބައޮތް.
– ނިޒާރު އަދީބަށް ކުރެއްވި މެސެޖެއްގައިވެއެވެ.

މީގެ އިތުރުން ނިޒާރު އަދީބަށް ފޮނުއްވި މެސެޖެއްގައި އޭނާ އެމްއެމް އެކްސްޕޯޓުން 50،000 ޑޮލަރު ލޯނެއްގެ ގޮތުގައި ނަންގަވާފައިވާ ކަމަށާއި އެކުންފުނިން މިހާރު ނިޒާރާއި ދެކޮޅަށް ދައުވާ ކުރަން އުޅޭ ކަމަށް ބުނެފައިވެއެވެ. އަދި ދައުވާ ކުރާނެ ކަމުގެ އިންޒާރުދީ އެމްއެމް އެކްސްޕޯޓުން އީމެއިލް ކުރަމުންދާ ކަމަށާއި 70،000 ޑޮލަރުގެ ލޯނެއް އަދީބު އަތުން ލިބިއްޖެނަމަ އެކަންތައް އެއްކޮށް ހަމަޖެހިގެންދާނެ ކަމަށް ނިޒާރު ވިދާޅުވެފައިވެއެވެ. އޭގެ ޖަވާބުގައި އަދީބު ވަނީ އެދުވަސްކޮޅު ވަރަށް ދަތި ކަމަށާއި އޭގެ އަނެއް ދުވަހު އޮތް އެސްއީޒެޑް ބިލަށް އެމްޑީޕީ އިން ނެރެފައި އޮތް ވިޕާއި ހިލާފަށް ބިލަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންފައެވެ.

ނިޒާރު ވަނީ އޭނާ އެކަނި ވޯޓް ދިނުމުގެ ބޭނުމެއް ނެތް ކަމަށް ވިދާޅުވެފައެވެ. ނިޒާރު އެހެން ވިދާޅުވުމުން އަދީބު ވަނީ އެގޮތަށް އެކަން ކޮށްފިނަމަ "ސިޔާސީ ފައިސާ" ބޭނުން ކޮށްގެން ނިޒާރަށް އެހީތެރިވެވޭނެ ކަމަށް ވިދާޅުވެފައެވެ. ނިޒާރު ވަނީ އިތުރަށް އެވާހަކަ ދެއްކުމަށް ބައްދަލު ކުރުމަށް އަދީބުގެ އަރިހުން އެދިފައެވެ. އަދި އަދީބު ވަނީ ފަހުން ގުޅާނެ ކަމަށް ބުނެ ނިޒާރަށް މެސެޖުކުރައްވާފައެވެ. އެސްއީޒެޑް ބިލަށް ނިޒާރު ވޯޓެއް ނުދެއްވައެވެ. އެހެން ނަމަވެސް 27 އޯގަސްޓުގަ ނިޒާރު ވަނީ އަދީބަށް ޝުކުރުގެ މެސެޖެއް ފޮނުއްވާފައެވެ. އަދި އަދީބަކީ ޤައުމުގެ މުސްތަޤުބަލަށްޓަކައި މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށް ވިދާޅުވެފައެވެ.
އެމްއެމްޕީއާރުސީ ކޮރަޕްޝަންގެ މައްސަލަ ބަލަން އުފެއްދެވި އެސެޓު ރިކަވަރީ ކޮމިޝަނުން އެމްއެމްޕީއާރުސީ ކޮރަޕްޝަނާއި ގުޅިގެން ތުހުމަތު ކުރެވޭ ބައެއް ފަރާތްތަކުގެ ނަން ހިމަނައި އާންމު ކުރި ލިސްޓުގައިވެސް ނިޒާރުގެ ނަން ހިމެނެއެވެ.
ކޮމެންޓު ފޮނުވާ