ޕޮމްޕެއޯގެ ދަތުރާއި ގުޅިގެން ބްރިޖު ހިމެނޭހެން ބައެއް މަގުތައް ބަންދުކުރަނީ

ޕޮމްޕެއޯގެ ދަތުރާއި ގުޅިގެން ބްރިޖު ހިމެނޭހެން ބައެއް މަގުތައް ބަންދުކުރަނީ

Author
މުޙައްމަދު ޝަޒައިމް
27 އޮކްޓޯބަރ 2020 04:12
0

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ބުދަދުވަހު ރާއްޖެ ކުރުމަށް ހަމަޖެހިފައިވާ ދަތުރާއި ގުޅިގެން ބްރިޖް ހިމެނޭހެން ބައެއް މަގުތައް ބަންދުކުރުމަށް ނިންމައިފިއެވެ.

ފުލުހުންގެ ވިދާޅުވީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކަލް ރިޗަރޑް ޕޮމްޕޭ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި މާދަމާ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާތީ ސަލާމަތީ ސަބަބުތަކަށްޓަކައި މާދަމާ 12:30 ން ފެށިގެން ރަސްމިއްޔާތު ނިމެންދެން ހިނގާ މީހުންނަށާއި ދުއްވާ ތަކެއްޗަށް ނުވަދެވޭ ގޮތަށް ބަންދު ކުރެވޭނެކަމަށެވެ.

ބަންދުކުރެވޭ މަގުތަކާއި ސަރަހައްދުތައް

1- އެއަރޕޯޓް މަގު،

2- ސިނަމާލެ ބްރިޖް،

3- ބޮޑުތަކުރުފާނު މަގުގެ ބައެއް ސަރަހައްދުތައް

4- ގްރީން ޒޯން

ފޮރިންމިނިސްޓްރީން ވިދާޅުވީ ސެކްރެޓަރީ ޕޮމްޕެއޯގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައި، މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދުއާއެކު ރަސްމީ މަޝްވަރާތައް ބާއްވަވާނެކަމަށެވެ. މި މަޝްވަރާތަކުގައި ކޯވިޑް-19 އާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުންނާއި، ކުރިމަގުގައި ދެޤައުމުގެ މެދުގައި ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާ ބެހޭ ގޮތުން ދެބޭފުޅުން ވާހަކަފުޅު ދައްކަވާނެއެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯގެ މި ދަތުރުފުޅަކީ 1992 ވަނަ އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހު އެމެރިކާގެ އޭރުގެ ޚާރިޖީ ވަޒީރު ޖޭމްސް އެޑިސަން ބޭކަރ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު އެމެރިކާ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ކުރައްވާ އެންމެ މަތީ ފަންތީގެ ދަތުރުފުޅެވެ.

ސެކްރެޓަރީ ޕޮމްޕެއޯގެ ދައުވަތަކަށް މިނިސްޓަރ ޝާހިދު ވަނީ 2019 ފެބްރުއަރީ 19 ވަނަ ދުވަހު އެމެރިކާގެ ވެރިރަށް ވޮޝިންޓަންއަށް ވަޑައިގެން ސެކްރެޓަރީ ޕޮމްޕެއޯ އާ ބައްދަލުކުރައްވާފައި.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.