ގައްދޫ މަގު ހެދުމުގެ މަސައްކަތުގެ ބޮޑުބައި ނިމިއްޖެ

ގައްދޫ މަގު ހެދުމުގެ މަސައްކަތުގެ ބޮޑުބައި ނިމިއްޖެ

ގދ.ގައްދޫ މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ ބޮޑު ބައި ނިމިފައިވާކަމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.

އާރުޑީސީން ބުނެފައިވަނީ ގައްދޫ މަގު ހެދުމުގެ މަސައްކަތް ހުއްޓުމެއްނެތި ބާރު ސްޕީޑުގައި ކުރެވެމުންދާކަމަށެވެ. މަސައްކަތުގެ ބޮޑުބައި މިހާރުވެސް ނިމިފައިވާއިރު، ވަތަބަނޑޭރި މަގުގެ ސައިޑްވޯކް ކޮނެ، ޝަޓަރިންގެ %93 ނިމިފައިވާކަމަށް އާރުޑީސީން ބުނެއެވެ. އަދި ކޮންކްރީޓް ކީވޯލްގެ %35 ވެސް ވަނީ ނިމިފައި ވާކަމަށްވެސް އާރުޑީސީން ވަނީ ބުނެފައެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އެކޯޕަރޭޝަނާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގައި ގައްދޫގެ ރިންގްރޯޑް ހިމެނޭގޮތަށް 6 މަގެއް ޒަމާނީ ފެންވަރަށް ތާރު އަޅައިގެން ހެދުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ގދ.ގައްދޫގައި ހެދުމަށް ހަމަޖެހިފައިވަނީ 6 ކިލޯމީޓަރުގެ މަގެވެ.

ދަޢުލަތުގެ ބަޖެޓުން -/29،685،936ރ (ނަވާވީސް މިލިޔަން ހަސަތޭކަ އަށްޑިހަ ފަސް ހާސް ނުވަސަތޭކަ ތިރީސް ހަ ރުފިޔާ) ޚަރަދުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ މަސައްކަތް 510 ދުވަހުގެ ތެރޭ ނިންމަން ޖެހެއެވެ. ބިމުގެ ބޮޑު މިނުގައި 25.2 ހެކްޓަރު ހުންނަ މިރަށުގެ އާބާދީއަކީ 3049 އެވެ. ގައްދޫގައި އާމްދަނީ ހޯދުމަށް އާއްމުގޮތެއްގައި ކޮށް އުޅޭ މަސައްކަތަކީ މަސްވެރިކަމާއި ދަނޑުވެރިކަމެވެ.

ގައްދޫއަކީ ކުނާ ވިޔުމުގެ މަސައްކަތަށް މުޅި ރާއްޖެއިންވެސް އެންމެ މަޝްހޫރު ރަށެވެ. 1962 އިން 1968 އާ ހަމައަށް ގދ. އަތޮޅުގެ އަތޮޅުވެރިކަން ކޮށްފައިވަނީ ގައްދޫގައެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ރާއްޖެއަށް ކުރިމަތިވި ހައިހޫނުކަމުގައި ހުވަދު އަތޮޅުގެ ހުރިހާ ރައްޔިތުންގެ ކެއިންބުއިމުގެ ކަންކަން ހަމަޖައްސާފައިވަނީ މިރަށު ރައްޔިތުންގެ މަސައްކަތުން، އެރަށާ ކައިރީގައި އޮންނަ ގަމުގައި ހައްދާ އޮޅުއަލައިންނެވެ. 20 ވަނަ ޤަރުނުގެ މެދުތެރޭގައި ދިވެހި ސަރުކާރާ ދެކޮޅަށް ހިންގި "ދެކުނުގެ ބަޣާވާތު" ގައި ދިވެހި ސަރުކާރަށް އެއްބާރުލުން ދިން ހަމައެކަނި ރަށަކީވެސް މިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *