ޔުއެފާ އެވޯޑަށް ވާދަކުރާ ކޯޗުންނާއި، ކުޅުންތެރިން އިއުލާންކޮށްފި

ޔުއެފާ އެވޯޑަށް ވާދަކުރާ ކޯޗުންނާއި، ކުޅުންތެރިން އިއުލާންކޮށްފި

ޔުއެފާ އެވޯޑްސްއަށް ވާދަކުރާ ކުޅުންތެރިންނާއި ކޯޗުންގެ ނަންތައް އިއުލާންކޮށްފިއެވެ.

2020/2021 ވަނަ އަހަރުގެ ފިރިހެން އެންމެ މޮޅު ކުޅުންތެރިޔާއަށް ވާދަކުރާ 3 ކުޅުންތެރިންނަކީ އެންމެފަހުން އޮތް ޔުއޭފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ވާދަކުރި ޗެލްސީއާއި މެންޗެސްޓަރ ސިޓީއަށް ނިސްބަތްވާ ތިން ކުޅުންތެރިންނެވެ. ޝޯޓްލިސްޓް ކޮށްފައިވާ ތިން ކުޅުންތެރިންނަނީ ސިޓީގެ ކެވިން ޑި ބްރުއިނަރ އާއި ޗެލްސީގެ ޖޯޖީނިއޯ އަދި އެންގޯލާ ކާންޓޭއެވެ.

މިފަހަރު ފިރިހެން ޓީމްތަކަށް ކޯޗް ކޮށްދިން ކޯޗުންގެ ތެރެއިން ޝޯޓްލިސްޓް ވެފައިވާ ތިން ކޯޗުންނަކީ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ އާއި ޗެލްސީގެ ކޯޗް ތޯމަސް ޓުޗެލް އާއި އިޓަލީވިލާތަށް ޔޫރޯ ކާމިޔާބުކޮށްދިން ރޮބާޓޯ މަންޗީނީއެވެ.

އަންހެން އެންމެ މޮޅު ތިން ކުޅުންތެރިންގެ ގޮތުގައި ޝޯޓްލިސްޓް ވެފައިވަނީ ޔުއޭފާ ވިމްންސް ޗެމްޕިއަންސް ލިގު ކާމިޔާބުކުރި އެފް ސީ ބާސެލޯނާގެ ތިން ކުޅުންތެރިން ކަމަށްވާ ޖެނިފަރ ހަރމޯސޯ އާއި ލިއެކޭ މާޓެންސް އަދި އެލެކްސިއާ ޕުޓޭޔާސްއެވެ.

އަންހެން ޓީމުތަކަށް ކޯޗް ކޮށްފައިވާ ކޯޗުންގެ ތެރެއިން ނޮމިނޭޓް ވެފައިވަނީ ބާސެލޯނާގެ ކޯޗް ލުިސް ކޯޓޭޒް، ސްވިޑްން ޤައުމީ ޓީމްގެ ކޯޗް ޕީޓަރ ގަރހާޑްސަން އަދި ޗެލްސީ ވިމެންގެ އެމާ ހޭސްއެވެ.

ފިރިހެން ކުޅުންތެރިންނާއި ކޯޗުން ހޮވުމުގައި ހަރަކާތްތެރިވެފައިވަނީ މިފަހަރުގެ ޔޫރޯ 2020 ގައި ވާދަކުރި 24 ޓީމްގެ ކޯޗުންނާއި ޔުއޭފާ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުގެ ގްރޫޕް މަރްހަލާގައި ވާދަކުރި 80 ޓީމްގެ ކޯޗުންނާއި ޔުއޭފާ މެންބަރު 55 އެސޯސިއޭޝަނަށް ނިސްބަތްވާ 55 ޖަރނަލިސޓުންނާއި އެޖަރނަލިސްޓުން ހޮވުމުގައި އެހީތެރިވެދިން ޔޫރަޕިއަން ސްޕޮޓްސް މީޑިއާގެ މައްޗަށް އެކުލެވޭ ޓީމަކުންނެވެ.

މިފަހަރުގެ ޔުއޭފާ އެވޯޑު ކާމިޔާބު ކުރާ ކުޅުންތެރިންނާއި ކޯޗުންގެ ނަންތައް ހާމަކުރުމަށް ހަމަޖެހިފައިވަނީ ޔުއޭފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް މަރްހަލާގެ ގުރުއަތުލުން ބާއްވާ ރަސްމިއްޔާތުގައި މިއަންނަ ބުރާސްފަތު ދުވަހުއެވެ. ގުރު ނެގުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައި ވަނީ ތުރުކީވިލާތުގެ އިސްތަންބޫލްގައި ހުންނަ ހަލީގް ކޮންގްރެސް ސެންޓަރގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *