ރާއްޖޭގައި ބޭނުންވާ މިންވަރަށް ރާއްޖޭގައި އުފައްދާ ތަކެތި ލިބެނިކޮށް ބޭރުން އެފަދަ ތަކެތި އެތެރެކުރާ ނަމަ ޓެކްސް އެއް ނެގުމަށް ސަރުކާރުން މަޝްވަރާކުރަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ކަނޑޫދޫގެ ބަނދަރު ސަރަޙައްދުގައި އެރަށުގެ ދަނޑުވެރިންނާއެކު ބޭއްވެވި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިފަދަގޮތަކަށް މަޝްވަރާކުރަމުންދަނީ ދަނޑުތަކުން އުފައްދާ ތަކެއްޗަށް ހަމަ އަގު ހޯދައިދިނުމުގެ ބޭނުމުގައި ކަމަށެވެ.
ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ، ދަނޑުވެރިކަން ކުރުމަށް މިހާރު ފުރުސަތު އޮތް ކަމަށާއި އެކަމަށް ޑިމާންޑް ވެސް އެބައޮތް ކަމަށެވެ. އަދި އެމަނިކުފާނު ވަނީ ދަނޑުވެރިކަން ކުރިއެރުވުމަށް ސަރުކާރުން އުފައްދާފައިވާ އެގްރޯނެޓްގައި ބައިވެރިވުމުގެ މުހިންމުކަން ފާހަގަކުރައްވައި އެގްރޯނެޓް މެދުވެރިކޮށް ދަނޑުވެރިންނަށް ހުރި ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުވުމުގައި ދަނޑުވެރިން ފާހަގަކުރި ކަންތައްތަކުގެ ތެރޭގައި ދަނޑުވެރިކަމަށް ރާއްޖެ އެތެރެކުރާ ކެމިކަލް އިން ކުރިން ނަގަމުން އައި ޑިއުޓީ ކަނޑާލިނަމަވެސް އޭގެ ފައިދާއެއް ދަނޑުވެރިންނަށް ނުކުރާކަމަށާއި، އޭގެ ފައިދާ ކުރަނީ ވިޔަފާރިވެރިންނަށްކަން ވަނީ ފާހަގަކޮށްފައެވެ. އަދި، ކަނޑުދޫގެ ދަނޑުވެރިން ވަނީ އެގްރޯނެޓް ސްކީމްގައި މިރުސް ނުހިމެނޭތީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ކަނޑޫދޫގެ ދަނޑުތަކުގައި ކޮންމެވެސް ވަރަކަށް މަސައްކަތްކުރާކަން ހާމަކުރަމުން ދަނޑުވެރިން ވަނީ އެމީހުން ފަސޭހަގޮތަކަށް އަލުން އަނބުރާ ރެގިއުލަރައިޒް ކުރެވޭނެ މަގެއް ފަހިކޮށްދެއްވުމަށް ވެސް އެދިފައެވެ.
މިކަންކަމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ބިދޭސީން ރެގިއުލަރައިޒް ކުރެވޭނެ މަގުފަހިކޮށްދެއްވާނެކަމަށާއި، ދެން ދަނޑުވެރިން ހުށަހަޅައިފައިވާ ކަންކަމުގައި މަޝްވަރާކޮށްގެން ރަނގަޅު ޙައްލުތަކެއް ހޯއްދަވައިދެއްވާނެކަމަށެވެ. މީގެ އިތުރުން ވެސް އެމަނިކުފާނު ވަނީ ދަނޑުވެރިކަމުގެ ދާއިރާއިން ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.