ސިފަ ވަކިކުރަން ނޭނގޭ ވަރުގެ މޭކަޕެއްގައި ފިލްމު "ޓައިގާ-3″ ގެ މަންޒަރެއް ނެގުމަށް ސަލްމާން ރަޝިއާގެ މަގެއްގައި އުޅޭ ފޮޓޯތަކެއް އާންމުވެއްޖެއެވެ.
މުމްބާއީގައި ނެގުމަށް ހަމަޖެހިފައިވާ މި ފިލްމްގެ ބައިތަށް ޝޫޓް ކުރުމަށްފަހު "ޓައިގާ-3″ގެ ޓީމުން މިދިޔަ ހުކުރު ދުވަހު ވަނީ ރަޝިއާއަށް ފުރާފައެވެ.
އާންމުވެފައިވަނީ ރަަޝިއާގެ މަގެއްގެ މަތީ ނަގަންޖެހޭ މަންޒަރެއް ނެގުމަށް ސަލްމާން މަސައްކަތްކުރާ މަންޒަރު ފެންނަ ފޮޓޯތަކެކެވެ. މި ފޮޓޯތަކުން ސަލްމާން ފެންނަނީ މުށިކުލައިގެ ދިގު އިސްތަށިގަނޑަކާއި ދިގު ތުނބުޅިއެއްގައި ހުންނަ މަންޒަރެވެ.
ޝޫޓިންއަށްފަހު ސަލްމާން ވަނީ އޭނާގެ ބައެއް ފޭނުންނަށް އޭނާއާއެކު ފޮޓޯނެގުމުގެ ފުރުސަތުވެސް ދީފައެވެ.
މި ފިލްމްގެ ޝޫޓިން ޔޫރަޕްގެ ގައުމުތަކުގައި ނެގުމަށް 45 ދުވަސް ހޭދަވާނެއެވެ. ފިލްމްގެ މަންޒަރުތައް ޔޫރަޕުގެ ފަސް ގައުމެއްގައި ނެގުމަށް ހަމަޖެހިފައި ވާއިރު އޮސްޓްރިއާ އަދި ޓާކީ ފަދަ ގައުމުތައް އޭގެތެރޭ ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ކޯވިޑްގެ ސަބަބުން މި ފިލްމް ގެ ޝޫޓީން ވަރަށް ބޮޑަށް މި ވަނީ ލަސްވެގެން ގޮސްފައެވެ. އަދިވެސް ބައެއް ގަައުމުތަކަށް ދަތުރު ކުރުމުގައި ދަތިތައް ދިމާވާތީ އިތުރަށް ފިލްމްގެ ޝޫޓިން ލަސްވުމަކީވެސް އެކަށީގެން ވާކަމެކެވެ. ނަމަވެސް މި ފިލްމް އުފައްދާ ޔަޝް ރާޖް ފިލްމްސް އިން ފިލްމް ޝޫޓް ކުރުމަށް ހަމަޖެހި އެއްވެސް ލޮކޭޝަނެއް މިސްވާކަށް ބޭނުމެއް ނުވެއެވެ.
ސަލްމާނާއި ކެޓްރީނާގެ "ޓައިގާ" އަކީ ސިލްސިލާކޮށް ގެނެސްދޭ ފިލްމް ސީކުއަލްއެކެވެ.