ސާފް ޗެމްޕިއަންޝިޕް ހުޅުވާ މެޗުގައި ރާއްޖޭ އާއި ދެކޮޅަށް ނޭޕާލް

ސާފް ޗެމްޕިއަންޝިޕް ހުޅުވާ މެޗުގައި ރާއްޖޭ އާއި ދެކޮޅަށް ނޭޕާލް

Author
ޔޫސުފް
19 އޮގަސްޓް 2021 12:24
0

ދެކުނު އޭޝިއާގެ ފުޓްބޯޅަ މުބާރާތް، ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި ރާއްޖެ އާއި ނޭޕާލްއާ ވާދަކުރަން ޖެހިއްޖެއެވެ.

އަންނަ އޮކްޓޯބަރ މަހުގެ 1 އިން 14 އަށް ދިވެހިރާއްޖޭގައި ބާއްވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި 5 ގައުމެއް ވާދަކުރާނެއެވެ. އެއީ އިންޑިއާ، ނޭޕާލް، ސްރީލަންކާ އަދި ބަންގްލަދޭޝްގެ އިތުރުން މުބާރާތް ބާއްވާ ދިވެހިރާއްޖެއެވެ. 5 ގައުމު ވާދަކުރާތީވެ މިފަހަރުގެ މުބާރާތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުންނެވެ. ފައިނަލަށް ދާނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއެވެ.

މުބާރާތުގައި ވާދަނުކުރަނީ ކޮވިޑްގެ ސަބަބުން ދަތުރުފަތުރު ކުރުމުގެ ހުއްދަ ހޯދުމުގައި އުނދަގޫތަކެއް ކުރިމަތިވި ބޫޓާނާއި ފީފާގެ ސަސްޕެންޝަނެއްގައި އޮތް ޕާކިސްތާނެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި އޮކްޓޯބަރ މަހުގެ ފުރަތަމަ ދުވަހު ހަވީރު 4 ޖަހާއިރު ނޭޕާލާއި ދެކޮޅަށް ގަލޮޅު ދަނޑުގައި ރާއްޖެ ނުކުންނައިރު، ރާއްޖެ ކުޅޭ ދެ ވަނަ މެޗުގައި އޮކްޓޫބަރު 6 ވަނަ ދުވަހުގެ ރޭ ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. އޮކްޓޫބަރު 8 ވަނަ ދުވަހު ރާއްޖޭން ސްރީ ލަންކާއާ ވާދަކުރާއިރު ގްރޫޕްގެ ފަހު މެޗުގައި އޮކްޓޫބަރު 11 ވަނަ ދުވަހުގެ ރޭ ވާދަކުރާނީ ރާއްޖެ އާއި އިންޑިއާއެވެ.

މިފަހަރުގެ މުބާރާތް ރާއްޖޭގައި ބާއްވާއިރު މިއީ ހަމައެކަނި ރާއްޖޭގައި މުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ. އެހެންނަމަވެސް މީގެކުރިން 2008 ވަނަ އަހަރު އަވަށްޓެރި ސްރީ ލަންކާ އާއި ގުޅިގެން ދެގައުމުގައި މި މުބާރާތް ވަނީ ބާއްވާފައެވެ. އެފަހަރުގެ މުބާރާތް ކާމިޔާބުކުރީ ރާއްޖެއިންނެވެ.

އެންމެ ފަހުން 2018 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރީ ދިވެހިރާއްޖެއިންނެވެ. އެއީ ފައިނަލުގައި އިންޑިއާ 1-2 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.