އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ޝަރުތު ހަމަނުވާކަން ޕާޓިން ނިންމާފައިވާ ނިންމުން މުރާޖައާކޮށްދޭން އެދިވަޑައިގެންފިއެވެ.
އެޕާޓީން އިންތިޚާބުގައި ކުރިމަތިލާން ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝާރުތު ހަމަވާ ފަރާތްތަކުގެ ލިސްޓު އާންމުކޮށްފައި ވާއިރު އަކްރަމް އާއި ޔޫތު މިނިސްޓަރ އަޙްމަދު މަހްލޫފު ޝަރުތު ހަމަނުވާކަމަށް ކަނޑައަޅާއި ސިޓީއަކުން ވަނީ އަންގާފައެވެ.
އެމްޑީޕީގެ ޗެއާޕާސަން އެޑްރެސްކުރައްވައި އަކުރަމް ފޮނުއްވި ސިޓީއެއްގައި، ޕާޓީގެ ނިންމުމާ ގުޅިގެން ގިނަ ކަންތައްތަކެއް ވަނީ ފާހަގަކުރައްވައިފައެވެ. އެގޮތުން އެއް ކަމަކަށް ދާއިރާތަކުގެ އިންތިހާބުގައި ވާދަކުރާ މެންބަރުންގެ ޝަރުތުތައް ޕާޓީގެ އެއްވެސް ގަވާއިދެއްގައި ބަޔާންކޮށްފައި ނުވާކަން ފާހަގަކުރައްވާފައިވެއެވެ.
އަދި ކޮރަޕްޝަންގެ މައްސަލަތައް ބަލާ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ލިސްޓުގައިވާ ގޮތުން ޖިނާއީ ދައުވާއެއް ނުކުރާ ގޮތަށް ނިންމައި، މައްސަލަ ނިންމި ކަމަށް ބުނެފައިވާ ކަމަށް އަކުރަމް ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން އަކުރަމްގެ ސިޓީގައި ވިދާޅުވީ އޭސީސީއަށް މައްސަލައެއް ހުށަހެޅިފައި އޮތުމަކީ ނުވަތަ މައްސަލައެއް ބަލަމުން ދިއުމަކީ ޝަރުތު ފުރިހަމަނުވާން ޖެހޭ ސަބަބެއް ނޫންކަން ޝަރުތުތައް ބަޔާންކޮށް ޕާޓީން ނެރުނު އިއުލާނާއި ގައުމީ މަޖިލީހުގެ ބައްދަލުވުމުން ނިންމި ކަންތައްތަކުން ވެސް އެނގޭ ކަމަށެވެ.
އަކުރަމް ކުރިމަތިލައްވަން ހުށަހެޅުއްވީ މާލެ ދާއިރާގެ ރައީސް ކަމަށެވެ. އެމަގާމަށް ދެން ކުރިމަތިލެއްވީ މާލޭގެ ކުރީގެ މޭޔަރު ޝިފާ މުޙައްމަދެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުން ނިންމާފައިވާ ގޮތުން އެ ޕާޓީގެ އެތެރޭގެ އިންތިހާބުގައި ބައިވެރިވެވޭނީ ވަކި ކަހަލަ ކަމަކުން ބަރީއަވެފައިވާ މީހުންނަށެވެ. އޭގެ ތެރޭގައި ހިމެނެނީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އޭސީސީން ތައްޔާރު ކޮށްފައިވާ ރިޕޯޓެއްގައި ފިޔަވަޅު އަޅައި ދިނުމަށް އެދި އެކިއެކި މުއައްސަސާތަކަށް ނަން ފޮނުވާފައިވާ މީހުންނާއި ކޮރަޕްޝަނާއި ހިޔާނާތާއި ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދާފައިވާ ރިޔާސީ ކޮމިޝަނުން ނެރެފައިވާ ރިޕޯޓެއްގައި ކުށެއް ކުރުމުގައި ބައިވެރިވެފައިވާ ކަމަށް ބަޔާން ކޮށްފައިވާ މީހުންނާއި މީހަކު މެރުމާއި ރޭޕްކުރުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށެއް ކޮށްފައިވާ މީހުންނެވެ.