ދައުލަތުގެ ގިނަ ކުންފުނިތަކަކީ، ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ އަސާސީ ޚިދުމަތްތައް ފޯރުކޮށް ދިނުމަށްޓަކާ، ވިޔަފާރި އޮނިގަޑެއްގެ ތެރެެއިން އުފައްދާ ދައުލަތުގެ މުހިންމު "މުވައްސަސާ" ތަކެވެ.
އެހެން ގޮތަކަށް ދަންނަވަނީނަމަ، ދައުލަތާއި، ސައްތައިން ސައްތަ ދައުލަތުން ހިއްސާވާ، ނުވަތަ ރައްޔިތުންނާ ދައުލަތް ހިއްސާވެގެން އުފައްދާ ކުންފުނިތަކަކީ، ގައުމުގެ އިގުތިސާދުގައި މުހިންމު ދައުރެއް އަދާކުރާ، އަދި ކުންފުންފުނިތަކުންވެސް ފައިދާ ހޯދަމުން، އާ ވަޒީފާތައްވެސް ވަޒީފާގެ ބާޒާރަށް ނެރެމުން، އަދި ހިއްސާދާރުންނަށްވެސް ފައިދާ ހޯދާދެމުން ހިންގަމުން ދިއުމުގެ މައިގަޑު އަމާޒުގައި އުފައްދާ ވިޔަފާރި ކޮންސެޕްޓެކެވެ.
މިގޮތުން ބަލާއިރު، ދިވެހިރާއްޖޭގައިވެސް، މައިގަޑު ގޮތެއްގައި، އަސާސީ ޚިދުމަތްތައް މެދު ކެޑުމެއްނެތި ރައްޔިތުންނާ ހަމައަށް ފޯރުކޮށް ދިނުމުގައި މި ކޮންސެޕްޓް ފާއިތުވެދިޔަ ދުރު ނޫން މާޒީއަކުން ފެށިގެން އަންނަނީ ގެންގުޅެމުންނެވެ.
މިސާލެއްގެ ގޮތުން، ދިރާގު، ސަރުކާރުގެ ފެންކުންފުނި އެމް.ޑަބްލިއު.އެސް.އީ، ސްޓެލްކޯގެ އިތުރުން އެމްޓީސީސީ ފަދަ ކުންފުނިތަކަކީ މި ކޮންސެޕްޓުގައި މިހާތަނަށްވެސް ކާމިޔާބުކަމާއެކު ހިންގަމުން އަންނަ ކުންފުނިތަކެވެ.

ހަމަ އެއާއެކު ފާހަގަކޮށްލަން ޖެހޭ ނުކުތާއަކީ، ސަރުކާރު ކުންފުނިތައް ހިންގުމުގައި ގެންގުޅޭ ތަފާތު ކޮންސެޕްޓްތަކެވެ. ބައެއް ކުންފުނިތަކަކީ، ފަހުގެ ޓެކްނޮލޮޖީއާއި އަދި ކުންފުނީގެ ޒަރީއާއިން ރަގަޅު އިންވެސްޓްމަންޓްތައް ގައުމަށް ގެނައުމުގެ ބޭނުމުގައި، ބޭރުގެ ބޮޑެތި އަދި ފޯރުންތެރި ކުންފުނިތަކާއެކީ، ޖޮއިންޓް ވެންޗަރގެ އުސޫލުން ހިންގަކުންދާ ކުންފުނިތަކެވެ.
އަނެއްބައި ކުންފުނިތަކަކީ، މުހިންމު ސްޓްރަޓެޖިކް ބޭނުންތަކުގައާއި، އަދި ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ މުހިންމު ޚިދުމަތްތަކަށް ބުރޫ އެރިޔަނުދީ، ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށް ދިނުމަށްޓަކާ ސަރުކާރުގެ ފުރިހަމަ ހިއްސާއޮވެގެން ހިންގާ ކުންފުނިތަކެވެ.
މިއިން ކޮންމެ ކޮންސެޕްޓެއްގައި ދައުލަތުގެ ކުންފުނިތައް ހިންގަމުން އައިކަމުގައިވި ނަމަވެސް، ކުންފުނިތަށް ހިންގުމުގައި ވަކި ކޮންސެޕްޓަކަށް ކުންފުނިތައް ފައްތަންޖެހެނީ، މިއަދުގެ ހާލަތަށް ބެލުމަށްވުރެ ބޮޑަށް ކުރިޔަށް އޮތް މުސްތަގުބަލަށް ވިސްނައިގެން، އެ އުސޫލުގެ މަތިންކަން ފާހަގަ ކޮށްލަން ޖެހެއެވެ.
ކުންފުނިތައް ނުހިންގި އިނދަޖެހިގެންދާ ސަބަބުތައް
ދައުލަތުގެ ކުންފުނިތަކަކީ، ހަގީގަތުގައި ދަންނަވާނަމަ، ދައުލަތުގެ އެންމެ އަގުބޮޑު އެސެޓްތަކެވެ. ސަބަބަކީ، ކުންފުނިތައް އުފެއްދުމަށްފަހު، ކުންފުނިތައް ދައުލަތުގެ އެހީތެރިކަމާއެކު، ނަގާ ކޮޅަށް ޖެހުމަށް ޚުދު ދައުލަތުން އެތަކެއް ޚަރަދުތަކެއް ކޮށް، އަދި އެތަކެއްކެއް ޚިދުމަތައްތެއް ފޯރުކޮށް ދިނުމަށްޓަކާ ކުންފުނިތަކުގެ އަމިއްލަ މުދަލާއި ވަސީލަތްތައް ގާއިމް ކުރެވިގެން ދާތީއެވެ.
އަދި ހަމަ އެފަދައިން، ކުންފުނިތަކުގެ އުމުރުން ދުވަސްވެގެން ދާވަރަކަށް، އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ގާބިލްކަން ލިބި، ވިޔަފާރީގެ ދާއިރާ ފުޅާވެ، ކުންފުނިތަކުގެ އެސެޓްތައް އިތުރުވެ، ބޮޑު މުވައްސަސާއަކަށް ކުންފުނި އޭގެ ޒާތުގައި ބަދަލުވެގެން ދާތީވެސްމެއެވެ.
މިގޮތުން ރާއްޖޭގައި މިހާރުވެސް މިފަދަ ވަރުގަދަ ކުންފުނިތައް ހިގަމުންދާއިރު، ރަގަަޅަށް ހިގަހިގާ ހުރި ކުންފުނިތައް ރާއްޖޭގައި އިދަޖެހިގެން ގޮސްފައިވެސް އެބަހުއްޓެވެ. މިގޮތުން ބަލާއިރު، ރާއްޖޭގައި ކުންފުނިތައް ވަރުގަދަވެ ކުރިއަރައިގެން ގޮސްފައި ހުރީވެސް، ނުވަތަ ހީނަރުވެ އިދަޖެހިގެން ގޮސްފައިހުރީވެސް، މައިގަޑުގޮތެއް ހަމަ އެއްސަބަބަކާ ހެދިކަމުގައި ދެންނެވިދާނެއެވެ. އެއީ ކުންފުނިތަކުގެ ލީޑަރޝިޕް ނުވަތަ މެނޭޖްމަންޓްތަކުގެ ސަބަބުންނެވެ. .
ދައުލަތުގެ ކުންފުނިތަކަކީ، ވުޒާރާތައް ހިންގާ އުސޫލުން ހިގާ ތަންތަނެއް ނޫނެވެ. ދައުލަތުގެ ވުޒާރާތަަކަކީ، ފުޅާ މެންޑޭޓެއް އޮވެގެން ހިންގާ ތަންތަނަށް ވާއިރު، ކުންފުނިތަކަކީ، ކަނޑައެޅޭ ވަކި ޚާއްސަ މަސައްކަތްތަކެއް ކުރުމަށް، އަދި ގިނަ ފަހަރަށް ފަންނީ މުހިންމު މަސްކަތްތައް ކޮށްގެން ޚިދުމަތް ފޯރުކޮށް ދިނުމަށް ދައުލަތުން ޚަރަދު ކޮށްގެން އުފައްދާ ތަންތަނެވެ. އޭގެ ނަތީޖާއަކަށް ވެގެންދަނީ، ދައުލަތުގެ ވުޒާރާއެއްގައި ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައި މީހަކު އަދި ވަޒީފާ އަދާކުރިއެއްކަމަކު، ވަކި ޚާއްސަ ޚިދުމަތެއް ފޯރުކޮށް ދިނުމަށްޓަކާ އުފައްދާ ކުންފުނިތަކަކީ ދާއިރާގެ އިލްމާއި ހިލްމު ލިބިފައިވާ މީހުން ހިމަނައިގެން މެނުވީ ހިންގޭނެ ތަންތަނެއް ނޫނެވެ.

މިސާލެއްގެ ގޮތުން ދަންނަވާނަމަ، ދައުލަތުގެ އޭވިއޭޝަން ކުންފުންޏަކީ މިއަދު އެންމެ ބޮޑު ގެއްލުމެއްގެ ތެރޭގައި އޮތް އެއް ކުންފުންޏެވެ. އަދި މިއީ ދިވެހި ގައުމީ އެއަރލައިން އެކުންފުނިން އޮޕަރޭޓް ކުރަމުން އަންނަ ކުންފުނިވެސް މެއެވެ. އެހެންނަމަވެސް، ދައުލަތުގެ އޭވިއޭޝަންކުންފުނި، ގެއްލުން ވަމުންދާތީ މިއަދު ހިންގުމަށް ދަތިވެފައިވާއިރު، އެކުންފުނީގެ އިސްމަގާމްތަކުގައި ތިބި، ނުވަތަ ސިޔާސީ އިސް މަގާމްތަކުގައި ބައެއް މީހުންނަކީ އޭވިއޭޝަންގެ ދާއިރާގެ ތަޖުރިބާ ނެތް ފަރާތްތައްކަން ފާހަގަ ކޮށްލަން ޖެހެއެވެ. އަދި އެކުންފުނީގެ އިސް މަގާމްތަކަށް ބޮޑެތި މުސާރަތައް ހަމަޖެއްސުންފަދަ ކަންކަމަކީ، އެކަންކަމުގެ ވާހަކަަތައް ފާއިތުވެދިޔަ ތަނުގައި ދެކެވިފައި ހުރި ކަންކަމެވެ.
ހަމައެއާއެކު، ރާއްޖޭގައި މިހާރުވެސް ކާމިޔާބު ކަމާއެކު، އަމިއްލަ ފަރާތްތަކުން އޭވިއޭޝަން ކުންފުނިތައް ހިންގަމުންދާއިރު، މައިބަދަ އެންމެ ވަރުގަދަ ވާންވާނީވެސް ދައުލަތުގެ އޭވިއޭޝަން ކުންފުނީގައި ކަންވެސް ހަދާން ނައްތާލައިގެން ނުވާނެއެވެ. އެހެންކަމަށް ވާނަމަ، ކުންފުންޏައް ގެއްލުންވާން ފެށުމުން، މެނޭޖުމަންޓް އަލުން ތަރުތީބުކޮށްގެން، ކުންފުންޏަށް ފައިދާ ލިބެވޭނެ މަގު ހޯދެން ޖެހޭނެއެވެ. އެއީ ފަހަަރެއްގައި، އާވިސްނުންތަކެއް އެކުންފުންޏެއްގެ ލީޑަޝިޕަށް ގެނެސްގެން ނަމަވެސް، ނުވަތަ ކުންފުނީގެ އިންވެސްޓްމަންޓުތައް އިތުރަށް ފުޅާ ކޮށްގެން ނަމަވެސް، ކުންފުނި ނަގާ ކޮޅަށް ޖެހޭނެ ވިސްނުންތަކެއް އެފަދަ ހާލަތުގައި އެކުންފުންޏެއްގެ ތެރެއަށް ގެނައުން މުހިންމު ވެގެން ދާނެއެވެ.
ކުންފުނިތައް ޕްރައިވެޓައިޒް ކުރުން
ކުންފުނިތައް ޕްރައިވެޓައިޒް ކުރުމަކީ، ދައުލަތުގެ ކުންފުނިތަކުން ވިޔަފާރި ކުރުމުގެ އެއް ކޮންސެޕްޓް ކަމުގައި ގަބޫލުކުރަން ޖެހެއެވެ. އަދި އިންވެސްޓްމަންޓްގެ ދާއިރާ ފުޅާކޮށް، ޓެކްނޮލޮޖީއާއި އިތުރު ވަސީލަތައް ހޯދައިގަތުމަށް ހުޅުވާލެވޭ ދޮރަކަށްވެސް ވަރަށް ގިނަފަހަރަށް ޕްރައިވެޓައިޒޭޝަން ވެގެން ގޮސްފައިވެސް ހުރެއެވެ.
އެހެންނަމަވެސް، ފާހަގަ ކޮށްލަންޖެހޭ މުހިންމު ނުކުތާއަކީ، ދައުލަތުގެ ބޮޑެތި ބައެއް ކުންފުނިތަކަކީ، ވަރަށް ގިނަފަހަރަށް ރައްޔިތުންނަށް ބޭނުންވާ މުހިންމު ޚިދުމަތްތައް ފޯރުކޮށް ދިނުމަށްތަކާ އުފައްދާ ކުންފުނިތައް ކަމެވެ. އަދި ދުނިޔޭގެ ގިނަ ގައުމުތަކަށް ނަޒަރެއް ހިންގާލާއިރު، ފާހަގަވާން އޮތްކަމަކީ، މިބީދައިން އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އުފައްދާ ކުންފުނިތަކަކީ، ސަރުކާރުތަކުން ސައްތައިން ސައްތަ ހިއްސާ ހިފަހައްޓާ، ގައުމީ ކުންފުނިތަކަށް ހަދާކަމެވެ.
މިސާލެއްގެ ގޮތުން، ކަރަންޓާއި ފެން، މުވާސަލާތީ ޚިދުމަތައްތައް ނުވަތަ ގައުމީ އެއަރލައިން އޮޕަރޭޓްކުރާ ކުންފުނިތައްފަދަ މުހިންމު ކުންފުނިތަކަކީ، އެކުންފުނިތައް ދައުލަތުގެ އަމިއްލަ މިލްކިއްޔާތުތަކުގެ ގޮތުގައި ބޭއްވުމުގެ ވިސްނުން، ގިނަ ގައުމުތަކުގައި ގެންގުޅެފައި ހުންނަ ކުންފުނިތަކެވެ.
އަދި މިފަދަ މުހިންމު ދާއިރާތަކަށް ޒަމާނީ ޓެކްނޮލޮޖީއާއި އަދި ފަހުގެ ވިސްނުންތައް ގެންނަނަމަ، މިސާލަކަށް މަތީ ފަންތީގެ ޚިދުމަތް ފޯރުކޮށްދޭ، ފުރިހަމަޔަށް ހިގާ ގައުމީ އެއަރލައިނެއް ބޭއްވުމާއެކު، ޖޮއިންޓް ވެންޗަރގެ އުސޫލުން އޭވިއޭޝަންގެ ދާއިރާއިން ބަޖެޓް އެއަރލައިނެއް ތައާރަފް ކުރެވިދާނެއެވެ.
ނުވަތަ، އެނޫން ދާއިރާތަކުން، ޚިދުމަތް ފުޅާ ކުރުމަށްޓަކާ، ގައުމުގެ ސްޓްރަޓީޖިކް ދާއިރާކާއި ގުޅުންނެތް ބައެއް ޚިދުމަތްތަކަށް ބޭރުގެ ޕާޓަނުންނަށް ދައުވަތުދީގައި ގައުމުގައި އިންވެސްޓްކުރުމުގެ ވިސްނުން ގެންގުޅުކަމީ ހަގީގަތުގައިވެސް އޭގެ ފައިދާ ގައުމުގެ އިގްތިސާދުގެ ތެރެއިން ފެނިގެންދާނޭ ކަންކަމެވެ.

އެންމެ މުހިންމީ މެނޭޖްމަންޓް ހަރުދަނާކޮށް، ފަންނީ ގާބިލް މީހުންގެ ބޭނުން ހިފުން
މިއަދުގެ ދިވެހި އާބާދީއަކީ، ތައުލީމީ އަދި ޒުވާން އާބާދީއެކެވެ. މިގޮތުން ހުރިހާ ދާއިރާއެއްގައިވެސް، ތަފާތު އެކި ރޮގުރޮގުން ތައުލީމު ހާސިލްކޮށްގެން ތިބި އެތައް ދިވެހިންނެއް މިއަދު އެބަތިއްބެވެ.
އަދި ހަމައެއާއެކު، ތަޖުރިބާވެސް ލިބި، ފަންނީ ދާއިރާތަކުގައި މަސައްކަތް ކުރާނޭ އެތައް ދިވެހިންނެއް މިއަދު ގައުމުގައި އެބަތިއްބެވެ. ދައުލަތުގެ ކުންފުނިތައް "މިސް މެނޭޖުވެ" އުވާލަން ޖެހުމުން ސަލާމަތް ކުރުމަށްޓަކާ، ކަމުގެ ތަޖުރިބާހުރި ދިވެހިންގެ ބޭނުން ކުންފުނިތަކުގެ ލީޑަރޝިލްތަކުގައި މިއަދު ކުރަން އެބަޖެހެއެވެ.
ވަކީން ޚާއްސަކޮށް، ރާއްޖޭގައި މިއަދު މިއޮތް ސިޔާސީ އޮނިގަޑުގެ ތެރެއިންވެސް، ދައުލަތުގެ ކުންފުނިތަކުގެ އެންމެ އިސްމަގާމްތަކަށް، ތަޖުރިބާއާއި އިލްމުނެތް ސިޔާސީ އެކްޓިވިސްޓުނަށް ނާދެވޭނެ ގޮތަކަށް ގާނޫނީ އޮނިގަޑު ބައްޓަން ކުރަން އެބަޖެއެވެ. ސަބަބަކީ، ކޮންމެ މުވައްސަސާއެއްވެސް ރަގަޅު މިސްރާބަށް ދަތުރުކުރާނީ، ރަގަޅު ސިޔާސަތުތަކެއްގެ މަތީގައި ކަމަށް ވާތީއެވެ. ރަގަޅު ސިޔާސަތެއް އެކުލަވާލާ، ކުރިޔަށް ނެރެވޭނީ، ސިޔާސަތުތައް އެކުލަވާލާ އަދި ތަންފީޒުކުރުމަށް، ކަމުގެ އިލްމާއި ހިލްމު އަދި ތަޖުރިބާގެ ހުރި ފަންނީ ތިބެގެންކަން ކަމުގައި ވާތީވެސްމެއެވެ.
އެހެންކަމުން، ދައުލަތުގެ މުހިންމު ކުންފުނިތަކަކީ، ދެމެހެއްޓެނިވި ގޮތެއްގައި، ފައިދާ ކުރަނިވި އުސޫލުން ހިންގޭ ކުންފުނިތަކަކަށް ހެދޭނީ، މިއަދު ގުރުބާނީތަކެއް ވެގެން ކަމުގައި ގަބޫލުކުރަން ޖެެހެއެވެ. ކުންފުނިތަކުން ސިޔާސީ ވަޒީފާތައް ދޭން ޖެހޭނަމަ، އެފަދަ ވަޒީފާތަކަށް، ސިޔާސީ މަސްރަހު އޮތްގޮތުން މަގާމްތަކެއް ހަމަޖައްސަން ޖެހުނު ނަމަވެސް، ސިޔާސަތު ތަންފީޒު ކުރުމުގައި، ގާބިލް ފަންނީ ސިކުޑިތަކުގެ ބޭނުން ކޮށްގެން މެނުވީ ދައުލަތުގެ ގިނަ ކުންފުނިތައް ނަގާ ކޮޅަށް ޖެހިދާނެކަމަކަށް ނުބެލެވެއެވެ.
އިގްތިސާދީ ގޮތުން ގައުމަށް ކުރިމަތިވެފައިވާ މި ބޮޑު އަދަވަޅުން އަރައިގަތުމުގައި، ދައުލަތުގައި ހުރި މުހިންމު އެސެޓްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފާ، މި އެސެޓްތަކަކީ މާލީގޮތުން ދައުލަތަށް ފައިދާ ކުރަނިވި ރައުސުލްމާލަށް ހެދޭނީ، އިލްމާއި ތަޖުރިބާގެ ބޭނުންކުރެވޭނޭ ދުރުރާސްތާ ވިސްނުންތަކެއް ގެންގުޅެވިގެންކަމީ، ކަށަވަރުވެ ޔަގީންވާ ކަމެކެވެ.