އަފްއާނިސްތާން ސަރުކާރާ ދެކޮޅަށް ހަގުރާމަ ކުރަމުންދާ ތާލިބާންގެ ހަގުރާމަވެރިން، ވެރިރަށް ކާބުލްއަށް ވަދެ، ކާބުލްގެ މަގުތަކުގައި، ސަރުކާރު ސިފައިންނަށް ހަމަލާތައް ދޭފަށާފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓު ކުރަން ފަށައިފިއެވެ.
ތާލިބާނުން ކާބުލްގެ އެތެރޭގައި ތިބެގެން ސަރުކާރު ސިފައިންނަށް ހަމަލާދޭން ފަށާފައިވާއިރު، ތާލިބާނުންގެ ލީޑަރު ވަނީ، ކާބުލް ދޫކޮށް ދާން ބޭނުންވާ ހުރިހާ ފަރާތްތަކަށް އެފުރުސަތު ފަހިކޮށް ދިނުމަށް ހަގުރާމަވެރިންނަށް އެންގިފައިވާ ކަމަށް ބުނެފައެވެ. އަދި، އެއްވެސް ހަމަނުޖެހުމަކަށް ޖާގަ ނުދިނުމަށާއި، ގަދަ ބާރުން އެސިޓީ ހިފުމަށް ނިންމާފައި ނުވާކަމަށްވެސް ތާލިބާނުންގެ ލީޑަރޝިޕާއި ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވެސް ވެއެވެ.
ސަރުރާކުގެ އިސް އޮފިޝަލުން ބައެއް މީޑިއާތަކަށް މައުލުމާތު ދީފައިވާ ގޮތުގައި، ތާލިބާނުންގެ ހަގުރާމަވެރިދަނީ ހުރިހާ ދިމާލަކުންވެސް ކާބުލްއާއި ދިމާލަށް ދަތުރު ކުރަމުން ކަމުގައެވެ.
އަފްއާނިސްތާނުގެ ރައީސް އަސްރަފް ޢަނީގެ ސަރުކާރުން، ވެރިރަށް ކާބުލް ހިމާޔަތްކުރުމަށް ރައްދު ހަމަލާ ދޭނެކަމެއް ނުވަތަ، ސަރުކާރު ސިފައިން ތާލިބާނުންނަށް އަމާންދޭމެ ކަމެއް އަދި އެއްވެސް ފަރާތަކުން ޔަގީން ކޮށްދީފައެއް ނުވެއެވެ.
ތާލިބާން ހަގުރާމަވެރިން ވެރިރަށް ކާބުލްއަށް ވަދެގެންފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާއިރު، މީގެ އިރުކޮޅެއްކުރިން، ގަތަރުގެ ދޯހާގައި ތިބި، ތާލިބާން ލީޑަރޝިޕްއިންވަނީ، އެސިޓީ ގަދަބާރުން ހިފުމަށް ނިންމާފައި ނުވާކަން ހާމަކޮށް ބަޔާނެއްވެސް ނެރެފައެވެ. އަދި، ކާބުލްގެ ގޭޓްަތއް ފަހަނައަޅާ ކުރިޔަށް ނުޖެހުމަށް، ހަގުރާމަވެރިންނަށް އިރުޝާދު ދީފައިވާ ކަމަށްވެސް މި ބަޔާނުގައި ބުނެފައި ވެއެވެ.
"އިންތިގާލީ މަރުހަލާ، ރައްކާތެރިކަމާ، ސަލާމަތްތެރިކަމާއެކީ، އެއްވެސް މުދަލަކަށް އަދި އެއްވެސް މީހަކަށް ގެއްލުން ނުދީ ފުރިހަމަ ކުރުމަށް މަޝްވަރާތައް ދަނީ ކުރިޔަށް،" ތާލިބާންގެ ބަޔާނުގައި ބުނެފައި ވެއެވެ.
އަދި، ބޭންކުތަކާއި، ފިހާރަތަކާއި، ވިޔަފާރަވެރީންނަށްވެސް އެމީހުންގެ ފައިސާއާއި މުދާ ހަގުރާމަވެރިން ފޭރު ނުގަންނާނެކަން ޔަގީން ކޮށްދިނުމުގެ ގޮތުން، ތާލިބާނުންވަނީ އިތުރު ބަޔާނެއްވެސް ނެރެފައެވެ.