އިދިކޮޅު ކޯލިޝަން މިވަގުތު ހިންގުމާއި ހަވަލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުއްﷲއަށް ދައުވަ ކުރަން ފޮނުވާފައިވަނީ އިދިކޮޅުގެ މަސައްކަތް މިސަރުކާރަށް ހަމަޖަމް ނުކުރެވިގެން ކަމުގައި ކުރީގެ ނައިބް ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ރައީސް އަދި މިވަގުތު އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން ލީޑް ކުރައްވާ އަބްދުއްރަހީމް އަބްދުﷲގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވާފައިވާ މައްސަލައަށް އިޝާރާތްކޮށް ޑރ.ޖަމީލް ވިދާޅުވީ ޕީޖީ ޝަމީމަށް މިއަދު ޤައުމުގައި ހިނގާ ބޮޑެތި މައްސަލަތަކުގައި ދައުވާކުރަން ނުކެރި މިފަދަ މައްސަލަތަކުގައި ދައުވާކުރަން ފޮނުވަން ކެރުމަކީ ހައިރާން ނުވާކަމެއްކަމަށެވެ.
މިކަމުން އެކަނިވެސް މިސަރުކާރުގެ ނާގާބިލްކަމާއި، އިދިކޮޅު ހަރަކާތްތަކަށް ޖެހިލުންވާ މިންވަރު ހާމަވާކަމަށް ޖަމީލް ވިދާޅުވިއެވެ. ރާއްޖޭގައި ޖިންސީ ގޯނާގެ މައްސަލަތަކާއި، ކޮރަޕްޝަންގެ މައްސަލަތަކާއި، އެނޫން މައްސަލަތައްވެސް އިންތިހާއަށް ދާއިރުއެކަންކަން މައްސަލައަކަށް ނުބެލޭކަމީ އިންސާފު އޮތްމިންވަރު ހާމަވާކަމެއްކަމަށް ޖަމީލް ވިދާޅުވިއެވެ.
ޤައުމުގައި ހުރި ހުރިހާ ކަމެއް އެއްފަރާތްކޮށްފައި ޕީޖީ ހުސެއިން ޝަމީމަށް މައްސަލައަކަށް އަބްދުއްރަހީމްގެ މައްސަލަ ފެނުމުން ހައިރާނެއް ނުވޭ. ޖިންސީ ގޯނާކުރުން، މެމްބަރުންނަށް އަނިޔާކުރުން، ކޮރަޕްޝަން މިއީ ކަމެއް ނޫންތޯ؟ މި ފެންނަނީ ސިޔާސީ މިނިވަންކަމުގެ އާ މަފްޙޫމެއްތޯ؟ ހަޖަމްވާ ވަރު އެބަފެނޭ!
– ޑރ.މުހައްމަދު ޖަމީލް އަހުމަދު
އަބްދުއްރަހީމްގެ މައްޗަށް ދައުވާ އުފުލައި ކްރިމިނަލް ކޯޓަށް ފޮނުވާފައިވާއިރު، އޭނާގެ މައްޗަށް ކުރަނީ ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުން ކުރުމާއި ގުޅިގެން ކުރާ ދައުވާއެއްކަމަށް މައުލޫމާތު ލިބިފައެވެ. އަދުރޭގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ޔާމީނަށް ހުކުމް ކުރި ދުވަހު ކްރިމިނަލް ކޯޓު ސަރަހައްދުގައި ހަޑިހުތުރު ބަހުން ވާހަކަ ދެއްކެވި މައްސަލައިގައި ކަމަށެވެ.
ޔާމީންގެ މައްޗަށް ދައުލަތުން ކުރި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމައި، އެ މަނިކުފާނު ފަސް އަހަރަށް ޖަލަށްލުމާއި އަދި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ނޮވެމްބަރު 28، 2019 ގައި ނިންމުމާ އެކު، ކޯޓުން ބޭރުގައި ސަޕޯޓަރުންގެ ކައިރީގައި އަދުރޭ ވަނީ އެ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންނަށް ނިސްބަތް ކުރައްވައި، ހުތުރު ބަހެއް ބޭނުން ކުރައްވައިފަ އެވެ.
ގާނޫނުގައި ވާގޮތުން ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުން ކުރުމާއި ހަޑިހުތުރު އަމަލުތައް ކުރުމަށް ލިބޭ އެންމެ ބޮޑު އަދަބަކީ ތިން މަހުގެ ޖަލު ހުކުމެކެވެ. އަސާސީ މިންގަނޑުން ނަމަ އެއް މަހާއި ހަ ދުވަހެވެ. އެންމެ ލުއި އަދަބަކީ ނުވަ ދުވަހުގެ ޖަލު ހުކުމެކެވެ. ކުށް ތަކުރާރުވުމާއި އެފަދަ ކުށްތަކުގެ ރިކޯޑަށް ބަލައި އެމީހަކަށް ލިބޭ އަދަބު ދަރަޖަ ކުރެވޭނެ އެވެ.
ކޮމެންޓު ފޮނުވާ