ހަގުރާމަވެރިން ދުޝްތުމްގެ ގެއަށް ހަތިޔާރާއެކު ވަދެގެންފައި

އަފްއާނިސްތާންގެ ހަގުރާމަވެރި ލީޑަރު ޖެނެރަލް ދުޝްތުމްގެ އަގުބޮޑު ގެ ތާލިބާންގެ ބާރުގެދަށަށް ގެނެސް، ވީޑިއޯ އާންމުކޮށްފި

އަފްއާނިސްތާންގެ ހަގުރާމަވެރި ލީޑަރު ޖެނެރަލް ދުޝްތުމްގެ އަގުބޮޑު ގެ ތާލިބާންގެ ބާރުގެދަށަށް ގެނެސް، ވީޑިއޯ އާންމުކޮށްފި

އަފްއާނިސްތާނުގެ އުތުރުގެ މުހިންމު އެއް ސިޓީ ކަމުގައިވާ، މަޒާރިޝަރީފް ސިޓީ، ތާލިބާނުންގެ ބާރުގެ ދަށަށް ގެނެސް، އެސިޓީގައި ދިރިއުޅުއްވަމުން ގެންދެވި، އެތައް ހާސް ހަގުރާމަވެރިންނެއް އޭނާއަށް ތަބާވާ، މަޝްހޫރު ހަގުރާމަވެރި ލީޑަރު އަބްދުއްރަޝީދު ދުޝްތުމްގެ ގެއަށް ތާލިބާން ހަގުރާމަވެރިން ވަދެގެން އުޅޭ މަންޒަރުގެ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމު ކޮށްފިއެވެ.

ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި، އަގުބޮޑު ފަރުނީޗަރާއި އަދި ތަފާތު ރީތި ޑިޒައިންތަކުން ޖަރީކޮށްފައިވާ މި އަގުބޮޑު ގެއަށް ހަތިޔާރާއެކު ތާލިބާން ހަގުރާމަވެރިން ވަދެ ވަނީ ހަރަކާތްތެރިވަމުން ގޮސްފައެވެ.

ދުޝްތުމްއަކީ، އަފްއާތިސްތާނުގެ މި ސަރައްހައްދުގައި އެންމެ ބާރުގަދަ ހަގުރާމަވެރި ދެލީޑަރުންގެ ތެރޭގައި ހިމެނޭ އެއް ލީޑަރެވެ. މި ދެ ލީޑަރުންވެސް ވަނީ، މިހަފްތާގެ ހޮނިހިރު ދުވަހު، މަޒާރިޝަރީފް ތާލިބާނުންގެ ބާރުގެދަށަށް ދިއުމާއެކު، މި ސިޓީ ދޫކޮށް ރައްކާތެރި ސަރަހައްދަކަށް ދަތުރު ކޮށްފައެވެ.

އުޒްބެކް ދަރިކޮޅަށް ނިސްބަތްވާ ހަގުރާމަވެރި ލީޑަރު އަބްދުއްރަޝީދު ދުޝްތުމްއާއި، އަދި ބަލްޚް ޕްރޮވިންސްގެ ކުރީގެ ގަވަރުނަރު އައްޓާ މުހައްމަދު ނޫރު އާއި ދެބޭފުޅުންނަކީވެސް ސޯވިއެޓް ޔޫނިއަންއިން އެގައުމު ހިފި ދުވަސްވަރުން ފެށިގެން އަފްއާނިސްތާނުގައި ކުރެވެމުން އައިސްފައިވާ އަހުލީ ހަގުރާމަތަކުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ ހަގުރާމަވެރި ދެ ލީޑަރުންނެވެ. އަދި ދެބޭފުޅުންނަކީވެސް، ތާލިބާނުންނާ ވަރަށްބޮޑު ދުޝްމަންކަމެއް އޮތް ދެލީޑަރުންވެސް މެއެވެ.

މަޒާރިޝަރީފް ތާލިބާނުންގެ ބާރުގެދަށަށް ދިޔައިރު، އެ ސިޓީގެ ހަގުރާމަވެރިންނަށް ކޮމާންޑް ކުރަމުންދިޔަ ނޫރު ވިދާޅުވެފައިވަނީ އޭނާއާއި އަދި ދުޝްތުމްވެސް މިހާރު ތިއްބެވީ ރައްކާތެރި ސަރަހައްދުތަކުގައި ކަމަށާއި، އަދި އެ ސިޓީ ތާލިބާނުންގެ ބާރުގެ ދަށަށް ގޮސްފައިވަނީ، ބަޔަކު ރާވާއިގެން ހިންގާފައިވާ ސިއްރު ޑީލެއްގެ ދަށުން ކަމުގައެވެ.

މަޒާރިޝަރީފްގެ ބައެއް އޮފިޝަލުން ބުނެފައިވާ ގޮތުގައި، އެސިޓީ ތާލިބާނުންގެ ބާރުގެ ދަށަށް ގޮސްފައިވަނީ، މާބޮޑު ކުރިމަތިލުންތަކަކާ ނުލާ ކަމަށާ، އަދި އެސިޓީގައިތިބި ސިފައިން އުޒްބަކިސްތާނަށް ދެވެން އޮންނަ ބޮޑުމަގުން ދަތުރުކޮށްފައި ސިޓީ ދޫކޮށް ގޮސްފައިވާ ކަމަށެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި، އަފްއާން އަސްކަރިއްޔާގެ އުޅަދުތަކާއި އާދައިގެ ހެދުމުގައިތިބި، ސިފައިން ހައިރަތާން ކްރިސިންގައި އޮންނަ ދަގަޑު ބުރިޖް ކައިރިއަށް ވަނީ ޖަމާވެފައެވެ.

މަޒާރިޝަރީފް ސިޓީއަކީ އަފްއާނިސްތާނުގެ އިގްތިސާދީ މައި ހަބެއްގެ ގޮތުގައި ބެލެވޭ މުހިންމު ސިޓީއެކެވެ. އެސިޓީ އޮންނަނީ އުޒްބަކިސްތާނާއި ތަޖިކިސްތާން އިންވެގެންނެވެ. އެންމަފަހުން މިސިޓީ ތާލިބާނުންގެ ބާރުގެ ދަށަށް ގޮސްފައިވަނީ 1990 ވަނަ އަހަރުއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *