ހިޔާ މަޝްރޫގެ ފްލެޓުތަކުން ނެގުމަށް ކަނޑައަޅަފައިވާ އަގަށް ބަދަލެއް ގެނައުމަށް ނިންމާފައިނުވާކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނެފައިވެ.
ހިޔާ ފެލެޓް މަހުކުލީގެ ގޮތުގައި 7500 ރުފިޔާ އަދި މެއިންޓަނެސް ފީގެ ގޮތުގައިނަގާ 1000 ރުފިޔާ ހިމެނޭހެން ޖުމްލަ 8500 ރުފިޔާ ނެގުމަށް އެޗްޑީސީން ވަނީ ނިންމާފައެވެ. ހިޔާ ފްލެޓްތަކުގެ ކުލީގެ ގޮތުގައި ނެގުމަށް ނިންމި ފީ ބޮޑުކަމަށް ބުނެ ފްލެޓް ލިބު ބައެއް މީހުން ވަނީ އްޔެ މުޒާހަރާކޮށްފައެވެ. އެމީހުން ގޮވާލާފައިވަނީ 5600 ރުފިޔާއަށް ކުލި ކުޑަކުރުމަށެވެ.
މިއަދު ބޭއްވި ޕްރެސްކޮންފަރެންސްގައި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަޙްމަދު ވިދާޅުވީ، ހިޔާ ފްލެޓްތަކުގެ ކުއްޔަށް އިތުރު ބަދަލެއް ގެންނަން ނިންމާފައި ނުވާކަމަށެވެ.
އަޅުގަނޑުމެން ކުރިންވެސް ދަންނަވާފައި އޮންނާނެ ލޯނު ދެއްކުމަށް އަޅުގަނޑުމެއްނަށް މިކުލީގައި ނޫނީ ނެތް ލޯނުދެއްކޭކަށެއް. އެހެންވީމަ އަދިއެއް އިތުރު ބަދަލެއް އައިސްފައިނެތް ކުލި ދެއްކުމަކަށް. ހަމަ ކުރިން ކަނޑައެޅިފައޮތްގޮތަށް 7500 މަހަކު ނަގާނީ.
– ސުހައިލް އަޙްމަދު
ސުހައިލް ވިދާޅުވީ، ފްލެޓް ލިބުނު ބައެއް މީހުން އަދިވެސް ފްލެޓް ލިބުނުކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިނުވާކަމަށާއި، އެއްވެސް ސަބަބެއް ނެތި ސޮއިކުރަން ނާންނަމީހުންނަށް ފިނިޝިންގެ މުއްދަތު އިތުރުކޮށްދެވެންވެސް ނެތްކަމަށް ސުހައިލް ވިދާޅުވިއެވެ. ހިޔާ ފްލެޓް ލިބުނު މީހުންގެ ތެރެއިން އެއްބަސްވުމުގައި ސޮއިނުކުރާ 300 އަށްވުރެ ގިނަ މީހުން އެބަތިބިކަމަށްވެސް ސުހައިލް ވިދާޅުވިއެވެ.
ފުލެޓްތަކުގެ ފިނިޝިން މަސައްކަތް ނިންމުމަށް އަންނަ ސެޕްޓޭމްބަރުމަހުގެ އެކަކުން ފެށިގެން ޑިސެމްބަރުމަހުގެ ނިޔަލަށް ކުލި ދައްކަން ނުޖެހޭގޮތަށް ސަރުކާރުން ކަނޑައަޅާފައިވެއެވެ. މިމަހުގެ 17 ވަނަ ދުވަހުން ފެށިގެން ހުރިހާ ފްލެޓްތަކަށްވެސް ކަރަންޓު ދެވޭނެކަމަށާއި އެހިސާބުން ފެށިގެން ފިނިޝިންގެ މަސައްކަތް ފަށައިގަނެވޭނެކަމަށް އެޗްޑީސީން ބުނެފައިވެއެވެ. މިދިޔަ މަހުގެ 14 ވަނަ ދުވަހުން ފެށިގެން ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ފަށާފައިވާއިރު މިހާތަނަށް 3000އަށްވުރެ ގިނަ މީހުން އެއްބަސްވުމުގައި ސޮއިކޮށް ތަޅުދަނޑި ވަނީ ހަވާލުކޮށްފައެވެ.
ހިޔާ މަޝްރޫޢަށް ބަލާއިރު، އެ ޕްރޮޖެކްޓް ހަވާލުކޮށްފައިވަނީ ޝަޢުގުވެރިކަން ފާޅުކުރި 5 ކޮންޓްރެކްޓަރުންގެ ތެރެއިން އެންމެ ބޮޑު އަގު ހުށައެޅި ކުންފުންޏަށްކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. އެގޮތުން ބައެއް ކުންފުނިތަކުން ޔުނިޓަކަށް 50 ހާހާއި 52 ހާސް ޑޮލަރާއި ދެމެދުގެ އަގުތައް ހުށަހަޅާފައިވަނިކޮށް، ޕްރޮޖެކްޓް އެވޯޑްކޮށްފައިވަނީ ޔުނިޓަކަށް 62 ހާސް ޑޮލަރު ހުށަހެޅި ކުންފުންޏަކާއިކަމަށް ސަރުކާރުން ވިދާޅުވެއެވެ
ކޮމެންޓު ފޮނުވާ