ރަޝިޔާގެ ސްޕަޓްނިކް ވެކްސިން ނުގެނައުމަށް ސަރުކާރުން ނިންމައިފިއެވެ.
ރަޝިޔާއިން ތައްޔާރުކޮށްފައިވާ ސްޕަޓްނިކް ވެކްސިންގެ 2 ލައްކަ ޑޯޒަށް ވަރަށް އަވަހަށް އޯޑަރު ދެއްވާނެކަމަށާއި، އެކަމުގެ އެއްބަސްވުމުގައި ވަރަށް އަވަހަށް ސޮއިކުރާނެކަމަށްވެސް ސަރުކާރުން ކުރިން ބުނެފައިވެއެވެ. ނަމަވެސް އެޗްއީއޯސީގެ ތަރުޖަމާން ޑރ.ފާޠިމަތު ނަޒްލާ ރަފީޤް ވިދާޅުވީ ރަޝިޔާގެ ސްޕަނިކް ވެކްސިން މިހާރު ރާއްޖެ ނުގެނައުމަށް ނިންމާފައިވާކަމަށެވެ. އެއީ ރާއްޖޭގެ ވެކްސިންޖެހޭ އާބާދީއަށް ބޭނުންވާ މިންވަރަށް ވެކްސިން ލިބިފައިވާތީކަމަށްވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ. އެ ވެކްސިން ރާއްޖެ ނުގެނައުމަށް ނިންމިއިރު، އެ ވެކްސިން ގެނައުމަށް ފައިސާ ދައްކާފައިވެސް ނުވާނެކަމަށާއި،ހަމައެކަނި ކުރިއަށްދިޔައީ މަޝްވަރާތައްކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.
ރަޝީއާއިން އުފައްދާފައިވާ ސްޕަޓްނިކް ވެކްސިން ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ދީފައިވަނީ މެއި މަހުގެ 12 ވަނަ ދުވަހުއެވެ.
ރާއްޖެއިން ވަނީ ސިންގަޕޫރުގެ އެސްޓްރަޒެނެކާއިން 7 ލައްކަ ވެކްސިން ޑޯޒް ގަނެފައެވެ. އޭގެ ތެރެއިން ފުރަތަމަ ޝިޕްމަންޓް ރާއްޖެއަށް މިހާރު ވަނީ ގެނެސްފައެވެ. ރާއްޖޭގައި މިހާތަނަށް ވަނީ 7 ވެކްސިނަކަށް ހުއްދަ ދީފައެވެ. އޭގެ ތެރޭގައި ހިމެނެނީ، ކޮވިޝީލްޑް، ސިނޮފާމް، ފައިޒާ، ސްޕަނިކް، މޮޑާނާ، ޖެންސެން އަދި އެސްޓްރަޒެނަކާ ވެކްސިނެވެ. ނަމަވެސް ރާއްޖޭގައި މިހާތަނަށް ޖަހަމުން އައިސްފައިވަނީ ކޮވިޝިލްޑާއި، ސިނޮފާމް ވެކްސިނާއި، ފައިޒާގެ އިތުރުން އެސްޓްރަޒެނެކާ ވެކްސިނެވެ.
ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ %90 މީހުންނަށް ވެކްސިން މިމަހުގެ ނިޔަލަށް ދިނުމަށް އަމާޒުކޮށްފައިވާކަމަށެވެ.