ބްރެޒިލް އިން ރާއްޖެއައި މީހެއްގެ އަތުން ޖުމްލަ 3.197 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.
މޯލްޑިވްސް ކަސްޓަމް ސާރވިސްއިން ބުނީ، ވައިގެ މަގުން ބްރެޒިލްއިން ރާއްޖެއައި އެޤައުމުގެ ރައްޔިތެއްގެ އަތުން މަސްތުވާތަކެތި އަތުލައިގެންފައިވާކަމަށެވެ. އިއްޔެ މެންދުރުފަހު ރާއްޖެ އައި އުމުރުން 31 އަހަރުގެ ބްރެޒިލް އަންހެނެއްގެ ޢަމަލުތައް ހުރިގޮތުން އެމީހާއާއި މެދު ޝައްކުކުރެވިގެން، އޭނާގެ ލަގެޖް ކަސްޓަމްސް އިން ބަލައި ފާސްކުރިއިރު، ލަގެޖުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާކަމަށް ކަސްޓަމްސްއިން ބުންޏެވެ. އަދި ފުރަތަމަ މަރުޙަލާގައި ކަސްޓަމްސް އިން މިތަކެތި ޓެސްޓްކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކޮކެއިން (Cocaine) އަށް ވަނީ ޕޮޒިޓިވްވެފައިވާކަމަށާއި، މިމީހާގެ އަތުން އަތުލައިގަނެވުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 3.197 ކިލޯގުރާމް ހުރިކަމަށްވެސް ކަސްޓަމްސްއިން ބުންޏެވެ.
މިމައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ މަގުމަތީ އަގު 15,985,000.00 (ފަނަރަ މިލިއަން ނުވަލައްކަ އަށްޑިހަފަސް ހާސް) ރުފިޔާއަށް އަރާކަމަށާއި، މިމައްސަލައިގައި ޝާމިލްވާ މީހާ އާއި އަތުލައިގަނެވުނު މަސްތުވާތަކެތި
ވަނީ އިތުރަށް ތަހްޤީޤް ކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްއާ ޙަވާލު ކުރެވިފައިވާކަމަށްވެސް ކަސްޓަމްސްއިން ބުންޏެވެ.