އެސްޑީއެފްސީން ލޯނު ދޫކުރީ އަނބުރާ ދެއްކޭނެކަމުގެ ޤާބިލްކަމަށް ނުބަލައި

އެސްޑީއެފްސީން ލޯނު ދޫކުރީ އަނބުރާ ދެއްކޭނެކަމުގެ ޤާބިލްކަމަށް ނުބަލައި

ކޮވިޑާ ގުޅިގެން ރާއްޖެއަށް ކުރިމަތިވެފައިވާ އިގުތިސޯދީ ހީނަރުކަމުގެ ސަބަބުން ވިޔަފާރިތަކަށް ލިބުނު ގެއްލުންތައް ކުޑަކުރަން، އެސްޑީއެފްސީ މެދުވެރިކޮށް ކުދި ވިޔަފާރިތަކަށް ހާއްސަކޮށްގެން ތައާރަފްކުރި ރިލީފް ލޯނު ދޫކޮށްފައިވަނީ އެ ލޯނު އަނބުރާ ދެއްކުމުގެ ގާބިލުކަމަށް އިސްކަންނުދީކަމަށް އޮޑިޓު އޮފީހުން ނެރުނު އެސްޑީއެފްސީގެ އޮޑިޓް ރިޕޯޓުގައި ބުނެފިއެވެ.

އެޑިޓް އޮފީހުން ނެރުނު ރިޕޯޓުގައި ބުނެފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން ހަދައިފައިވާ ކްރެޑިޓް އިންފޮމޭޝަނާބެހޭ ގަވާއިދު 2011 ގެ 6 ވަނަ މާއްދާގައި މެންބަރުންގެ ތެރޭގައި ހިމެނޭ، ލައިސަންސް ދޫކޮށްފައިވާ ބޭންކުތަކާއި ފައިނޭންސް ކުންފުނިތަކާއި ފައިނޭންސް ލީސިންގ ކުންފުނިތަކާއި އިންޝުއަރެންސް ކުންފުނިތަކުން، އެއްވެސް ކްރެޑިޓް ފެސިލިޓީއެއް ދޫކުރުމުގެ ކުރިން ނުވަތަ އައުކުރުމުގެ ކުރިން، ކްރެޑިޓް އިންފޮމޭޝަން ރިޕޯޓް ނުވަތަ ކޮންމެހެން ބޭނުންވާ މަޢުލޫމާތުތައް އޮތޯރިޓީއިން ހޯދަންވާނެ ކަމަށް ބަޔާންކޮށްފައިވާކަމަށެވެ.

އެގޮތުން، ކޯވިޑް-19 ލޯނު ދޫކުރުމަށް އެސް.ޑީ.އެފް.ސީ އާއެކު މިނިސްޓްރީ އޮފް ފިނޭންސުން ސޮއިކުރި ފަހުމުނާމާގައި، ލޯނު ދޫކުރުމުގެ ކުރިން ލޯނު އަނބުރާ ދެއްކޭނެކަމުގެ ގާބިލްކަން ވަޒަންކުރަންޖެހޭ ކަމަށް ބަޔާންކޮށް ފައި ނުވާކަން ފާހަގަކުރެވިފައިވާކަމަށެވެ. އެގޮތުން، އެސް.ޑީ.އެފް.ސީ އިން ލޯނު ދޫކުރުމަށް ކަނޑައަޅާފައިވާ ޝަރުތުތައް ވަރަށް ބޮޑަށް ލުއިކޮށްފައިވާއިރު، ލޯނު އަނބުރާ ދެއްކޭނެކަމުގެ ގާބިލްކަމަށް ބެލުމެއްނެތި ލޯނުގެ ގޮތުގައި ފައިސާ ދޫކުރުމަކީ އެފައިސާ އަނބުރާ ނުލިބުމުގެ ހިރާސް އޮތްކަމެއްކަން ފާހަގަކުރެވިފައި ވާކަމަށެވެ.

އެ ލޯނު ސްކީމާ ގުޅޭގޮތުން އޮޑިޓް އޮފީހުން ހެދި ޕަފޯމަންސް އޮޑިޓުގައި ބުނެފައިވަނީ، މިދިޔަ އޭޕްރީލް މަހުގެ ނިޔަލަށް ކުދި ވިޔަފާރިތަކަށް 343.4 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާއިރު، އަމިއްލަ މަސައްކަތް ކުރާ ފަރުދުންނަށް 19.8 މިލިއަން ރުފިޔާ ލޯނުގެ ގޮތުގައި ދޫކޮށްފައިވާ ކަމަށެވެ. އެއީ އެ ސްކީމަށް ކަނޑައެޅި 400 މިލިއަން ރުފިޔާގެ 91 ޕަސަންޓު ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.

ލޯނު ދޫކުރުމުގައި ކްރެޑިޓް އެނަލިސިސް ހެދުމަށް އިސްކަންދީފައިނުވަނީ ވީހާވެސް ކައަވަހަށް ލޯނަށް އެދޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުންކަމަށް މިނިސްޓްރީ އޮފް ފިނޭންސުން މައުލޫމާތު ދީފައިވާކަމަށްވެސް ރިޕޯޓުގައި ބުނެފައިވެއެވެ. މީގެ އިތުރުން، މިއީ މިންކޮށްފައިވާ ހިރާހެއް ކަމަށާއި، ވިޔަފާރިތަކަށް ލޯނު ދޫކޮށްފައިވާނީ 2019 ވަނަ އަހަރުގެ ޖުމްލަ އާމްދަނީގެ %10 ވުރެ ބޮޑު ނުވާނެ ގޮތަށް ކަމަށް މިނިސްޓްރީ އޮފް ފިނޭންސުންނާއި އެސް.ޑީ.އެފް.ސީ އިން މައުލޫމާތު ދީފައިވާކަަމށެވެ.

އޮޑިޓް އޮފީހުން މިކަން އިސްލާހު ކުރުމަށް ލޯނު ސްކީމްތައް ހިންގުމަށް އެކުލަވާލާ ފަހުމުނާމާތަކުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން ހަދާފައިވާ ގަވާއިދުތަކުގައި ހިމަނާފައިވާ މާލީ އިދާރާތަކާ ގުޅުންހުރި މާއްދާތައް ހިމެނުމަށާއި ލޯނު ދޫކުރުމުގައި މާލީ އިދާރާތަކުން އާންމު އުސޫލުގެ ތެރެއިން މިހާރުވެސް ބަލަމުންގެންދާ ކަސްޓަމަރުންގެ މާލީ ޤާބިލްކަން ވަޒަންކުރާނެ މިންގަނޑުތައް ހިމެނުމަށް މިނިސްޓްރީ އޮފް ފިނޭންސަށާއި އެސް.ޑީ.އެފް.ސީ އަށް ވަނީ ދަންނަވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *