އިހަވަންދޫގައި ޤުރްއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕެއް ހެދުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި އެވެ.
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެމްބަރު މުޙައްމަދު ޝިފާޢު އާއި އަދި އެދާއިރާގެ ކައުންސިލްގެ މެމްބަރުންނާއެކު މިއަދު މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ޢަލީ ބައްދަލުކުރައްވައި މިއަދު ވަނީ އެދާއިރާގެ ހުރި އިސްލާމިކް މިނިސްޓްރީއާއި ގުޅުންހުރި މައްސަލަތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވިފައިވަނީ އިހަވަންދޫގައި ހުރި އަންހެނުންގެ މިސްކިތްތެއްގެ ކަންކަމާއި ގުޅޭގޮތުންނާއި، އަދި އެ ރަށުގައި ކީރިތި ޤުރްއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕެއް ހެދުމާއި ގުޅޭގޮތުންނެވެ. މީގެ އިތުރުން އިހަވަންދޫގައި ހުކުރު ކުރައްވާ އިމާމުންގެ ފެންވަރު ރަނގަޅު ކުރުމަށްޓަކާ އިމާމުންނަށް އަމާޒް ކޮށްގެން ތަމްރީން ޕްރޮގްރާމްތަކެއް އޮންލައިންކޮށް ކުރިއަށް ގެންދިއުމާއި ބެހޭގޮތުންވެސް މަޝްވަރާ ކުރައްވާފައިވެއެވެ.
ކައުންސިލް މެމްބަރުން މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންފައިވަނީ އޮންލައިކޮށެވެ. މިއީ ވާރޗްއަލްކޮށް ކައުންސިލްއަކާ އެކީ ދާއިރާއެއްގެ މަޖިލިސް މެމްބަރު ބައިވެރިވެ ވަޑައިގެން މިނިސްޓްރީގައި ބޭއްވުނު ފުރަތަމަ ބައްދަލުވުމެވެ.