ރައީސް ސާލިހު ރައްޔިތުންގެ މަޖިލިހުގައި ރިޔާސީ ބަޔާން އިއްވަވަނީ

ރައީސް ސާލިހުގެ އެންމެ ބޮޑު ސަމާލުކަމެއް މަޖިލިސް މެޖޯރިޓީއަށް، ކީއްވެ؟

ރައީސް ސާލިހުގެ އެންމެ ބޮޑު ސަމާލުކަމެއް މަޖިލިސް މެޖޯރިޓީއަށް، ކީއްވެ؟

ގުޅުންހުރި

ރައީސް ސާލިހުގެ ވެރިކަމުގެ ދައުރު ދެބައި ވެގެން ގޮސްފައިވާއިރު، އެތެރެއާއި ބޭރުންވެސް ކުރިމަތި ލައްވަން ޖެހިވަޑައިގެންފައިވާ ގޮންޖެހުންތަކާ ތަފާތު އެތައް ގޮތަކުން އެމަނިކްފާނު ގެންދަވަނީ ކުރިމަތި ލައްވަމުންނެވެ.

މިގޮތުން، ގިނަގުނަ ވައުދުތަކަކާއެކީ، ކޯލިޝަނެއް އުފައްދަވާ ވެރިކަމަށް ވަޑައިގެންނެވި ރައީސް އިބުރާހިމް މުހައްމަދު ސާލިހުއަށް އަމާންކަމާއެކީ ވެރިކަމުގެ ނާގެ ހުންގާނުގައި ހޭދަކުރެއްވުނީ އަހަރެއްހާ ދުވަހު ކަން، ދައުރުގެ ފުރަތަމަ ބަޔަށް މިއަދު ނަޒަރެއް ހިންގާލުމުން ވަރަށްވެސް ރަގަޅަށް ސާފުކޮށް ފެންނާން އެބައޮތެވެ.

މިގޮތުން 2018ވަނަ އަހަރުގެ ނޮވެމްބަރު މަހު ވެރިކަމުގެ ހުވާ ކުރެއްވުމަށްފަހު، 2019ވަނަ އަހަރު ވެރިކަމުގެ ފުރަތަމަ އަހަރު ކަޑައްތު ކުރެއްވީ، ސިޔާސީ ގޮތުން އިދިކޮޅު ފަރާތްތަކުގެވެސް މާބޮޑު ޝަކުވާއެއް، ނުވަތަ އިދިކޮޅު ސިޔާސީ ހަރަކާތެއް ނެތިއެވެ. އަދި ހަމަ އެއާއެކު، ކޯލިޝަން ޕާޓީތަކުންވެސް، ހަމަހިމޭންކަމުގައި، ޕާޓީތައް އެއްގަލަކަށް އަރާ، އެކުވެރިކަމާއެކު އަހަރެއް ފުރިހަމަ ކުރުމާ ހަމައަށްދަތުރު ކޮށްފައި ވެއެވެ.

އެހެންނަމަވެސް، ވެރިކަމުގައި އަހަރެއް ކަޑައްތު ކުރެއްވި ތަނާ ކަހަލަ ގޮތަކަށް ރައީސް ސާލިހަށް ކުރިމަތި ލައްވަން ޖެެހިވަޑައިގެންނެވީ، މުޅި ދުނިޔެ އަނދިރި ކޮށްލި، ކޯވިޑް19ގެ ނުރައްކާތެރި ޢާލަމީ ވަބާއާއެވެ. ކޯވިޑްގެ ގޮންޖެހުންތަކުގައި، އިގްތިސާދު ފުނޑު ފުނޑުވެ ފަތުރުވެރިކަމުގެ ސިނާއަތު އެކީ އިނދަޖެހި، މުޅި ގައުމު ހުއްޓުމަކަށް އައެވެ.

ކޯވިޑް ކާރިސާއާއި ކުރިމަތިލައްވާ، ކުރައްވަންޖެހި ވަޑައިގެންނެވި ބޮޑު ހަގުރާމަ ނިމުމަކަށް ނުގެނެވި ވަނިކޮށް، އަމިއްލަ ފުޅު ޕާޓީގެ އެތެރޭގެ ކޯޅުންތައް ބޮޑުވެ، ޕާޓީ ދެބަޔަކަށްބެހި، އަދި ހަމަ އެދަނޑިވަޅުގައި މަޖިލިސް ރައީސް މުހައްމަދު ނަޝީދުވަނީ އެމަނިކްފާނު ރައީސް ސާލިަހަށް ކުރައްވަމުން ގެންދެވި ތާޢީދުވެސް އަބުރާ ގެންދަވާފައެވެ.

އަދި ޕާޓީގެގެ ތެރޭގައި މި އުފެދުނު ކޯޅުން އިންތިހާއަށް ފުޅާވެ، ރޯވެގެންދިޔަ އަލިފާނުގެ ހުޅުގަޑު ރައްޔިތުންގެ މަޖިލިހުގެ ތެރެއަށްވެސް ފެތިރިގެން ގޮސް، ރައްޔިތުންގެ މަޖިލިހުގެ ތެރެއިން އެންމެ ފަހުން އަމިއްލަފުޅު ޕާޓީގެ މެމްބަރުންވަނީ އެމަނިކްފާނުގެ އިސްތިއުފާއަށްވެސް ގޮވާފައެވެ.

އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހުންނަވާ، މަޖިލިހުގައި އެންމެ ފުރަތަމަ ރައީސް ސާލިހުގެ އިސްތިއުފާއަށް ގޮވި މެންބަރަކީ މާފަންނު މެދު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ)

އެތެރެއާއި ބޭރުން ރައީސް ސާލިހަށް ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި މިހުރިހާ ގޮންޖެހުންތަކާއެކު، ފަހަކަށް އައިސް ހިގައިދިޔަ ގިނަ ސިޔާސީ ކޯޅުންތަކުގެ މައްޗަށް އިއްޔެގެ ކުރީ ދުވަހު އެމަނިކްފާނު ބޭއްވި ޕްރެސް ކޮންފަރެންސްގައި ގިނަ ވާހަކަފުޅުތަކެއް ދެއްކެވި އިރު، އެމަނިކްފާނު ކަންބޮޑުވެ ވަޑައިގެންނެވި، އަދި އެއްވެސް ހާލަތެއްގައި ދޫނުދެއްވާނެ އެއްކަމެއްގެ ވާހަކަ ވަކީން ޚާއްސަކޮށް ވަނީ ވިދާޅުވެ ދެއްވާފައެވެ.

އެއީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީގެ ވާހަކައެވެ.

 

"މަޖިލިސް މެޖޯރީ އަޅުގަޑު ދަމަހައްޓާނަން"

ރައީސް ސާލިހު އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި އެމަނިކްފާނުވަނީ، ވެރިކަމުގައި ހުންނެވީ ހިފަހައްޓަވަންޖެހޭ ހުރިހާ ދިމާލެއްގައި ބާރަށް ހިއްޕަވައިގެން ކަމުގައި ފުރިހަމަޔަށް ވިދާޅުވެ ދެއްވާފައެވެ. އެގޮތުން، ކޯލިޝަން ރޫޅާލާ، އަދާލަތު ޕާޓީ ދުރަށްލުމަށް އަމިއްލަފުުޅު ޕާޓީގެ ތެރެއިން ކުރިމަތިވެވަޑައިގެންނެވި ޕްރެޝަރަށްވެސް ޖަވާބު ދެއްވިއެވެ.

ވިދާޅުވީ، ރައްޔިތުން އެއްޕާޓީއަކާ ވެރިކަން ހަވާލު ނުކުރާކަމަށާއި، ވެރިކަމުގައި ދެމި ހުންނަވާނީ ކޯލިޝަން ޕާޓީތަކަށް ފުރުސަތު ދެއްވައިގެންކަމެވެ.

ހަމައެއާއެކު، ރައީސް ނަޝީދާ އެމަނިކްފާނާ ޚިޔާލުތަފާތުވެފައިވާ އެންމެ ބޮޑު އެއްމައްސަލަ ކަމުގައިވާ، ނަފްރަތުގެ ބިލްވެސް މަޖިލީހަށް ހުށަހެޅުއްވިއިރު އޮތްގޮތަށް ފާސްކުރަން ތާޢީދު ނުކުރައްވާނޭކަން ސަރީޙަ އިބާރާތުންވަނީ ވިދާޅުވެ ދެއްވާފައެވެ.

އަދި ހަމަ އެއާއެކު، މި ޕްރެސް ކޮންފަރެންސްގައި، އެމްޑިޕީގެ އެތެރެ ބެހިގެން ގޮސްފައިވާ ގޮތްވެސް ވަރަށް ރަގަޅަށް ރައީސް ސާލިހުވަނީ ވިދާޅުވެ ދެއްވާފައެވެ. މީގެ ހެއްކެއްގެ ގޮތުން ފެންނާން އޮތީ، ގައުމީ މަޖިލިހުގައި، މަޖިލިސް ރައީސް ނަޝީދު އަމިއްލަފުޅަށް ހުށަހަޅުއްވާ ފާސްކުރައްވަން މަސައްކަތް ކުރެއްވި ކުއްލި ނުރައްކަލުގެ ހާތަލު އިއުލާންކޮށް، ހަރުކަށި ފިކުރަށް ނިސްބަތްވާ އެންމެ ހިފާ ހައްޔަރުކުރުމަށް ގޮވާލާ، ގައުމީ މަޖިލިހުން ފާސްކޮށްފައިވާ ގަރާރާ ގުޅޭގޮތުން ދެއްވި ޖަވާބުތަކެވެ.

މިގަރާރާ ގުޅޭގޮތުން ރައީސް ސާލިހު ވިދާޅުވެފައިވަނީ، 140އަށްވުރެ ގިނަ މެމްބަރުން ތިބޭ ގައުމީ މަޖިލިހަކަށް 38 މެމްބަރުން ހާޒިރުވެ މިގަރާރަށް ވޯޓު ދެއްވުމުން، އެމްޑީޕީ ގައުމީ މަޖިލިހުގެ ތާޢީދު މިގަރާރަށް ނެތްކަން ވަރަށް ރަގަޅަށް ސާފުކޮށް ފެންނާން އޮތްކަމަށެވެ. އަދި އެގަރާރު ހުށަހެޅިގެންދިޔަ ގައުމީ މަޖިލީހަށް ގިނަ މެމްބަރުން ހާޒިރުނުވީ ރައީސް ނަޝީދާ ދެކޮޅަށް ވޯޓު ދެއްވަން ބޭނުން ނުވާތީ ކަމުގައިވެސް ވިދާޅުވިއެވެ. އެހެންކަމުން، އެމަނިކްފާނުގެ މިވާހަކަފުޅު އެހެން ގޮތަކަށް މޭރުން ކުރާނަމަ މޭރުން ކުރެވެން އޮތް ގޮތަކީ، އެމްޑީޕީގެ ގައުމީ މަޖިލިގެ މެޖޯރިޓީވެސް އައްޕުޅުގައި އޮތްކަމަށް ދެއްވި މެސެޖެއްގެ ގޮތުގައެވެ.

މިހުރީހާ ވާހަކަފުޅުތަކެއްގެ މައްޗަށްވެސް، މުޅި ޕްރެސް ކޮންފަރެންސްއިން ފާހަގަވެގެންދިޔަ އެންމެ މުހިންމު އެއްކަމެއްގެ ގޮތުގައި ފާހަގަވެގެން ދިޔައީ، ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ސަރުކާރަށް ހިފަހައްޓާވާނެކަމަށް ވިދާޅުވެ ދެއްކެވި ވާހަކަފުޅެވެ.

ވެރިކަމުގައި ހުންނައިރު މަޖިލީހުގެ މެޖޯރިޓީ ވަރަށް މުހިންމު. މެޖޯރިޓީ ނެތި ވެރިކަން ކުރަން ވަރަށް އުދަނގޫވާނެ. 2008 އިން ފެށިގެން މިފެންނަނީ އެމަންޒަރު. އެމްޑީޕީއަށް ފުރަތަމަ ވެރިކަމުގައި ދިމާވީވެސް މަޖިލިސް ނުލިބުމުގެ މައްސަލަ. ވެރިކަމުގައި ހުންނައިރު މެޖޯރިޓީ ހޯދަން މަސައްކަތް ކުރާނަން. އަޅުގަނޑު މަޖިލީހުގެ މެޖޯރިޓީ ހިފަހައްޓާނަން.

އެމްޑީޕީގެ ސުޕަރ މެޖޯރިޓީ އޮތް، އަދި މިހާރު ދެފެކްޝަނަކަށް ބެހިގެން ގޮސްފައިވާ މަޖިލިހުގެ މެޖޯރިޓީ ސަރުކާރަށް އޮތްކަން އެންމެ ފުރަތަމަ ފަހަރަށް ސާފުކޮށް ހާމަ ކުރައްވަމުން ރައީސް ސާލިހު ވިދާޅުވެފައި ވެއެވެ.

އިއްޔެގެ ޕްރެސް ކޮންފަރެންސްގައި ރައީސް ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ

މަޖިލިހުގެ މެޖޯރިޓީ ހިފަހައްޓަވާނެކަމަށް ވިދާޅުވަމުން ވިދާޅުުވެފައިވަނީ، މަޖިލިސް މެޖޯރިޓީ ނެތި، ވެރިކަން ކުރެއްވުން ވެގެންދާނީ ދަތިކަމެއް ކަމަށާއި، މާޒީވެދިޔަ ވެރިކަންތަކުގައި އެކަން ވަރަށް ރަގަޅަށް ސާބިތުވެގެން ގޮސްފައިވާ ކަމުގައެވެ.

އެހެންކަމުން، މި ޕްރެސް ކޮންފަރެންސްގައި، މަޖިލިސް މެޖޯރިޓީ އޮތްކަމަށް ވިދާޅުވެ، ދެއްވި މެސެޖުން ސާފުވެގެން ދިޔަ އެއްކަމަކީ، ޕާޓީތެރޭގެ ކޯޅުންތައް ކިތަންމެ ބޮޑަށް ފުޅާވެ ފެތުރިގެންދިޔަ ކަމުގައިވި ނަމަވެސް، މިހުރިހާ ސިޔާސީ ކޯޅުމަކަށްވުރެވެސް ބޮޑަށް، މަޖިލިސް މެޖޯރިޓީ ހިފެހެއްޓެވުމަށް އެމަނިކަފާ ފާއިތުވެދިޔަ ތަނުގައި މަސައްކަތް ކުރައްވާފައިވާ ކަމެވެ.

 

މަޖިލިސް މެޖޯރިޓީ އެހާ މުހިންމީ ކީއްވެ؟

ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ރިޔާސީ ނިޒާމުގެ މައްޗަށް ބައްޓަންވެފައި އޮތްއިރު، އެނިޒާމު ހިގަމުން އަންނަނީ 3 ބާރެއްގެ މައްޗަށެވެ. އެއީ ވެރިކަން ހިންގުމުގެ ބާރާއި، ޝަރީއަތްކުރުމުގެ ބާރާއި އަދި ގާނޫނު ހެދުމުގެ ބާރުވެ. މީގެތެރެއިންވެސް، ވެރިކަން ހިންގުމުގެ ބާރާއި ގާނޫނު ހެދުމުގެ ބާރަކީ ދުވަހުން ދުވަހަށް ދައުލަތް ހިންގުމުގައި ގިނަގުނަ މުއާމަލާތްތަކެއް ކުރަންޖެހޭ ދެބާރުކަންވެސް ފާހަގަ ކޮށްލަންޖެހެއެވެ.

ހަމަ އެއާއެކު، ފާހަގަ ކޮށްލަންޖެހޭ އެންމެ މުހިންމު ނުކުތާއަކީ، މަޖިލިސް މެޖޯރިޓީއާ ނުލާ ވެރިކަން ކުރަންޖެހުމުން ވެރިކަމުގެ ބާރަށް ކުރިމަތިވެގެންދާނެ ބޮޑެތި ގޮންޖެހުންތައް އެންމެ ގާތުން ތަޖުރިބާ ކުރެއްވި އެއް ބޭފުޅަކަށް ރައީސް ސާލިހު ވެގެންދާ ކަމެވެ.

ރައީސް ޔާމިންގެ ދައުރުގައި، އެމަނިކްފާނާ ރައީސް މައުމޫނާ ދެމެދު އުފެދިގެންދިޔަ ބޮޑެތި މައްސަލަތައް އޭރު ރައްޔިތުންގެ މަޖިލިހުގެ ތެރެއަށް ފުޅާވެގެން ގޮސް، ދެބޭފުޅުންނަށް ތާޢީދުކުރާ މަޖިލިސް މެމްބަރުން ދެބަޔަކަށް ބެހި، އަދި އެންމެފަހުން ރައީސް މައުމޫނަށް ތާޢީދުކުރި 12 މެމްބަރަކު، ރަސްމީކޮށް މަޖިލިހުގެ ތެރެއިން ރައީސް ޔާމިންގެ ސަރުކާރާ ދެކޮޅަށް ކުރަންފެށި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، އޭރުގެ ސަރުކާރަށް ކުރިމަތިވެގެންދިޔަ ގޮންޖެހުންތަކާ، އަދި އެ ސިޔާސީ މަސައްކަތުގައި 12 މެމްބަރުން އެކުވެ، މަޖިލިހުގެ ތެރޭގައި ކުރިޔަށް ގެންދިޔަ ސިޔާސީ މަސައްކަތްތައްވެސް އެންމެ ގާތުން ދެކެވަޑައިގެންނެވި އެއް ބޭފުޅަކީ ރައީސް ސާލިހުކަމުގައިވެސް ވެގެން ދާނެއެވެ.

ސަބަބަކީ، އޭރުގެ އިދިކޮޅު ހުރިހާ ސިޔާސީ ލީޑަރުންކަހަލަ ގޮތަކަށް ޖަލުގައި ތިބެންޖެހުމާއި، ދެން ތިއްބެވި ލީޑަރުންތައް ގައުމުން ބޭރަށް އަރުއްވާލެއްވިގެން ތިބެންޖެހުމުގެ ނަތީޖާއެއްގެ ގޮތުން، ރާއްޖޭގައި ތިބެގެން ހިގައިދިޔަ ގިނަ ސިޔާސީ ހަރަކާތަތްތައް ކުރިޔަށް ގެންދެވިފައިވަނީ، ރައީސް ޔާމިންގެ ސަރުކާރާ ފެއަށް ޖެހިވަޑައިގެންނެވި 12 މެމްބަރުންވެސް ހިމެނޭގޮތުން އެމްޑީޕީގެ ޕީޖީ ގުރޫޕާއެކީ އުފައްދާފަ އޮތް ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕުންކަމަށް ވާތީއެވެ. އަދި މި ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕުގެ ޕީޖީ ލީޑަރަކަށް އޭރު ހުންނެވީވެސް މިހާރުގެ ރައީސް އިބުރާހިމް މުހައްމަދު ސާލިހު ކަމަށް ވާތީއެވެ.

އެހެންކަމުން 18ވަނަ ރައްޔިތުންގެ މަޖިލިހުގައި އުފެދުނު ގަޑުބަޑުތަކާއެކު، 12 މެމްބަރަކު ސަރުކާރާ ފެއަށް ޖެހުވަޑައިގަތުމުގެ ނަތީޖާއެއްގެ ގޮތުން، އޭރުގެ ސަރުކާރަށް މަޖިލިހުގެ މެޖޯރިޓީ ގެއްލި، މަޖިލިހުގެ ތެރެއިން ފާސްކުރަން ކޮންމެހެން ބޭނުންވި ކަންކަންވެސް ފާސްކުރުމުގައި ކުރިމަވެގެންދިޔަ ގޮންޖެހުންތަކާއި، އަދި އޭގެ ނަތީޖާއެއްގެ ގޮތުން ސަރުކާރު ބަލިކަށިވެގެން ދިޔަގޮތްވެސް އެންމެ ގާތުން ދެކެވަޑައިގެންނެވި އެއްބޭފުޅަކަށް ވެގެންދާނީވެސް ރައީސް ސާލިހުއެވެ.

މަޖިލިހުގެ ތެރޭގައި އޮތް ދެކޮޅުވެރިކަމުގެ ނަތީޖާއެއްގެ ގޮތުން، މަޖިލިހުގެ ތެރޭގައި ރައީސް ޔާމިން ރިޔާސީ ބަޔާން އިއްވަވާފައިވަނީ އެމްއެންޑީއެފްގެ އެހީތެރިކަމުގައި

ހަމަ އެއާއެކު، 2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގަައި ރައީސް ޔާމިން ބަލިވެގެން ދިޔަ ދިއުމުގައި، މަޖިލުހުގެ ތެރެއިން އެމަނިކްފާނާ ދެކޮޅަށް ނިކުތް މެމްބަރުން އަދާކުރި ދައުރާއި، މިހެންގޮސް، ވެރިކަމުގެ ބާރަށް މަޖިލިހުގެ މެޖޯރިޓީ ގެއްލި، އަދި ވެރިކަމުގެ ބާރުން މަޖިލީހާ ދެކޮޅަށް ސީދާ ގޮތެއްގައި ތެދުވެއްޖެނަމަ، ދެން ކަންވެގެންދާނެ ގޮތް އެންމެ ފުރިހަމަޔަށް ތަސައްވު ކުރެއްވޭނެ އެއްބޭފުޅެއްގެ ގޮތުގައި މިއަދު ހުންނެވީވެސް ހަމަ ރައީސް އިބުރާހިމް މުހައްމަދު ސާލިހުއެވެ.

އެހެންކަމުން، މިދެންނެވުނު ހުރިހާ ތަޖުރިބާއެއްގެ މައްޗަށް ބިނާކޮށް، ހިގަމުންދާ ސިޔާސީ ބޮޑެތި ކޯޅުންތަކުގެ ގަދަ ކަނޑުގައި ހިފަހައްޓާލެވޭނޭ މިންވަރަށް ސަރުކާރު ވަރުގަދަކުރެއްވެން އޮތީ ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ހިފަހައްޓަަވައިގެން ކަމަށް، ދުރާލާ އެމަނިކްފާނު ހިސާބު ޖައްސަވާފައިވާކަން މިއީ، މިއަދު ކަށަވަރުވެ ޔަގީންވާ ކަމެކެވެ.

 

ދައުރު ފެށިގެންދާއިރު، މަޖިލިސް ފެނިގެންދާނެ ގޮތެއްގެ މައްޗަށް ގިނަބައެއްގެ ޝައުގުވެރިކަން ހުއްޓޭނެ

ހުރިހާ ގޮތަކަށް ބެލި ކަމުގައިވި ނަމަވެސް، އެމްޑީޕީގެ އެތެރޭގައި އުފެދިގެން ގޮސްފައިވާ ބޮޑެތި ކޯޅުންތަކުގައި، ރައީސް ނަޝީދާއި، ރައީސް ސޯލިހަށް ތާޢީދު ކުރާ މެމްބަރުންގެ މެދުގައި، މަޖިލިސްވެސް ދެބަޔަކަށް ބެހިގެން ގޮސްފައިވާއިރު، ފާހަގަ ވާން އޮތްކަމަކީ، ރައީސް ނަޝިދުގެ ފަހަތްޕުޅުގައި ތިއްބެވިކަމަށް ބެލެވޭ ގިނަ މެމްބަރުންނަކީ، ފާޅުގައި ސަރުކާރަށާއި ރައީސް ސާލިހަށް ފާޑުވިދާޅުވަމުން ގެންދަވާ މެމްބަރުންކަމެވެ. އޭގެ ބަދަލުގައި ސަރުކާރަށް ނުވަތަ ސީދާ ރައީސް ސާލިހަށް ތާއީދުކޮށްގެން ތިއްބެވި ގިނަ މެމްބަރުންނަކީ، އުފެދިފައިވާ ކޯޅުންތަކާ ގުޅޭގޮތުން ސީދާ ގޮތެއްގައި ޝުޢޫރު ފާޅުކުރަމުން ނުދާ މެމްބަރުންކަންވެސް ފާހަގަ ކޮށްލެވެއެވެ.

އެހެންނަމަވެސް، މަޖިލިހުގެ މެޖޯރިޓީ ސަރުކާރަށް އޮތްކަން ރައީސް ސާލިހު ސާފު އިބާރާތުން ވިދާޅުވެ، އަދި އެކަމުގެ މުހިންމު ކަމުގެ މައްޗަށް ވާހަކަ ދައްކަވާފައި ވަނިކޮށް، އާދައުރަކަށް މަޖިލިސް އަނެއްކާވެސް ފެށިގެންދާނީ އަންނަ ހަފްތާގެ ހޯމަ ދުވަހުއެވެ.

އެހެންކަމުން، މަޖިލިހުގެ ކުރިޔަށް އޮތް ދައުރު އަންނަ ހަފްތާގެ ހޯމަ ދުވަހު ފެށިގެންދާއިރު، މަޖިލިހުގެ މެޖޯރިޓީ ހިފަހައްޓަވާނެ ކަމަށް ރައީސް ސާލިހު ވިދާޅުވި ވިދާޅުވުމުގެ މައްޗަށް، ދެން މަޖިލިހުގެ މަސައްކަތްތައް ބައްޓަންވެގެންދާނީ ކިހިނެއްތޯ، މިއީ އެތައްބަޔަކު ޝައުގުވެރިކަމާއެކު، ބަލަންތިބޭނޭ މަންޒަރެއްކަންވެސް ޔަގީނެވެ.

އަދި މަޖިލިހުގެ މެޖޯރިޓީ ގުޑުވާ ނުލެވޭނެކަމަށް ރައީސް ސާލިހު ދެއްވި ޔަގީންކަމުގެ މައްޗަށް، ދެން ސިޔާސީ މަސްރަހު ބައްޓަން ވެގެންދާނީ ކިހިނެއްތޯ މިއީ އަދި ކޮށްލުން އަވަސް އަންދާޒާއެއްކަމުގައި ގިނަބަޔަކު ދުށްކަމުގައި ވިނަމަވެސް، މިއީ ހަމަޔަގީނުންނެވެސް، ޝައުގުވެރިކަމާއެކު ގިނަބަޔަލު ބަލަން ތިބޭނޭ މަންޒަރެއްކަމީ ކަށަވަރުވެ ޔަގީންވާ ކަމެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ