ޣައްސާން ސަރުކާރަށް: ވަގުތީ ފައިސާކޮޅަކަށް ދައުލަތުގެ މުދާ ވިއްކާ ނުލައްވާ!

ޣައްސާން ސަރުކާރަށް: ވަގުތީ ފައިސާކޮޅަކަށް ދައުލަތުގެ މުދާ ވިއްކާ ނުލައްވާ!

Author
މުޙައްމަދު ޖިމީ
12 އޮގަސްޓް 2021 06:47
0

ވަގުތީ ފައިސާކޮޅަަކަށް ދައުލަތުގެ މުދަލާއި ކުންފުނިތަކުގެ ހިއްސާ ވިއްކާނުލުމަށް ޕީޕީއެމްގެ ނާއިބު ރައީސް އަދި ތ.ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫން ސަރުކާރަށް އިލްތިމާސްކޮށްފިއެވެ.

ޣައްސާން މިކަމަށް އިލްތިޟާސްކުރައްވާފައި މިވަނީ، ޤައުމީ އެއަރލައިން ހިންގާ މޯލްޑިވިއަންގެ މާލީ ޙާލަތު ގޯސްވެ، ޖޮންއިންޓްވެޗަރ ހެދުމަށް ބޭރުގެ ފަރާތްތަކާއި މަޝްވަރާކުރަމުން އަންނަކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިއްޔެ ވިދާޅުވުމާއި ގުޅިގެންނެވެ.

އެކަމަށް ރައްދު ދެއްވާ ޣައްސާން މައުމޫން ވަނީ، ދައުލަތުގެ މުދަލާއި ސަރުކާރު ކުންފުނިތަކުގެ ހަގީގީ މިލްކުވެރިންނަކީ ދިވެހި ރައްޔިތުންކަމަށް ވިދާޅުވެފައެވެ. އަދި މިހާލަތުގަ ކުރަން ހެޔޮނުވާވަރުގެ ބޮޑެތި ޚަރަދުތައްކޮށް އެކަން ފޫބެއްދުމަށް ވަގުތީ ފައިސާކޮޅަަކަށް ރައްޔިތުންގެ ކުންފުނިތަކުގެ ހިއްސާއާއި މުދާ ވިއްކާނުލުމަށްވެސް ޣައްސާން އިލްތިމާސްކުރެއްވިއެވެ.

 

ޣައްސާން މިހެން ވިދާޅުވީ، ރައީސް ޢަބްދުﷲ ޔާމީންގެ ވާހަކަފުޅު ހިމެނޭ ވީޑިއޯއަކާއެކުއެވެ. ރައީސް ޔާމީން އެ ވީޑިއޯގައި ވިދާޅުވެފައިވަނީ، ދައުލަތުގައި މިހާރު ހަރުމުދާ ހުންނާނެކަމަށާއި، އެމްޑީޕީން ވެރިކަން ކުރާއިރު ފައިސާ ހޯދޭނެ ގޮތަކީ ލޯނު ނެގުންކަމަށެވެ. އަދި ދެވަނަ ގޮތަކީ ރައިސް ޔާމީނާއި ކުރީގެ ސަރުކާރުތަކުން ޤާއިމްކޯށްފައިވާ ހަރުމުދާ ވިއްކާލުންކަމަށް ރައީސް ޔާމީން 2018ގެ ކެމްޕެއިންގެ ތެރޭގައި ވިދާޅުވެފައިވެއެވެ.

ޣައްސާން ރައީސް ޔާމީންގެ މި ވީޑިއޯ ހިއްސާކޮށްފައިވާއިރު، ޤައުމީ އެއަރލައިން، މޯލްޑިވިއަންގެ މާލީ ހާލަތު ރަނގަޅުކުރުމަށް ބޭރުގެ ކުންފުންޏަކާއެކު ޖޮއިންޓްވެންޗަރއެއް ހެދުމަށް ސަރުކާރުން މަޝްވަރާކުރަން ފާށާފައިވާކަމަށް ރައީސް އިއްޔެ ވަނީ ވިދާޅުވެފައެވެ. ރައިސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، މޯލްޑިވިއަންއަކީ ފެށުނީއްސުރެ ގެއްލުމުގައި ހިންގަމުން އަންނަ ކުންފުންޏެއްކަމަށެވެ. އަދި ކޯވިޑްގެ ސަބަބުން އިތުރު ގެއްލުމާއި އެކުންފުނިން ކުރިމަތިލާންޖެހިފައިވާކަން ފާހަގަކުރައްވަމުން ރައީސް ވަނީ އެކުންފުނީގެ މާލީ ޙާލަތު ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ފައްޓަވާފައިވާކަމަށެވެ.

ކޯވިޑާއި ގުޅިގެން އެކުންފުނީގެ މާލީ ޙާލަތު ކުރިއަށްވުރެ ރަނގަޅުވެފައެއް ނެތް. ޤައުމީ އެއަރލައިން ރަނގަޅުކުރުމަށްތަކައި ބޭރުގެ ބައެއް ފަރާތްތަކާއިވެސް އަޅުގަނޑުމެން ވާހަކަ ދައްކަމުން އެބަ ގެންދަން ޖޮއިންޓްވެންޗަރއެއް ހެދުމާއި ބެހޭގޮތުން. ކޮންމެއަކަސް ރާއްޖޭގައި ޤައުމީ އެއަރލައިނެއް އޮންނަންޖެހޭނެކަމަށް އަޅުގަނޑު ޤަބޫލުކުރަން. ވައިގެ ދަތުރުފަތުގެ ނިޒާމެއް ޤައުމީ އެއަރލައިނެއްގެ ގޮތުގައި އޮންނަން އެބަޖެހޭ. ޚާއްޞަކޮށް ޑޮމެސްޓިކް ދަތުރުފަތުގެ ނެޓްވަރކެއް އޮންނަން އެބަޖެހޭ. އޭގެ ސަބަބުން ނުސީދާކޮށް ލިބޭ ވަރަށް ގިނަ ފައިދާތައް އެބަހުރި. އެހެންކަމުން ރާއްޖޭގައި ޚާއްޞަކޮށް ޑޮމެސްޓިކް ދަތުރުފަތުރުކުރުމުގައި ޑިސްކައުންޓް ރޭޓެއްގައި ސަރުކާރުން ސަބްސިޑައިޒްކޮށްގެންނަމަވެސް އެ އެއަރލައިން ދަމަހައްޓަން އެބަޖެހޭ.

– ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް

ރައީސް ވިދާޅުވީ ސީޕްލޭންގެ ޚިދުމަތްވެސް އިތުރަށް ފުޅާކުރުމަށް އިންވެސްޓްކުރެވޭނެ ގޮތްތައް ހޯދުމަށްވެސް މަސައްކަތްކުރައްވަމުން ގެންދަވާކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.