ވެކްސިން ނުޖަހާ މުވައްޒިފުން ކޮންމެ ދެހަފްތާއަކުން ޕީސީއާރު ޓެސްޓް ހަދަންޖެހޭ

ވެކްސިން ނުޖަހާ މުވައްޒިފުން ކޮންމެ ދެހަފްތާއަކުން ޕީސީއާރު ޓެސްޓް ހަދަންޖެހޭ

Author
މުޙައްމަދު ޝަޒައިމް
12 އޮގަސްޓް 2021 05:42
0

ކޯވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިން ޖެހުމަށް ޝަރުތު ހަމަވެ، ނަމަވެސް އެކަން ނުކުރާ ސިވިލް ސާވިސްގެ މުވައްޒަފުން އަންނަ މަހުން ފެށިގެން ކޮންމެ ދެ ހަފުތާއަކުން ނެގެޓިވް ޕީސީއާރު ޓެސްޓެއް ހަދައި އެ ހުށަހަޅަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ލާޒިމުކޮށްފިއެވެ.

ސިވިލްސާވިސް ކޮމިޝަނުން މިއަދު ބުނީ ވެކްސިން ފުރިހަމަ ނުކުރާ މުވައްޒިފުން އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޮފީހަށް ނިކުނަން ޖެހޭނީ ޕީސީއާރު ހައްދާ އޭގެ ނެގެޓިވް ނަތީޖާއާއެކު ކަމަށެވެ. އަދި ވެކްސިން ފުރިހަމަ ކުރެވެންދެން ކޮންމެ ދެ ހަފްތާއަކުން ޕީސީއާރު ހަދާ ނެގެޓިވް ނަތީޖާ ހުޅައަޅަން ޖެހެއެވެ. ސީއެސްސީން ބުނީ ޑިރެކްޓަރު ޖެނެރަލްގެ އެންގެވުމެއް ކަމަށެވެ.

އެ ކޮމިޝަނުން ބުނީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، ސަރުކާރުގެ މުވައްޒަފުންގެ ތެރެއިން ވެކްސިނަށް ޝަރުތު ހަމަވި ނަމަވެސް ވެކްސިން ނުޖަހާ މީހުން ކޮންމެ ދެ ހަފުތާއަކުން ނެގެޓިވް ޕީސީއާރު ޓެސްޓުގެ ސާމްޕަލެއް ދޭންޖެހޭނެ ކަމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު އަންގަވާފައިވާ ކަމަށެވެ.

ކޯވިޑް-19 އިން ދިފާއުވުމަށް ޖަހަން ޖެހޭ ވެކްސިންގެ ނުޖަހާ ސަރުކާރު މުވައްޒިފުންނަަށް ދަތިކޮށްފައިވާއިރު ސުކޫލު ޓީޗަރުންގެ ތެރެއިން ވެކްސިން ޖެހުމަށް ދެކޮޅު ހަދާފައިވާ ބައެއް ޓީޗަރުންނަށް މިހާރު ވަނީ ފިޔަވަޅު އަޅާފައެވެ. އަދި އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ސުކޫލުތަކަށް ވަދެވޭނީ ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނަށެވެ. އެ ނިންމުމަކީ ސުކޫލު މުވައްޒިފުންނާއި ބެލެނިވެރިންނަށް ވެސް އޮތް އެންގުމެކެވެ.

ރާއްޖެއިން ވެކްސިން ފުރިހަމަކުރި މީހުންގެ ޢަދަދު އުޅެނީ 291،000 އިން މަތީގައެވެ. މާލެ ސަރަހައްދުގައި ޢުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޯފާމް އާއި އެސްޓްރަޒެނަކާ ވެކްސިން ޖަހަމުން އަންނައިރު، މާލެއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން 6 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްދެއެވެ. އަދި ގޭގެއަށް ގޮސްގެން ވެކްސިން ދިނުމަށް 3 މޮބައިލް ޓީމް ޙަރަކާތްތެރިވަމުން އަންނައިރު، އަތޮޅުތަކުގައި 176 ވެކްސިން ސެންޓަރުން އަންނަނީ ވެކްސިން ދެމުންނެވެ.

ރާއްޖޭގައި ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް ދަށްވާން ފަށާފައިވާއިރު، ސަރުކާރުން މިހާރު ވަނީ ރާއްޖޭގައި ވެކްސިން ކަވަރޭޖް މަތިކޮށް، ވެކްސިން ޖެހޭ އާބާދީގެ އެންމެނަށް ވެކްސިން ޖެހުމުގެ މުޅިން އައު ޕްރޮގްރާމެއް ފަށާފައެވެ. މި ޕްރޮގްރާމުގެ ދަށުން ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ މީހުންގެ %90 އަށް މިމަހުގެ ނިޔަލަށް ވެކްސިން ޖަހާ ނިންމުމަކީ ސަރުކާރުގެ އަމާޒެކެވެ.

އުމުރުން 12 އަހަރާއި 18 އަހަރާއި ދެމެދުގެ ކުދިންނަށް ވެކްސިން ދިނުމަށް ރާއްޖެއިން ތައްޔާރުވެފައިވާއިރު، އެކަމަށް ބޭނުންވާ ފައިޒާ ވެކްސިން މިހާރުވަނީ ރާއްޖެއަށް ލިބިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.