ނާއިބް ރައީސް ކަމުން ޖަމީލް ވަކިކުރި މައްސަލަ ބެލެނީ ސިވިލްކޯޓަށް ކަަމަށް ހުކުމްކޮށްފިއެވެ.
ޑރ. މުހައްމަދު ޖަމީލް ރައީސުލްޖުމްހޫރިއްޔާގެ ނައިބް ކަމުން ވަކިކުރި މައްސަލާގައި، ސްޕްރީމް ކޯޓުގައި މިއަދު ބޭއްވި ހުކުމް އިއްވުމުގެ ޝަރީއަތުގައި އުއްތަމަ ފަނޑިޔާރު އަލްއުޘްތާޒު އަހުމަދު މުއުތަސިމް އަދުދާނާން ވިދާޅުވީ މިމައްސަލައިގެ ފުރަތަމަ މަރުހަލާގެ ކަންކަން ބެލޭނީ ސިލްވޯޓަށް ކަމުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބް ކަމުގެ މަގާމުން ޑރ. ޖަމީލް ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ޖުލައި 21، 2015 ގައެވެ. އޭރުގެ އިދިކޮޅު ފަރާތްތަކާ ގުޅިގެން ޖަމީލް މަސައްކަތް ކުރެއްވި ކަމަށް ތުހުމަތު ކުރައްވާ މަގާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހެޅުމުން އޭނާ އެ މަގާމުން ވަކިކުރަން ފެންނަ ކަމަށް 78 މެންބަރުން ވޯޓު ދެއްވި އެވެ. ޖަމީލް މަގާމުން ވަކިކުރަން ފެނިވަޑައިނުގަންނަވާ ކަމަށް ވޯޓު ދެއްވީ އެންމެ ދެ މެންބަރުންނެވެ. އެއީ މިހާރުގެ ޔޫތު މިނިސްޓަރު އަދި އޭރު ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފާއި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން އެވެ. ޖަމީލް މަގާމުން ވަކިކުރުމުގެ މައްސަލަ ފާސްކުރަން ބޭނުންވީ 57 ވޯޓެވެ.
މަގާމުން ދުރުކުރި މައްސަލަ ސުޕްރީމް ކޯޓަށް ހުށައެޅުއްވީވެސް ޑރ.ޖަމީލެވެ. ދުސްތޫރީ މައްސަލައެއްގެ ގޮތުގައި އެމަނިކުފާނު ހުށައެޅުއްވި އެ މައްސަލާގައި ވަނީ މަގާމުން ވަކިކުރީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް އެދިވަޑައިގެންފައެވެ.
ޖަމީލް ނައިބު ރައީސް ކަމުން ވަކި ކުރެއްވުމުގެ މަސައްކަތް އޭރުގެ ޕީޕީއެމްގެ މެމްބަރުން ކުރިއަށް ގެންދަނިކޮށް އޭނާ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ފަހު އިނގިރޭސިވިލާތުގައި މަޑުކުރެއްވި އެވެ. ޖަމީލް އެބުރި ރާއްޖެ ވަޑައިގެންފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އިންތިޚާބްވެ ވަޑައިގެންނެވި ފަހުންނެވެ. ޖަމީލަށްފަހު ނައިބް ރައީސްގެ މަޤާމާއި ހަވާލުވެ ވަޑައިގެންނެވި އަޙްމަދު އަދީބްވަނީ ރިޔާސީ ލޯންޗު ކޮޅުގައި ގޮއްވާލި މައްސަލާގައި ހައްޔަރުކޮށްފައެވެ.
އަދީބަށްފަހު ނައިބް ރައީސްކަމާއި ހަވާލުވެ ވަޑައިގެންފައިވަނީ އަބްދުﷲ ޖިހާދެވެ. ރިޔާސީ ނިޒާމުގެ ތެރެއިން ރާއްޖޭގައި މިހާތަނަށް އުފެދުނު ވެރިކަންތަކުގައި އެންމެގިނަ ނައިބްރައީސުން އައްޔަންކުރެއްވި ބޭފުޅަކީވެސް ރައީސް ޔާމީންނެވެ. އެމަނިކުފާނު ވަނީ 3 ނައިބް ރައީސުން ޓެސްޓު ކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ