ހިޔާ ފްލެޓްގެ ކުލި ނަގަން ފަށާނީ އަންނަ އަހަރުން ފެށިގެން

ހިޔާ ފްލެޓްގެ ކުލި ނަގަން ފަށާނީ އަންނަ އަހަރުން ފެށިގެން

Author
މުޙައްމަދު ޝަޒައިމް
12 އޮގަސްޓް 2021 09:27
0

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓުގެ ފިނިޝިން މަސައްކަތް ނިންމުމަށް ޓަކައި، ޑިސެމްބަރު މަހާ ހަމައަށް ކުލި ނުނަގަން ނިންމައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވީ ހިޔާ ފްލެޓްތަކުގެ ފިނިޝިންގ މަސައްކަތަށް ދީފައިވާ މުއްދަތު އިތުރުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ނިންމާފައިވާކަމަށެވެ. އެގޮތުން ހިޔާ ފްލެޓްގެ ފިނިޝިންގެ މަސައްކަތްތައް ނިންމުމަށް ދީފައިވާ މުއްދަތު ޑިސެމްބަރުމަހުގެ ނިޔަލަށް އިތުރުކުރުމަށް ނިންމާފައިވާކަމަށެވެ. އަދި އިތުރުކުރުމަށް މުއްދަތަށް ރައްޔިތުންގެ އަތުން ކުލިވެސް ނުނަގާނެކަމަށް ރައީސް ވިދާޅުވިއެވެ.

މިބަދަލާއިއެކު ހިޔާ ފްކެޓްތަކަށް ކުލި ދައްކަން ޖެހޭނީ އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެންނެވެ.

ރައީސްގެ ވާހަކަފުޅުގައި ހިޔާ ފްލެޓްތަކުގެ ފިނިޝިންގ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސްއިން ލުއި ލޯނެއް ދޫކުރަމުން އަންނަކަންވެސް ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ މި ފްލެޓްތައް ލިބުނު ބައެއް ފަރާތްތަކުން ފްލެޓް ދޫކޮށްލުމަށްފަހު އެޗްޑީސީގެ ވިނަރެސް ފްލެޓްތަކަށް ކުރިމަތިލައިފައިވާކަމަށެވެ. އަދި ދޫކޮށްލާފައި ހުރި ފްލެޓްތައް ޝަރުތުހަމަވާ ފަރާތްތަކަށް ދިނުމަށް ނިންމާފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ހިޔާ ފްލެޓްތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތްކުރަމުންދާއިރު، ފިނިޝަން މަސައްކަތްތައް ފަށަނީ އެ ފްލެޓްތައް ލިބުނު ފަރާތްތަކުގެ އެއްބަސްވުމުގައި ސޮއިކުރުމުންނެވެ. ހިޔާ ފްލެޓްތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރަން ފަށާފައިވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހުގައެވެ.

ހިޔާ މަޝްރޫޢަށް ބަލާއިރު، އެ ޕްރޮޖެކްޓް ހަވާލުކޮށްފައިވަނީ ޝަޢުގުވެރިކަން ފާޅުކުރި 5 ކޮންޓްރެކްޓަރުންގެ ތެރެއިން އެންމެ ބޮޑު އަގު ހުށައެޅި ކުންފުންޏަށްކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. އެގޮތުން ބައެއް ކުންފުނިތަކުން ޔުނިޓަކަށް 50 ހާހާއި 52 ހާސް ޑޮލަރާއި ދެމެދުގެ އަގުތައް ހުށަހަޅާފައިވަނިކޮށް، ޕްރޮޖެކްޓް އެވޯޑްކޮށްފައިވަނީ ޔުނިޓަކަށް 62 ހާސް ޑޮލަރު ހުށަހެޅި ކުންފުންޏަކާއިކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.