ބޮސްނިއާގެ ސްރެބްރެނިކާގައި މަރާލެވުނު މީހުންގެ ގަބުރުސަތާނުގައި މީހަކު މަހާނައެއް ކައިރީ ދުއާ ކުރުމުގައި

ބޮސްނިއާގެ ސްރެބްރެނިކާގެ ގަތުލުއާންމަކީ ނުހިގާކަމެއް ކަމަށް ބުނާ ވާހަކަތައް ޓުވިޓަރ އަދި ގޫގުލްއިން ބޮލޮކް ކުރަނީ

ބޮސްނިއާގެ ސްރެބްރެނިކާގެ ގަތުލުއާންމަކީ ނުހިގާކަމެއް ކަމަށް ބުނާ ވާހަކަތައް ޓުވިޓަރ އަދި ގޫގުލްއިން ބޮލޮކް ކުރަނީ

މީގެ 26 އަހަރު ކުރިން، ބޮސްނިއާގެ ސްރެބްރެނިކާގައި ހިންގާފައިވާ ގަތުލުއާންމަކީ ނުހިގާ ކަމެއްކަމަށް ބުނެ ނުވަތަ އެހާދިސާގެ މުހިންމުކަން ކުޑަކުރުމަށް ޓުވިޓަރ އަދި ގޫގުލްގައި ފާޅުކުރެވޭ ޝުއޫރުތައް ނުވަތަ ދައްކާ ވާހަތަކުގެ ކޮންޓެންޓް އެ ޕްލެޓްފޯމުތަކުން ބްލޮކް ކުރުމަށް ނިންމާފައިވާ ކަމަށް ރޭޑިއޯ ފްރީ ޔޫރަޕް (RFE)އިން ރިޕޯޓު ކޮށްފިއެވެ.

ރޭޑިއޯ ފްރީ ޔޫރަޕްއިން އަންގާރަ ދުވަހު ރިޕޯޓު ކޮށްފައިވާ ގޮތުގައި، އިންސްޓިޓިއުޓް ފޯރ ރިސާޗް އޮފް ޖެނޮސައިޑް ކެނެޑާ (IRGC)ގެ އެދުމުގެމަތިން، ޓުވިޓަރ އަދި ޔޫޓިއުބުއިންވަނީ ނަފްރަތު އުފެއްދުމައި ގުޅޭގޮތުން އެ ޕްލެޓްފޯމްތަކުގައި ދައްކާ ހުރިހާ ވާހަކައަކާއި ދެކޮޅަށްވެސް އުސޫލުތަކެއް މިހާރު ކަޑައަޅާފައެވެ.

ދުނިޔޭގެ ޓެކްނޮލޮޖީގެ ބޮޑެތި ކުންފުނިތައް ކަމުގައިވާ ޓުވިޓަރ އަދި ޔޫޓިއުބަށް، ފާއިތުވެދިޔަ ޖުލައިމަހުގެ 28ވަނަ ދުވަހު އިންސްޓިޓިއުޓް ފޯރ ރިސާޗް އޮފް ޖެނޮސައިޑް ކެނެޑާއިން ވަނީ "ބޮސްނިއާގެ ސްރެބްރެނިކާގައި ހިންގާފައިވާ ގަތުލުއާންމާ ގުޅޭ ހަގީގަތްތައް އޮޅުވާލުމަށް ނުވަތަ އެ ގަތުލުއާންމަކީ ނުހިގާކަމެއް ކަމަށް ބުނެ ފާޅުކުރެވޭ ހުރިހާ ޝުޢޫރުތަކެއްވެސް ބްލޮކް ކޮށްދިނުމަށް،" އެދި ސިޓީއެއް ފޮނުވާފައެވެ.

"ސްރެބްރެނިކާގެ ގަތުލުއާންމުގެ ހަގީގަތް އޮޅުވާލުމަށް ވާހަކަދައްކާ ހުރިހާ ފަރާތްތަކުންވެސް، ތިބޭފުޅުންގެ ޔޫޓިއުބް ޕްލެޓްފޯމު މެދުވެރިކޮށް އެ އަނިޔާދެނީ، މި ގަތުލުއާންމުގެ ޝިކާރައަކަށް ވެގެން ގޮސްފައިވާ އެތައް އާއިލާތަކަކަށް، އަދި އެއީ މި ގަތުލުއާންމުން ސަލާމްވެފައިވަ އެތައްބައެއްގެ ހިތްދަތި އިހުސާސްތަކަށް ކުރެވޭ ވަރަށް ބޮޑު ބޭއިންސާފެއް، ދެވޭ ވަރަށް ބޮޑު ވޭނެއް، އަދި އޭގެއިން ހިންވަރު ލިބިދެނީ، މި ގަތުލުއާންމަކީ ނުހިގާ ކަމެއްކަމަށް ދައްކަން އުޅޭ ފަރާތްތަކަށް އަދި، މުސްތަގުބަލުގައި މިފަދަ ގަތުލުއާންމުތައް ހިންގާފާނޭ ފަރާތްތަކަށް،" އިންސްޓިޓިއުޓް ފޯރ ރިސާޗް އޮފް ޖެނޮސައިޑް ކެނެޑާގެ ޑިރެކްޓަރ އެމިރް ރަމިކް ސީއީއޯ ސޫޒަން ވޮޖްކިކިއަށް ލިޔުއްވި ސިޓީގައި ބަޔާން ކޮށްފައިވެއެވެ.

1995ވަނަ އަހަރުގެ ޖުލައިމަހު، ރޭވިގެން ހިންގި މި ގަތުލުއާންމުގައި އޭރުގެ ބޮސްނިއާގެ ސްރެބްރެނިކާގެ 8000 މުސްލިމުން، ސާބް ފޯސްތަކުންވަނީ މަރާލާފައެވެ. އަދި ފަހުން، އިންޓަރނޭޝަނަލް ކުރިމިނަލް ޓްރައިބިއުނަލް ފޯރ ފޯމަރ ޔޫގޮސްލާވިއާ (ICTY)އާއި އަދި އިންޓަރނޭޝަނަލް ކޯޓު އޮފް ޖަސްޓިސްއިންވެސް ވަނީ މިއީ ގަތުލުއާންމެއްގެ ގޮތުގައި ނިންމާފައެވެ.

އެހެންނަމަވެސް، ސްރެބްރެނިކާގެ ގަތުލުއަންމާއަކީ ގަތުލުއާންމެއް ނޫންކަމަށް ބުނެ، އެކަމުގެ ތާރީޚު ބަދަލު ކުރުމަށް ސާބިއާގެ މީހުންގެ މެދުގައާއި އަދި ބޮސްނިއާގެ ސާބު މުޖަތައުގައި ކުރެވޭ މަސައްކަތްތައް ފަހަކަށްއައިސް ވަނީ ވަރަށް ބޮޑައި ވައިގައި ހިފާފައެވެ. އަދި މިވާހަކަތައް ފަހަކަށްއައިސް ބޮޑަށް ދެކެވެމުން އައިސްފައިވަނީ އޮންލައިން ޕްލެޓްފޯމުތަކުގައެވެ.

"ނަފްރަތު އުފެއްދުމާއި ދެކޮޅު ސިޔާސަތުތައް، ހުރީ ވަރަށް ރަގަޅަށް އެކުލަވާލެވިފަ، މީގެތެރޭގައި، ސްރެބްރެނިކާގެ ގަތުލުއާންމުވެސް ހިމެނޭގޮތުން، ތާރީޚުގައި ލިޔެވި ރައްކާކުރެވިފައިވާ އަނިޔާވެރި އަމަލްތަކުގެ ހަގީގަތް އޮޅުވާލުމަށް ދައްކާ ވާހަކަތައް ހުއްޓުވުމަށް ހެދިފައިވާ އުސޫލުތައްވެސް ހިމެނޭ،" ގޫގުލްގެ ތަރުޖަމާން ރޭޑިއޯ ފްރީ ޔޫރަޕްއަށް މައުލުމާތު ދެމުން ބުނެފައިވެއެވެ.

"މިގޮތުން ދެކެވޭ ވާހަކަތައް މި ގައިޑްލައިންތަކާ ފުށުއަރާނަމަ އަހަރެމެން ވަގުތުން އެފަދަ ވަހަކައެއް ޕްލެޓް ފޯމުން ނައްތާލާނަން."

ޓުވިޓަރގެ ތަރުޖަމާންވެސް ރޭޑިއޯ ފްރީ ޔޫރަޕްއަށް މައުލޫމާތު ދެމުން ބުނެފައިވަނީ، މިފަދަ އަމަލްތައް ހުއްޓުވުމުގެ ގޮތުން އެ ޕްލެޓްފޯމުންވެސްވަނީ އުސޫލުތަކެއް ކަޑައަޅާ ގައިޑްލައިންތައް ގާއިމް ކޮށްފައި ކަމުގައެވެ.

"މީގެތެރޭގައި ވަކިވަކި ފަރުދުންނަށް ގެއްލުން ދިނުމުގެ މަގުސަދުގައި ދެކެވޭ ވާހަކަތަކާއި، ހަމަނުޖެހުން އުފެއްދުމުގެ ގޮތުން ދެކެވޭ ވާހަކަތަކާއި، އަދި ރައްކާތެރިކަން ފޯރުކޮށްދެވިފައިވާ ފަރާތްތަކަށް އަމާޒުކޮށް ދެކެވޭ ވާހަކަތަކާއި، އަދި ބައެއް ހާދިސާތަކުގެ ޝިކާރައަކަށް ވެފައިވާ ފަރާތަކަށް އަމާޒު ދައްކާ ވާހަކަތަކުގެ އިތުރުން އެފަދަ ހާދިސާތަކުގެ މުހިންމުކަން ކުޑަކުރުމަށް ދައްކާ ވާހަކަތައް ހުއްޓުވުންވެސް ހިމެނޭ،" ޓުވިޓަރގެ ތަރުޖަމާން ވިދާޅުވެފައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *