ތިލަފުށިން ދަގަނޑާއި، ހިލަވެލި ބަރުކޮށްގެން ދަތުރުކުރަމުންދިޔަ ދޯންޏެއް ބަންޑުން ޖަހާލައި ދޯނި އޮޔާ ދާތީ ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެދިއްޖެއެވެ.
ތިލަފުށިން މުދާ ބަރުކޮށްގެން އދ. ވަކަރުފަޅިއަށް ދަތުރުކުރި "ރާޔާ" ދޯނި، މޫސުން ގޯސްވެ ބަންޑުންޖަހާލައި، ދެފެން ދޭތެރޭ އޮޔާދާ ކަމުގެ މައުލޫމާތު މިއަދު މެންދުރު 14:48 ހާއިރު ކޯސްޓްގާޑަށް ލިބިފައި ވާކަމަށް އެންއެންޑީއެފުން ބުނެއެވެ. މި ދޯނި އޮޔާދަނީ މާލެއަތޮޅާއި ވ.އަތޮޅާ ދޭތެރެއިން ކަމަށް މައުލޫމާތު ލިބެއެވެ.
ވީމާ މިސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދިނުމަށާއި ޚާއްޞަކޮށް ރޭގަނޑު ދަތުރުކުރާ ފަރާތްތަކުން، އިތުރަށް ސަމާލުކަން ދިނުމަށް އެންއެންޑީއެފުން އެދެއެވެ.
ދޯނި ބަންޑުން ޖަހާލާފައި ވަނީ ފިހާޅޮހި ރިސޯޓާއި ގާތްގަނޑަކަށް 6.5 ނޯޓިކަލް މޭލު ބޭރުންނެވެ. ދޯނި ބަންޑުން ޖަހާލާފައި ވަނީ މިއަދު ހެނދުނު 10:30ގައި ކަމަށާއި ދޯނި ބަންޑުން ޖަހާލިއިރު، ދޯނީގައި ދިވެއްސަކާއި، ދެ ބިދޭސީން ތިއްބި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
ހާދިސާ ހިނގި ސަރަހައްދަށް ދިޔަ ދިރުން ނަަމަކަަށް ކިޔާ ދޯނީގެ އެހީތެރިކަމާއެކު، ބަންޑުން ޖަހާލި ދޯނީގައި ތިބި މީހުން ކޯސްޓްގާޑުގެ އެހީގައި ހުޅުމާލެ ގެނެސްފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.
ކޮމެންޓު ފޮނުވާ