މާތް ﷲ އާއި އެކަލާންގެ ރަސޫލާއަށް ފުރައްސާރަކުރާ މީހުންނާއިމެދު އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ގޮވާލައްވައިފި އެވެ.
މާލެ މަގުމަތީގައި މަސްތުގެ ހާލަތުގައި ހުރި އިންޑިއާ މީހަކު ދީނަށް ފުރައްސާރަކޮށް ރާއްޖޭގެ ކޯޓުތަކުގެ ކޮންޓްރޯލް ވެސް އޮތީ އެ މީހުންގެ އަތް ދަށުގައި ކަމަށް ބުނެ ދެއްކެވި ވާހަތަކަށް ރައްދު ދެއްވައި ޤާސިމް ވިދާޅުވީ އިސްލާމްދީނަށް ބަދުބަސްވުނެ އިސްލާމްދީނަށް އިހާނަތިކޮށް ހިތުމުގެ ފުތުސަތު މި ފަސްގަނޑުގައި ދެވިގެން ނުވާނެކަމަށެވެ. އަދި އެފަދަ އަމަލު ހިންގާ ފަރާތްތަކާއިމެދު ޤާނުނުގައި އަޅަންޖެހޭ އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ޤާސިމް ވަނީ ގޮވާލާފައެވެ.
"މިހާރަކަށް އައިސް މާތް ﷲ ވޮޑިގެން ނުވާކަމަށްބުނަމުން ދިއުމާއި ރަސޫލާއަށް ތަފާތު ގޮތް ގޮތަށް ދިމާކޮށް އެކި ކަހަލަ މަލާމާތްކޮށް ފާޅުގައި ފާޑުކިއުން މި ޤައުމުގައި ކިޔަމުން ގެންދާކަން އެންމެ ހަރުކަށި އިރާތުން ކުށްވެރި ކުރަން. މިކަމަށް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ގޮވާލާން" ޤާސިމް ވިދާޅުވި އެވެ.
“ Mi haarakah ais may Allah vodigen Nuvaa kamah bunamun dhiumaa Rasoolaa ah Thafaathu goiy gothah dhimaakoh Eki kahala malaamaykoh faalhugai faadu kiun mi Qaumugai kiyamun gendhaa kan enme haru kashi ibaaraathun kuhveri kuran mikamah enme harukashi fiyavalhu alhan govaalan .
— Qasim Ibrahim (@qasimibrahim) October 4, 2020
ޤާސިމް މިފަދަ ޓްވީޓެއް ކޮށްފައިވަނީ އެއްކައުވަންތަ ﷲއަށް ފުރައްސާރަކޮށް ބޭއަދަބީ ބަހުން ދީނަށް މަލާމާތްކުރިއިރުވެސް ﷲ ގަންދީ ހުވާކޮށްގެން ތިއްބެވި ޤައުމުގެ އިސްމަޤާމުތަކުގައި ތިއްބެވި ބޭފުޅުން އެއްވެސް އެއްޗެއް ވިދާޅުނުވުމަކީ ދީނަށް ވެވުނު ވަރަށްބޮޑު ޚިޔާނާތެއްކަމުގައި ރައްޔިތުންގެ އިއްތިހާދުން ބުނެ ބަޔާނެއްވެސް ނެރެފައި ވަނިކޮށެވެ.
މަސްތުގެ ޙާލުގައި މަގުމަތީގައި އުޅުނު ބިދޭސީ މީހާގެ މައްސަލަ ފުލުހުން ބަލަމުންދާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވަނީ ބުނެފައެވެ.
ފުލުހުން ވިދާޅުވީ މިމައްސަލައާއި ގުޅިގެން އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ހުކުރު ދުވަހުގެ ރޭގެވަގުތެއްގައިކަމަށެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިޔުމުން އޭނާ ކޯޓުން ދޫކޮށްލާފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. ކޯޓުން އޭނާ ދޫކޮށްލިނަމަވެސް މިމައްސަލަ ފުލުހުން ތަޙުގީގުކުރަމުން ގެންދާނެކަމަށް ފުލުހުން ވިދާޅުވެއެވެ.
ބިދޭސީއަކު މާލޭގެ މަގުމަތީގައި މަސްތުގެ ޙާލަތުގައި ހުރެގެން އިސްލާމްދީނަށް ފުރައްސާރަކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.