ޤާނޫނު އަސާސީއާއި، ހެދިފައިވާ ގަވާއިދުތަކާއި، ރާއްޖޭގެ އެންމެހައި ކޯޓުތަކުގެ ބާރުވެރިކަން ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓު ސްޕްރީމްކޯޓުން ދަމަހައްޓާނެކަމުގައި، އެކޯޓުގެ ފަނޑިޔާރު އަލް އުޘްތާޒު ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.
އަލީ ވަހީދު ސްޕްރީމްކޯޓުގެ އަމުރަށް ނުކިޔަމަންތެރިވެ، ސްޕްރީމް ކޯޓަށާއި، ރާއްޖޭގެ އެހެނިހެން ކޯޓުތައްކަމަށްވެސް ހާޒިރު ވެފައި ނުވާތީ މިއަދު ބޭއްވި ޝަރީއަތުގައި ސުއޫދު ވިދާޅުވީ ޤާނޫނު އަސާސީގެ ބާރުވެރިކަން ނަގަހައްޓައި، ޤާނޫނު އަސާސީއާއި، ކޯޓުތަކުގެ ބާރުވެރިކަން ދެމެހެއްޓުމަކީ ސްޕްރީމް ކޯޓުގެ މަސްއޫލިއްޔަތެއްކަމަށެވެ.
ޤާނޫނު އަސާސީއާއި ޤާނޫނުތައް ދިފާއުކޮށް ހިންގުމަކީ ކޯޓުތަކުގެ މަސްއޫލިއްޔަތެއް. ޤާނޫނު އަސާސީއާއި، ޤާނޫނުތަކައި ކޯޓުތަކުގެ އަމުރުތަކަށް ކިޔަމަންވުމަކީ ދިވެހިރާއްޖޭގެ ސަރަހައްދުގައި ދިރިއުޅޭ މީހުންނާއި، ދިވެހި ރައްޔިތުންގެ މައްޗަށް ވާޖިބު ވެގެންވާ ކަމެއް. ވަކި މީހެއް ފަރުގުވުމެއް، އަދި ފަރަގު ކުރުމެއްތި ހަމަހަމަ ކަމާއި އެކުގައި.
– ސުއޫދު ވިދާޅުވިއެވެ.
ސުއޫދު ވިދާޅުވީ މަކި މީހަކަށްވީތީ ރާއްޖޭގެ ކޯޓުތަކުގައި ޝަރީއަތް ނުހިނގާއި މައްސަލަތައް ކުރިއަށް ނުދާނެފަދަ މެސެޖްތަކެއް ރައްޔިތުންނަށް ލިބުމަކީ ކޯޓުތަކާއިމެދު ރައްޔިތުންނަށް އޮތް އިތުބާރު ގެއްލި، ދައުލަތެއްގެ މައިގަނޑު ބާރުތައްވެސް ނެތިގެންދާނެ ކަމެއްކަމަށެވެ.
ވަކި މީހެއްގެ މައްޗަށް ޝަރީއަތް ނުހިންގޭނެކަމުގެ، ނުވަތަ ވަކި މީހަކަށް ވީމާ ކޯޓުތަކުން ކަންކުރާ ކަމުގެ އިހުސާސް ރައްޔިތުންގެ މެދުގައި އުފެދިއްޖެނަމަ ކޯޓުތައް ހުރުމުގެ ބޭނުމާއިމެދު ސުވާލު އުފެދޭނެ. ކޯޓުތަކުގެ ލެޖިސިމަސީއާއިމެދު ސުވާލު އުފެދޭނެ. އެހެންކަމުން މިފަދަ ތަސައްވަރެއް އުފެދޭނަމަ އެކަމަށް އިޖާބަދީ ޤާނޫނު އަސާސީ ދިފާއު ކުރުމަށް ސްޕްރީމް ކޯޓުން ފިޔަވަޅު އަޅާނެ. ކޯޓުތަކުގެ ބާރުވެރިކަން ނަގަހައްޓަނެ.
– ސުއޫދު ވިދާޅުވިއެވެ.
ސުއޫދު ވިދާޅުވީ އަލީ ވަހީދު ފުރާފައިވަނީ އޭނާގެ މައްޗަށް ދައުވަތަކެއް އުފުލިފައިވަކަން އެނގިހުރެ އޭނައާއި ގުޅޭނެ ގޮތެއް އަދި ފުރައިގެންދަ ތަނުގެ ތަފްސީލެއް ކޯޓަށްވެސް އަދި އެއްވެސް ފަރާތަކަށްވެސް ނުދީކަމަށެވެ. އަދި އޭނާ ބޭރަށް ދިއުމުން ކޯޓަށް ހާޒިރުކޮށްދޭނެ ކަމުގެ ޔަގީންކަންދީ އޭނާ ޖާމިނުކޮށްދިން މީހާއަށްވެސް އޭނައާއި ގުޅޭނެ މައުލޫމާތެއް ހިއްސާކޮށްފައި ނުވާކަމަށް ޕީޖީ އޮފީހުން މައުލޫމާތު ދިނުމުން މިމައްސަލަ ބެލުމަށް ހުރަސް އެޅިފައިވާކަމަށެވވެ.
އަލީ ވަހީދަށް ސްޕްރީމްކޯޓުގެ އަމުރުލިބި، އެއަމުރަށް ކިޔަމްނެތެރި ނުވާ ހާލަތުގައި، އެކަމާއިމެދު ފިޔަވަޅެއް ނާޅައި ދޫކޮށްލުމަކީ ދިވެހި ރާއްޖޭގެ ކޯޓުތަކުގެ ބާރުވެރިކަމާއިމެދު ސުވާލު އުފެދި ކޯޓުތަކުގެ އިތުބާރު ގެއްލިގެންދާނެ ކަމެއް. އަލީ ވަހީދުގެ ކުރިމަތީގައި ކުޑަކަކޫ ޖެހުމަކީ ކޯޓިތަކުގެ ހުރުމަތް ކެޑި ޤާނޫނީ ބާރުވެރިކަން ކެޑިގެންދާނެކަމެއް. ކޯޓުތަކަކީ ކުޅޭކުޅޭ ތަންތަން ކަމަށް ހަދައިގެން ނުވާނެ.
– ސުއޫދު ވިދާޅުވިއެވެ.
އަލީ ވަހީދުގެ 2 މަހާއި 12 ދުވަހަށް ޖަލަށްލާން ސުޕްރީމް ކޯޓުން ހުކުމްކުރީ، ސްޕްރީމްކޯޓުގެ ހުރުމަތް ކަނޑާލައި، ޤާނޫނީ ބާރުވެރިކަން މުގުރާލުމަށް މަސައްކަތް ކުރުމުން ކަމުގައިކަމަށް ހުކުމްއިއްވަމުން ފަނޑިޔާރު އަލްއުސްތާޒު ހުސްނުއްސުއޫދު ވިދާޅުވިއެވެ.
ސުޕްރީމް ކޯޓުގެ ހުރުމަތް ކެނޑިކަމަށް ބުނެ އަލީ ވަހީދުގެ މައްޗަށް ހުކުމެއް އިއްވާފައިވާއިރު، އޭނާއާ ގުޅޭ މައްސަލައެއްގެ އަޑުއެހުން އޮތީ ސުޕްރީމް ކޯޓުގައި މިއަދު ތާވަލްކޮށްފައެވެ. ނަމަވެސް އޭނާ ކޯޓަށް ހާޒިރުވެފައެއް ނުވެއެވެ.
ސުޕްރީމް ކޯޓުގައި މިއަދު އޮތް މައްސަލައަކީ ޢަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާކުރުމުގެ ކުށުގެ ދަޢުވާގެ އަޑުއެހުންތައް އަލީ ވަހީދު ރާއްޖެއިން ބޭރުގައި ހުންނަވައިގެން އޮންލައިންކޮށް ކުރިޔަށް ގެންދިޔުމަށް ކްރިމިނަލްކޯޓުން ނިންމި ނިންމުމުގެ އިސްތިއުނާފީ މައްސަލައެވެ. ޕްރޮސެކިއުޓަރ ޖެނަރަލް މިމައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ، ހައިކޯޓުން މިމައްސަލަ ބަލައިނުގަތުމުންނެވެ.
ކޮމެންޓު ފޮނުވާ