ސްޓެލްކޯ އަށް އިންޑަސްޓްރިއަލް ވިލެޖުން ދޫކޮށްފައިވާ ބިމުގައި ހުރި މުދާތައް ނަގައިގެން މާލޭ ސިޓީ ކައުންސިލުން ބޭނުން ކުރަމުންދާ ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯ އިން ބުނީ، މި މައްސަލަ މިހާރު ވަނީ ފުލުސް އޮފީހަށް ހުށަހަޅާފައި ކަމަށެވެ. އަދި ސިޓީ ކައުންސިލުގެ ބިމުގައި ފެންސު ޖެހުމުގެ މަސައްކަތް ހުއްޓާލަން ފުލުހުން ކައުންސިލަށް އަންގާފައިވާ ކަމަށް ވެސް ސްޓެލްކޯ އިން ބުނެއެވެ.
މާލެ ސިޓީ ކައުންސިލުން ހުސްކުރީ މެރީ ބްރައުން ރެސްޓޯރެންޓް ކުރިމަތީ މާލޭ އިންޑަސްޓްރިއަލް ވިލެޖުން ސްޓެލްކޯއަށް ދޫކޮށްފައި އޮތް ބިމެވެެ. ސްޓެލްކޯއިން ބުނެފައިވަނީ އެ ކުންފުނީގެ މުދާތައް ސިޓީ ކައުންސިލުން ނެގީ އެންގުމަކާ ނުލައި މިދިޔަ ބޮޑު ޗުއްޓީ ބަންދުގެ ތެރޭގައި ކަމަށެވެ. ސްޓެލްކޯގެ ބިމުގައި ހުރި ފެންސުތައް ނަގައި ކައުންސިލްގެ ބިމެއްގައި އެ ފެންސްތައް ޖަހާފައިވާ ކަމަށް ސްޓެލްކޯގެ އޮފިޝަލް ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުގައި، ސްޓެލްކޯގެ ބޭނުމަށް ސީސީޓީވީ ކެމެރާ ހަރުކުރަން ބަހައްޓާފައި ހުރި ތަކެތި ވެސް ވަނީ ގެއްލިފައެވެ.
ތިލަފުއްޓާ މާލެއާ ބްރިޖަކުން ގުޅާލާއިރު މާލެއާ ތިލަފުއްޓާ އިންޓަކަނެކްޝަނަކުން ގުޅާލުމަށް 132 ކޭވީގެ ކަރަންޓް ސަބްސްޓޭޝަނެއް އެ ބިމުގައި ގާއިމުކުރަން ސްޓެލްކޯއިން ވަނީ ނިންމައިފައެވެ. އެހެންވެ އެ ބިން ބޭނުންކުރުމަށްޓަކައި ސްޓެލްކޯއިން ވާނީ އެ ބިން ސާފުކޮށްފައި، ވަށައިގެން ފެންސްވެސް ޖަހާފައެވެ.
ސްޓެލްކޯގެ ބިމަކީ 21،000 އަކަ ފޫޓުގެ ބިމެކެވެ. އެ ބިން ބޭނުންކުރަން އިތުރު ޕްލޭންތަކެއްވެސް އެބަހުރި ކަމަށް ސްޓެލްކޯއިން ބުނެއެވެ. މީގެ ކުރިން އެ ބިން ހުސްކުރަން މަސައްކަތް ކުރުުމުން އެކަން ހުއްޓުވަން ފުލުހުންނަށް ހުށަހެޅި ކަަމަށްވެސް ސްޓެލްކޯއިން މިއަދު ބުންޏެވެ. އަދި ސްޓެލްކޯއިން އެދުނު ގޮތަށް އެކަން މަޑުޖައްސާލަން މާލޭ ސިޓީ ކައުންސިލަށް އެންގި ކަމަށް އޮފިޝަލް ވިދާޅުވިއެވެ.