ތިލަފުށީ ދެވަނަ ފިޔަވަހީގައި 127 ހެކްޓަރުގެ ބިމެއް ހިއްކަނީ

ތިލަފުށީ ދެވަނަ ފިޔަވަހީގައި 127 ހެކްޓަރުގެ ބިމެއް ހިއްކަނީ

Author
މުޙައްމަދު ޝަޒައިމް
07 އޮގަސްޓް 2021 07:26
0

ތިލަފުށީގެ ދެވަނަ ފިޔަވަހީގެ ދަށުން 127 ހެކްޓަރުގެ ބިމެއް ހިއްކުމަށް ހަމަޖެހިއްޖެއެވެ.

127 ހެކްޓަރުގެ ބިމުގެ ތެރެއިން 30 ހެކްޓަރުގެ ބިން މިއަހަރު ނިމުމުގެ ކުރިން ހިއްކާ ނިންމުމަށްޓަކާ މަސައްކަތްކުރަމުންދާކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ. މި ބިން ހިއްކުމަށް ހަމަޖެހިފައިވަނީ ތިލަފުށީ ދެވަނަ ފިޔަވަހީގެ މާސްޓަރ ޕްލޭނާ އެއްގޮތަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، އެޗް.ޑީ.ސީ އިން ތިލަފުށީގައި ކުރަމުންދާ ބައެއް މަސައްކަތްތައް ބައްލަވައިލެއްވުމަށް ތިލަފުއްޓަށް މިއަދު ކުރެއްވި ޒިޔާރަތުގައި ވަނީ ތިލަފުށީގެ ދެވަނަ ފިޔަވަހީގެ މާސްޓަރ ޕްލޭނާ ގުޅޭ ޕްރެސެންޓޭޝަނެއް ބައްލަވައިލައްވައި، އެކަމާއިގުޅޭ މަޢުލޫމާތު ސާފުކުރައްވާފައެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ ތިލަފުށީގެ ދެވަނަ ފިޔަވަހީގެ ހިއްކާ ސަރަޙައްދާއި، ތިލަފުށީގައި އެޗް.ޑީ.ސީ.އިން ޤާއިމުކޮށްފައިވާ ކެމިކަލް ގުދަންތައް ބައްލަވައިލައްވައިފައެވެ. އަދި، އެމަނިކުފާނުގެމި ޒިޔާރަތުގައި އެމް.ޓީ.ސީ.ސީގެ އޮފީސް ސަރަޙައްދާއި، ޑޮކްޔާޑެއްވެސް ވަނީ ބައްލަވައިލައްވާފައެވެ.

މާލޭގައި ކެމިކަލް ގުދަނެއް ގޮވައިގެން ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާޔާ ގުޅިގެން މާލޭ ސަރަޙައްދުގެ ކެމިކަލް ގުދަންތައް ތިލަފުއްޓަށް ބަދަލުކޮށްފައި ވާއިރު، ތިލަފުށީގައި އެޗް.ޑީ.ސީ އިން ހިންގާ ކެމިކަލް ގުދަނުގައި 34 ޔުނިޓް ވަނީ ޤާއިމުކޮށްފައެވެ. އަދި، މި ގުދަނުގެ ޔުނިޓްތަކަކީ އަމިއްލަ ފަރާތްތަކަށް ވިޔަފާރީގެ އުޞޫލުން ކުއްޔަށް ދޫކޮށްފައިވާ ޔުނިޓްތަކެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.