ޖޭޕީގެ ރައީސަކަށް އަލީ ވަހީދު ހުރުމުން މެމްބަރުން ކަންބޮޑުވޭ: އަލްހާން

ޖޭޕީގެ ރައީސަކަށް އަލީ ވަހީދު ހުރުމުން މެމްބަރުން ކަންބޮޑުވޭ: އަލްހާން

ވެރިކަން ކުރަމުންދާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ރައީސް ކަމުގެ މަޤާމުގައި ޖިންސީ ފުރައްސާރައިގެ ގިނަ ދައުވާތަކެއް އުފުލާފައިވާ އަލީ ވަހީދު ހުރުމަކީ ޖޭޕީގެ މެމްބަރުން ނުހަނު ކަންބޮޑުވާ ކަމެއްކަމަށް އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ ރައީސް ކަމުން ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އިސްތިއުފާ ދޭން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެންބަރު އަލީ ހުސައިންވެސް ވަނީ ވިދާޅުވެފައެވެ. އަލީ ވަހީދަށް ބޮޑެތި ތުހުމަތުތަކެއްކޮށް ދައުވާ ކޮށްފައިވާއިރުވެސް އޭނާ އަދިވެސް ހުންނެވީ ޖޭޕީގެ ރައީސްކަމުގެ މަޤާމުގައެވެ. އޭނާ މަޤާމުން ވަކިކުރުމަށް ގިނަ ބަޔަކު މީގެ ކުރިންވެސް ޖޭޕީގެ ލީޑަރު ޤާސިމްއަށް ގޮވާލާފައިވެއެވެ.

އަލީ ވަހީދު ޖޭޕީގެ ރައީސްކަމުގައި ބަހައްޓާތީ އެޕާޓީގެ މެމްބަރުން ކަންބޮޑުވުން ފާޅު ކުރަމުންދާ ދަނޑިވަޅުގައި އަލްހާން ވިދާޅުވީ އަލީ ވަހީދު މަޤަމުން ވަކި ކުރުމަކީ ކުރަންޖެހޭ ކަމެއްކަމަށެވެ. އަދި އޭނާ މަޤާމުގައި ދެމި ހުރުމަކީ މެމްބަރުގެ ބޮޑު ކަންބޮޑުވުމެއްކަމަށެވެ.

ޖުމްހޫރީޕާޓީގެ ރައީސްކަމުގެ މަޤާމުގައި ހުރި އަލީ ވަހީދު އަދިވެސް އެ މަޤާމުގައި ދެމިހުރުމަކީ ޕާޓީގެ މެމްބަރުން ކަންބޮޑުވާކަމެއް ކަން ފާހަގަކޮށްލަން.

– ޤާސިމް ޓެގްކޮށް އަލްހާން ކުރެއްވި ޓްވީޓުގައި ވެއެވެ. 

ޢަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާކުރުމުގެ ކުށުގެ ދަޢުވާގައި ޢަލީ ވަހީދު ބައިވެރިވެޑައިގަންނަވަނީ އިނގިރޭސިވިލާތުގައި ހުންނަވައިގެން އޮންލައިންކޮށެވެ. މިގޮތަށް ޝަރީއަތް ކުރިޔަށް ގެންދިޔުމަށް ކްރިމިނަލްކޯޓުން ވަނީ ނިންމާފައެވެ. އެކޯޓުން އެ ގޮތަށް ނިންމާފައިވަނީ ބޭސް ފަރުވާގެ ކަންކަން ނުނިމޭކަމަށް ވިދާޅުވެ އެކޯޓަށް ސިޓީއަކުން ހުށައެޅުމުންނެވެ.

އޮންލައިންކޮށް ޝަރީއަތް ކުރިޔަށް ގެންދިޔުމަކީ ޤާނޫނާއި ހިލާފުކަމެއްކަމަށް ބުނެ ދަޢުލަތުން ސްޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ ބޭއްވުމަށް ވަނީ ތާވަލް ކޮށްފައެވެ. ނަމަވެސް ކޯޓުގެ އިދާރީ ސަބަބުތަކާއި ހެދި އަޑުއެހުން ވަނީ އަންނަ ހަފްތާއަށް ފަސްކޮށްފައެވެ. ޝަރީއަތް ފަސްކޮށްފައިވަނީ އަންނަ ހަފްތާގެ ބުދަ ދުވަހަށެވެ.

ބޭސް ފަރުވާއަށްކަމަށް ވިދާޅުވެ އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރައިވަޑައިގަތީ ހަތަރު މަހުގެ މުއްދަތަކަށް ކޯޓުން ދިން ހުއްދަޔާއެކުއެވެ. އެހެންނަމަވެސް މިހާތަނަށްވެސް އަލީ ވަހީދު ރާއްޖެ ވަޑައިގެންފައެއް ނުވެއެވެ.

އަލީ ވަހީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ހިމެނެނީ ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދަޢުވާ އާއި ރޭޕްކުރަން އުޅުމުގެ ކުށުގެ ދަޢުވާ އާއި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދަޢުވާ އާއި ޖިންސީ ގޯނާކުރުމުގެ ކުށުގެ ދަޢުވާ އާއި ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދަޢުވާ އާއި ހުއްދަނޫން ޖިންސީ މުޢާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ 2 ދަޢުވާއެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *