ވެރިކަން ކުރާ އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕްގެ ގިނަ މެމްބަރުންނަކީ ދުވަހުގެ ގިނަ ވަގުތު އަމިއްލަ ނަންވެސް ނޭގޭ ހާލުގައި އުޅޭ މެމްބަރުން ތަކެއް ކަމުގައި ކުރީގެ ކޮމިއުނިކޭޝަން އެންޑް ސައިންސް މިނިސްޓަރ މުޙައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.
ކުރީގެ ހޯމް މިނިސްޓަރު އަދި ރައްޔިތުން މަޖިލީހުގެ ވިލުފުށީ ދާއިރާގެ އެމްޑީޕީ މެންބަރު ހަސަން އަފީފަކީ އެމްޑީޕީގެ މަޖިލީސް މެމްބަރެއްކަމާމެދު އެޕާޓީގެ ޕީޖީ ލީޑަރ އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު ޢަލީ އާޒިމް ސުވާލު އުފައްދާފައިވާތީ މަލީހު ވިދާޅުވީ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ގިނަ މެމްބަރުންނަކީ ގިނަ ވަގުތު އަމިއްލަ ނަންވެސް ނޭގޭ ހާލުގައި އުޅޭ މެމްބަރުންތަކެއްކަމަށެވެ. އެމްޑީޕީގެ ސުޕަ މެޖޯރިޓީ މަޖިލިސްގައި ގައުމު އޮޔާދާކަމީ މިއަދު ފެންނަމުންދާ ހިތްދަތި މަންޒަރު ކަމަށް މަލީހު ވިދާޅުވިއެވެ.
އެމްޑީޕީ ޕީޖީ ގްރޫޕުގެ ގިނަ މެމްބަރުންނަކީ ދުވަހުގެ ގިނަ ވަގުތު އަމިއްލަ ނަންވެސް ނޭގޭ ހާލުގައި އުޅޭ ބައެއް. ދެން ކިހިނެތްތޯ އެހެންމީހަކުގެ ހުރި ތަނެއް, ހުރި ހާލަތެއް ހުރި ޕާޓީއެއް އެގޭނީ. މިވެރިންގެ ބެލުމުގައި ޤައުމު އޮޔާދަނީ.
– މަލީހު ވިދާޅުވިއެވެ.
ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް މިހާރު އަދާލަތު ޕާޓީގެ މެންބަރަކަށް ނުވާކަންވެސް ޔަގީން ނުވާކަމަށް ހަސަން އަފީފް ވިދާޅުވެފައިވާ ވިދާޅުވުމަކަށް އިޝާރާތްކުރައްވާ އާޒިމް ވިދާޅުވީ އެމްޑީޕީގެ އެއްވެސް މަޖިލީސް މެމްބަރަކު އެފަދަ ގޮތަކަށް ވިދާޅުވާނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ.
އާޒިމް މިފަދަގޮތަކަށް ވިދާޅުވެފައި ވީނަމަވެސް ދިވެހި ޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އަފީފް ވިދާޅުވީ ފަހަރެއްގައި ރައީސުލްޖުމްހޫރިއްޔާ އަކީވެސް އަދާލަތު ޕާޓީގެ ބޭފުޅަކަށްވެފައި ހުރެދާނެ ކަމަށެވެ.
އަފީފް ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއިން އެމަނިކުފާނުގެ ހަށިކޮޅަށް އެތައް ޒަޚަމެއް ލިބިފައިވީ އިރުވެސް “މާ ބޮޑު ކަމެއް ނުވާ” ކަމާއި ނަޝީދުގެ ހާލުކޮޅު ރަނގަޅު ކަމަށް އަދާލަތު ޕާޓިއަށް ނިސްބަތްވާ ހޯމް މިނިސްޓަރު އިމްރާން ވިދާޅުވި ކަމަށާއި، ރައީސް ޞާލިހްގެ އެންމެ އަރިސް ބޭފުޅުންގެ ގޮތުގައި މިހާރު ތިބީ އަދާލަތު ޕާޓިގެ މެންބަރުންކަމަށެވެ.
އަފީފްގެ މިވާހަތަކަށް އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ނާއިބް ލީޑަރު ހުސެއިން ޝަހީމްވެސް ވަނީ ރައްދު ދީފައވެެ. ފަހަކަށް އައިސް އަފީފް ގެންދަވަނީ ސަރުކާރަށާއި، ރައީސް ޞާލިހުއަށް ފާޑުވިދާޅުވަމުންނެވެ.
ކޮމެންޓު ފޮނުވާ