ޓޯކިއޯ އޮލިމްޕިކްސް ގޭމްސް 2020 ގެ އަންހެނުންގެ ފައިނަލުގައި ޕެނަލްޓީގައި ސްވިޑެން ބަލިކޮށް ފުރަތަމަ ފަހަރަށް ކެނެޑާއިން ރަން މެޑަލް ހޯދައިފިއެވެ.
ޖަޕާނުގެ ޔޮކޮހަމާ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ. ޕެނަލްޓީގައި ކެނެޑާއިން ކުރި ހޯދީ 3-2 ގެ ނަތީޖާއަކުންނެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީވެސް ސްވިޑްންއެވެ. ނަމަވެސް ސްވިޑްންއިން އުފެއްދި 30 ހަމަލާއިން ގޯލަށް ހަ ހަމަލާ އަމާޒު ކުރެވުނުއިރު ކާމިޔާބު ކުރެވޭގޮތް ވީ އެންމެ ހަމަލާއެކެވެ. އެގޮތުން މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 34 ވަނަ މިނެޓްގައި ޖަހާ ލީޑު ނެގީ ސްވިޑްންއިންއެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސްޓިނާ ބްލެކްސްޓެނިއަސްއެވެ. މިމެޗްގައި ކެނެޑާއިން އެއްވަރު ކުރި ލަނޑު މެޗްގެ 67 ވަނަ މިނެޓްގައި ޖަހާދިނީ ޖެސީ ފްލެމިންގއެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ދެޓީމުންވެސް 1-1 ގެ ނަތީޖާއަކުން އެއްވަރު ވެފައިވުމާއިއެކު، އިތުރު ވަގުތުގެ ދެ ހާފު ވަނީ ކުޅެފައެވެ. އަދި އިތުރު ވަގުތުގައި ނަތީޖާ ނުނެރެވުމުން ވަނީ ޕެނަލްޓީ ޖަހައިފައެވެ. ޕެނަލްޓީގައި ކެނެޑާ ކުރި ހޯދީ 3-2 ގެ ނަތީޖާއަކުންނެވެ.
މިކާމިޔާބީއާއެކު ވޭތުވެދިޔަ ދެ މުބާރާތުގައިވެސް ތިންވަނަ ހޯދި ކެނެޑާއަށް މިވަނީ ފުރަތަމަ ފަހަރަށް އޮލިމްޕިކްސްގައި އަންހެން ފުޓްބޯޅައިން ރަންމެޑަލް ހާސިލް ކުރެވިފައެވެ.