މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓު ހަމަލާގެ މައުލޫމާތު، އެހަމަލާ ދިނުމުގެ ކުރިން އާންމު ފަރާތަކުން ދިނުމާއި ގުޅިގެން އެމައުލޫމާތު ފުލުހުންނަށް ހިއްސާ ނުކުރުމަކީ މެމްބަރު އިލްޔާސް ލަބީބު ހެދި ގޯހެއްކަމަށާއި، މިކަމުގައި އޭނާއަށް ދައުވާ ކުރެވޭނެ ހާލަތެއް އޮވެދާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ޑެޕިއުޓީ ޕީޖީ ލީޑަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓު ހަމަލާގެ މައުލޫމާތު، އެހަމަލާ ދިނުމުގެ ކުރިން އާންމު ފަރާތަކުން ދިނުމާއި ގުޅިގެން ޑިފެންސް މިނިސްޓަރ މާރިޔާއާއި ހިއްސާ ކުރުމުން، އެމައުލުމާތު ފުލުހުންނަށާއި، ސީޕީއަށް ދެއްވުމަށް ވިދާޅުފައި ނުވާކަމަށް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
އިލްޔާސްއަމަށް މިމައުލޫމާތު ލިބުނުކަމަށް މިނިސްޓަރ މާރިޔާއަށް އެންމެގެވި ނަމަވެސް އިލްޔާސްވެސް އަދާކުރައްވަން ޖެހޭ ޤާނޫނީ ޒިންމާ އަދާނުކުރައްވާ ކަމަށް "އަވަސް" އަށް ދެއްވި އިންޓަރވިއުއެއްގައި ހުސެއިން ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ އެފަދަ މައުލޫމާތެއް ލިބިވަޑައިގެން ހުންނަވާ ފުލުހުންނާއި ހިއްސާ ނުކުރެއްވުމަކީ ގޯހެއް ކަމަށެވެ. އަދި މަޖިލީސް ރިޕޯޓް ނެރުނު ފަހުން އެފަދަ މައުލޫމާތެއް މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) އަށްވެސް ލިބިވަޑައިގެންފައިވާ ކަމަށް އޭނާ ވިދާޅުވެފައިވާ ކަމަށެވެ.
ނަމަވެސް އެއިން އެއްވެސް ބޭފުޅަކު އެ މައުލޫމާތު ފުލުހުންނާއި ހިއްސާކޮށްފައި ނުވުމަކީ ގޯހެއް ކަމަށެވެ. އަދި ނަޝީދަށް އަމާޒުކުރި ހަމަލާއާ އެ ބޭފުޅުންނަށް ލިބިވަޑައިގެންނެވި މައުލޫމާތާއި އެއްވެސް ގޮތަކުން ގުޅޭނަމަ އެ ބޭފުޅުންގެ މައްޗަށް ދައުވާ ކުރެވޭނެ ކަމަށް ހުސައިން ވިދާޅުވިއެވެ.
މަޢުލޫމާތު ލިބިފައިވާގޮތުގައި މެންބަރު އިލްޔާސް ވަނީ ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީއާއި ފޯނުން ގުޅުއްވާ 3 މިލިއަން ޑޮލަރަށް ރައީސް ނަޝީދަށް ބަޔަކު ހަމަލާ ދިނުމަށް ރާވަމުންދާކަމަށް ވިދާޅުވެފައެވެ. އެވާހަކަފުޅާއި ގުޅިގެން މާރިޔާ ވަނީ ރައީސް ނަޝީދުގެ ސެކިއުރިޓީ ކަންކަން އެމްއެންޑީއެފް އިން ބަލަމުންދާނެކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެކަމުގައި ހިމެނޭ ޖިނާއީ ކަންކަން ފުލުހުންނަށް އެންގުމަށް މިނިސްޓަރ ވަނީ އިލްޔާސްއަށް ދަންނަވާފައެވެ. މިއާއެކު މެންބަރުވެސް ވަނީ މިނިސްޓަރ އެކަން ފުލުހުންނަށް އަންގައިދިނުމަށް އެދިވަޑައިގެންފައެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ނުރައްކާތެރި ހަމަލާއެއް ދީފައިވާއިރު، އެހަމަލާގެ ކުރިން ހަމަލާއެއް ރާވަމުންދާކަމުގެ މަޢުލޫމާތު އެމްއެންޑީއެފް އަށް އެނގިފައިވާކަން މިވަނީ ހާމަވެފައެވެ. ނަމަވެސް ސަލާމަތީ ޚިދުމަތަކުގެ އިންޓަލިޖަންސްއަށް އެ ހަމަލާ ދޭން އުޅޭކަމުގެ މަޢުލޫމާތު އެނގިފައިނުވާތީ ވަނީ ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެފައެވެ. އެމްއެންޑީއެފް އިންވެސް ވަނީ ރައީސް ނަޝީދަކީ ހައި ރިސްކު ބޭފުޅެއްކަމުން އަބަދުވެސް ސެކިއުރިޓީ ފޯރުކޮށްދެމުން އައިސްފައިވަނީ އެކަމަށް ބަލައިގެންކަމަށެވެ.
ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރުވެސް ވަނީ ރައީސް ނަޝީދަށް ހަމަލާއެއް ދީފައިވާއިރު، ޢާންމުނަށްވެސް އެކަމުގެ އެެއްވެސް ހިލަމެއް ނުވަނީތޯ ޕްރެސްކޮންފަރެންސެއްގައި ވިދާޅުވެފައެވެ. މިއާއެކު ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެފައިވެއެވެ.
މެއި މަހުގެ 6ވަނަ ދުވަހުގެރޭ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް އެއްޗެއް ގޮއްވާލާ ދިން ހަމަލާގައި އެމަނިކުފާނަށް ސީރިއަސް ޒަހަމްތަކެއް ލިބިވަޑައިގެން ގިނަ އޮޕަރޭޝަންތަކެއް ވަނީ ކޮށްފައެވެ. ރައީސް ނަޝީދަށް ހަމަލާދިނުމަށް ބޭނުންކުރި ބޮން ހަދާފައިވަނީ އޭގައި ގިނަ އަދަދެއްގެ ރޭޒާފުކާއި އެހެނިހެން ގެއްލުންދޭ ތަކެތި ހިމަނައިގެންކަމުން މި ބޮން ގޮއްވާލުމާއި އެކު މިތަކެތިވަނީ ރައީސް ނަޝީދުގެ ހަށިކޮޅުގެ ތެރެއަށް ވަދެފައެވެ. މިތަކެތި ނެގުމަށް ޑޮކްޓަރުންގެ ޓީމުންވަނީ 16 ގަޑިރުވަންދެން ސީރިއަސް އޮޕަރޭޝަންތަކެއް ކޮށްފައެވެ.
ކޮމެންޓު ފޮނުވާ