ރައީސް ޔާމީން ވެރިކަމަށް ގެނައުމަށް އަތޮޅުތަކަށް ކުރާ ދަތުރު ފަށައިފި

ރައީސް ޔާމީން ވެރިކަމަށް ގެނައުމަށް އަތޮޅުތަކަށް ކުރާ ދަތުރު ފަށައިފި

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ގެނައުމަށް ކުރާ މަސައްކަތުގައި އަތޮޅު ތެރޭގެ ރަށްތަކަށް ކުރާ ސިލްސިލާ ދަތުރުތައް މިއަދ ފަށައިފިއެވެ.

"މަ ވެސް ޕީޕީއެމް" ނަމުގައި އިދިކޮޅު ކޯލިޝަންގެ މައި ޕާޓީ ކަމުގައިވާ ޕީޕީއެމްއަށް މެންބަރުން އިތުރު ކުރުމަށާއި ޕީޕީއެމްގެ ރިޔާސީ މެނިފެސްޓޯއަށް ޚިޔާލުތައް އެއްކުރަން ކުރާ ދަތުރުގެ ފުރަތަމަ މަންޒިލަކީ ހއ.އަތޮޅެކެވެ.

އަތޮޅު ދަތުރުތައް ރޭވިފައިވާ ގޮތާއި ގުޅޭގޮތުން ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ޕީއެންސީގެ ނައިބް ރައީސް އިބްރާހީމް ޝުޖާ ވިދާޅުވީ، މިދަތުރަކީ، ކުރިއަށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ޕީޕީއެމް، ޕީއެންސީން އެކުލަވާލާ ރައީސް ޔާމީންގެ މެނިފެސްޓޯ އެކުލާލުމަށާއި، ޕާޓީއަށް މެމްބަރުން އިތުރު ކުރުމަށާއި، މެމްބަރުންގެ އަޑު ގާތުން އެހުމަށް ރޭވިފައިވާ ދަތުރުތަކެއްކަމަށެވެ.

ހއ.ގެ 14 ރަށަށް ކުރާ މިދަތުރުގައި ދެޓީމަކަށް ބަހާލައިގެން ދަތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އެއްޓީމުގައި އިސްކޮށް ހަރަކާތްތެރިވާނީ ޕީޕީއެމްގެ ނާއިބް ރައީސް އަދި ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫނެވެ. އަނެއް ޓީމުގައި އިސްކޮސް ބައިވެރިވަނީ ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި ޕީއެންސީގެ ނާއިބް ރައީސް މުހައްމަދު ސައީދުއެވެ.

މިދަތުރުތަކުގައި މަވެސް ޕީޕީއެމް ކެމްޕެއިންގެ ދަށުން ޕާޓީއަށް މެމްބަރުން އިތުރު ކުރުމުގެ ހަރަކާތްތައްވެސް ކުރިއަށްދާނެކަމަށް ޝުޖާ ވިދާޅުވިއެވެ. މީގެ އިތުރުން ހއ.އަތޮޅުގެ ރައްޔިތުން ނިމިދިޔަ ކައުންސިލް އިންތިޚާބުގައި ޕީޕީއެމް ޕީއެންސީއަށް ދީފައިވާ އިތުބާރާއި ޔަގީންކަމަށްޓަކައި، ލީޑަރޝިޕުން ދޭންބޭނުންވާ ޔަގީންކަމާއި، މުހިންމު މެސެޖްތައް މިދަތުރުގައި ދޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ޕީޕީއެމްގެ ލީޑަރޝީޕުން މިކުރާ ދަތުރުގައި ހއ. އަތޮޅުގެ ރަށްތަކަށް ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 7 އިން 14 އަށެވެ. މިދަތުރަށްފަހު މިމަހުގެ ތެރޭގައި އައްޑޫ ސިޓީއަށް ދިއުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި މިދަތުރުތަކުގައި ކުރިއަށް އޮތް ދުވަސްތަކުގައި މުޅި ރާއްޖެ ކަވަރު ކުރެވޭނެހެން ދަތުރުތައް އިންތިޒާމު ކުރަމުންދާކަމަށް ޝުޖާ ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *