ސަރޗް އެންޑް ރެސްކިއު އެޕަރޭޝަން ތަކަށާއި ބަލިމީހުން އުފުލުމަށް އިންޑިއާއިން ދިވެހި ސިފައިންނަށް ހަދިޔާކުރި މަތިންދާބޯޓުގައި ބަލިމީހަކު ފުރަތަމަ ފަހަރަށް އުފުލައިފިއެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، ކޭއާރުއެޗްގައި އޮތް ހާލު ދެރަ އުމުރުން 78 އަހަރުގެ ދިވެހި ފިރިހެނެއް ރޭ ދަންވަރު ވަނީ އެމްއެންޑީއެފްގެ ޑޯނިއާ މަތިންދާބޯޓުގައި މާލެގެނެސްފައެވެ. ކުޅުދުއްފުށީގައި އެއަރޕޯޓެއް އޮތް ނަމަވެސް ރޭގަނޑު ފްލައިޓް އޮޕަރޭޓް ކުރެވޭނެހެން ލައިޓް ސިސްޓަމް ގާއިމް ވެފައި ނެތުމުން މި ދަތުރު ކޮށްފައި ވަނީ އެމްއެންޑީއެފްގެ ޑޯނިއާ ފްލައިޓް ބާއްވަން ހަމަޖެހިފައި އޮންނަ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުންނެވެ.
މިއީ މި ބޯޓު މިދިޔަމަހު އިންޑިއާއިން ރާއްޖެ ގެނައި ފަހުން މި ބޯޓުގައި ކުރެވުނު މެޑިކަލް ފުރަތަމަ ދަތުރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މިދިޔަ މަހުގެ 29 ވަނަދުވަހު ރާއްޖެގެނައި މި ބޯޓަކީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމަށާއި، ދިވެހިރާއްޖޭގެ މަސްކަނޑުތަކުން ޤަވާޢިދާ ޚިލާފަށް މަސްވެރިކަންކުރާ ފަރާތްތައް މޮނިޓަރކުރުމަށާއި، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބޭނުންކޮށްގެން ކުރެވޭ ޑްރަގާއި މަނާ އެހެނިހެން ތަކެތީގެ ވިޔަފާރިއާއި އިންސާނީ ވަގުފާރި ހުއްޓުވުމަށާއި، ކަނޑުމަތީގައި ޙާލުގައި ޖެހޭ ފަރާތްތައް ހޯދުމަށާއި، އެއްތަނުން އަނެއްތަނަށް ބަލިމީހުން އުފުލުމުގެ އިތުރުން އެހެނިހެން އިންސާނީ އެހީ ފޯރުކޮށްދިނުމަށް ބޭނުންކުރާނެ ބޯޓެއްކަމަށް އެމްއެންޑީއެފުން ބުނެއެވެ.
މިއީ 2016 ވަނަ އަހަރުން ފެށިގެން އިންޑިއާއިން ދިވެހިރާއްޖެއަށް ހޯދުމަށް މަސައްކަތްކުރެވެމުންދިޔަ މަތިންދާ ބޯޓެކެވެ. މި ބޯޓު ރާއްޖޭގައި އޮޕަރޭޓްކުރަނީ ދިވެހި ދިދައާއި ކުލަތަކާއެކު، އެމްއެންޑީއެފްގެ ޕައިލެޓުން ވެސް ޙަރަކާތްތެރިވާ ގޮތަށް އިންޑިއާ ސިފައިންގެ އެހީތެރިކަމާއެކު އެވެ.
ކޮމެންޓު ފޮނުވާ