ގޯނި ގޯނީގައި ފައިސާ ނަގަމުންދާއިރު، ސަލާމަތަށް ހޭދަކުރަނެ ފައިސާ ނެތުމަކީ ރައްޔިތުންނަށްކުރާ ފުރައްސާރައެއް: ބޮންޑެ

ގޯނި ގޯނީގައި ފައިސާ ނަގަމުންދާއިރު، ސަލާމަތަށް ހޭދަކުރަނެ ފައިސާ ނެތުމަކީ ރައްޔިތުންނަށްކުރާ ފުރައްސާރައެއް: ބޮންޑެ

Author
މުޙައްމަދު ޖިމީ
06 އޮގަސްޓް 2021 07:06
0

ސަރުކާރުތެރޭގައި ތިބެ ބަދަލުގެ ނަމުގައި ގޯނިގޯނީގައި ފައިސާ ނަގަމުންދާއިރު، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭދަކުރާނެ ފައިސާ ނެތްކަމަށް ބުނުމަކީ ރައްޔިތުންނަސް ކުރެވޭ ފުރައްސާރައެއްކަަމށް ވިދާޅުވެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

ބޮންޑެ ސަރުކާރަށް މިފަދައިން ފާޑުވިދާޅުވެފައިމިވަނީ، ބޮޑެތި ކުށްތަކުގައި ތުހުމަތު ކުރެވޭ ފަރާތްތައް މޮނިޓާ ކުރުމަށް މޮނިކޮން އަމުރުގެ ދަށުން އެމީހުންގެ ފައިގައި އަޅުވާ “މޮނިކޮން ޓެގް” ހުސްވެފައިވާކަން ފުލުހުން ހާމަކުރެއްވުމައި ގުޅިގެންނެވެ.

އެކަމަށް ފާޑުވިދާޅުވެ ބޮންޑެ ވިދާޅުވީ، ސަރުކާރުތެރޭގައި ތިބެ ބަދަލުގެ ނަމުގައި "ގޯނިގޯނީގައި ބަސްތާ ބަސްތާގައި" ރުފިޔާ ނެގޭ އިރު ރައްޔިތުންގެ ސަލާމަތާރައްކާތެރިކަމަށް ހޭދަކުރާނެ ރުފިޔާނެތޭ ބުނުމަކީ ރައްޔިތުންނަށް ކުރެވޭ ފުރައްސާރައެއްކަމަށެވެ. އަދި އެފަދަ ކަމަކަށް ހޭދަކުރާނެ ފައިސާ ނެތްކަމަށް ހޯމް މިނިސްޓްރީން ބުނުމަކީ ނުރައްކަލެއްކަމަށްވެސް ބޮންޑެ ވިދާޅުވިއެވެ.

ދައުލަތުގެ އެންމެ އިސް ގާނޫނީ ވާޖިބަކީ ރައްޔިތުންގެ މުދަލާ ފުރާނައިގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުން ކަމަށް ވީހިނދު މިކަމަށް ބޭނުންވާ " އެންމެ 2 މިލިއަން ރުފިޔާ ވެސް ނެތްކަމަށް ހޯމްލޭންޑް ސެކިއުރިޓީ އަޑީ ވުޒާރާއިން ބުނުމަކީ ނުރައްކާތެރި ސިގްނަލެއް.!

– މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު

އެމްޑީޕީގެ “މެއި ހައެއް” ކޮމިޓީގެ މުގައްރިރު އަދި މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ޙަސަން އަފީފު ވިދާޅުވީ މޮނިކޮން އަމުރުގެ ދަށުން، ކުށްތަކުގައި ތުހުމަތުކުރެވޭ މީހުންގެ ފައިގައި އަޅުވަން ބޭނުންކުރާ ޓެގުގެ ސްޓޮކް ހުސްވެފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވާ ކަމަށެވެ.

އަފީފް ވިދާޅުވީ މީގެ ކުރިން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއާ އެކު އެ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި މިނިސްޓަރުވެސް، މޮނިކޮން ޓެގް ހުސްވެފައިވާކަން ފާހަގަ ކުރައްވާފައި ކަމަށެވެ.

“އެކަމަކު ވެސް މޮނިކޮން އަމުރު ނެރެފާއިވާ ފަރާތްތައް މޮނީޓާ ކުރާ ކަމަށާއި ޓެގު ހޯދުމުގެ މަސައްކަތް ކުރާ ކަމަށް ވެސް ފުލުހުން ބުނި،”

– އަފީފު

އަފީފް ވިދާޅުވީ މޮނިކޮން ޓެގް ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާއިރު އޭގެ 100 ޓެގް ހޯދުމަށް އެއް މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށާއި އެއީ ސަރުކާރުން ނުކުރެވޭނެ ވަރުގެ ހަރަދެއް ނޫން ކަމަށެވެ.

އަފީފް ވިދާޅުވީ ބަޖެޓުގައި އެ އަދަދު ދޫކުރެވެން ނެތް ނަމަވެސް ކޮންޓިންޖެންސީ ބަޖެޓުން އެވަރުގެ އަދަދެއް ދޫކުރެވިދާނެ ކަމަށް ބެލެވޭ ކަމަށެވެ. އެހެންކަމުން އެ އަދަދު ދޫކުރުމަށް ފިނޭންސް މިނިސްޓަރަށް ދަންނަވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ނެރޭ މޮނިކޮން އަމުރަކީ ބޮޑެތި ކުށުގެ ތުހުމަތު ކުރެވޭ މީހުން އުޅޭނޫޅޭ ގޮތް ބަލައި، މޮނިޓާ ކުރުމަށް ހޯމް މިނިސްޓަރު ހުށަހަޅާ ހުށަހެޅުމަކަށް ބިނާކޮށް، ހައި ކޯޓުން ނެރޭ އަމުރެކެވެ. މި އަމުރާ ހިލާފުވުމުގެ އަދަބަކީ 18 މަސް ދުވަހުގެ ޖަލުހުކުމެކެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.