ބިލެތްދޫ ދާއިރާގެ ތަރައްޤީއަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ހުރަސްއަޅުއްވާތީ އެކަމުގެ ކަންބޮޑުވުން އެދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލޭ) ފާޅު ކުރައްވައިފިއެވެ.
ރޭ ބޭއްވި އެމްޑީޕީގެ ޤައުމީ މަޖިލީހުގައި ވާހަކަ ދައްކަވަމުން ދޮންބިލޭ ވިދާޅުވީ ދާއިރާގެ ތަރައްޤީގެ ކަމެއްގައި އިއްޔެ އަކްރަމަށް ގުޅާލުމުން އޭނާގެ އަތުގައި އެމްއެމްޕީއާރުސީގެ ފައިސާ ހުރިކަމަށްބުނެ ޖެއްސުމުގެ ރާގަކަށް ވަހަކަ ދެއްކެވި ކަމަށެވެ. އަދި އެގޮތަށް ވާހަކަ ދެއްކެވުމުން ސާފުކުރަން ބޭނުންވަނީ ދާއިރާގެ ފީއަލީ ބިންހިއްކުމާއި، އެއާޕޯރޓްގެ މައުލޫމާތުކަމަށް ދެންނެވުމުން ޖަވާބު ނުދެއްވައި ފޯނު ކަޑާލީކަމަށެވެ. އަކްރަމަށް ދެވަނަ ފަހަރަށް ގުޅާލުމުންވެސް އޭނާ ފޯނު ނުނެންގެވިކަމަށް ދޮންބިލޭ ވިދާޅުވިއެވެ.
ދޮންބިލޭ ވިދާޅުވީ ދައުލަތުގެ މިނިސްޓަރުންގެ ފެންވަރު ބޭފުޅުން މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ މެމްބަރުންނަށް މިގޮތަށް ޖެއްސުން ކުރާނަމަ ދައިރާތަކުގައި އެމްޑީޕީއަށް ތާއީދު ހޯދަން ވަރަށް އުނދަގޫވާނެކަމަށެވެ. އަދި މިގޮތަށް ޖެއްސުން ކުރާކަމުގައިވާނަމަ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީއަށް ތާއީދު ނުލިބުމަކީވެސް އެކަށީގެންވާ ކަމެއްކަމަށެވެ.
އަޅުގަނޑު މިރޭ ކޮންމެހެންވެސް ދަންނަވާލަން ބޭނުން އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ލިސްޓުގައި ހިމެނޭ ބޭފުޅެއް، މަޖިލީހުން އާންމުކުރި ލިސްޓުގައި ހިމެނޭ ބޭފުޅެއް، މަޖިލީހުން އެލިސްޓު ނެރުމާއި ގުޅިގެން ޒާތީވުމަކީ މައްސަލައެއް. އަކްރަމް ކަމާލުއްދީން އަޅުގަނޑުގެ ދައިރާގެ ތަރައްޤީއަށް ހުރަސްއެޅުމަކީ ވަރަށް ހިތާމަހުރިކަމެއް. އަޅުގަނޑު ރައީސަށްވެސް ދަންނަވަން ބޭނުން އަޅުގަނޑުމެންނަށް މިގޮތަށް ޖެއްސުން ކުރާ މީހުންނާހެދި އަޅުގަނޑުމެންނަށް ތާއީދު ހޯދަން ވަރަށް އުދަނގޫވާނެއޭ.
– ދޮންބިލޭ ވިދާޅުވިއެވެ.
ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި މާލެ ސިޓީން އެމްޑީޕީ ބަލިވީ އެމްއެމްޕީިއާރުސީގެ މައްސަލައާއި، މަރުތަކަށް އިންސާފު ނުހޯދުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ޚަލީމް (ދޮންބިލޭ) ވަނީ ވިދާޅުވެ އަކްރަމްއަށް ނިސްބަތްވާ ގޮތަށް ވާހަކަ ދައްކަވާފައެވެ. އަކްރަމްކަމާލުއްދީނަކީ މަޖިލީހުން އާންމުކުރި އެމްއެމްޕީއާރުސީގެ ފައިސާ ނެގި ލިސްޓުގައި ނަން އޮތް ބޭފުޅެކެވެ.
އަކްރަމްކަމާލުއްދީން ވަނީ މިހާކަތަކަށާއި، އަދި ރައީސް ނަޝީދުގެ ސިޔާސަތުތަކަށް ފަހަކަށް އައިސް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. އެގޮތުން ނޯތު ކޮރެއާގެ ރައީސް އެޤައުމު ހިންގާގޮތަށް ޕާޓީއެއް ނުހިންގޭނެކަމަށް ވިދާޅުވެ، އަކްރަމް ވަނީ ނަޝީދަށް ފާޑުވިދާޅުވެފައެވެ.